ޚަބަރު

ސްކޮލަރޝިޕްތަކާއެކު ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ ފަށައިފި


ފަންނީ ހުނަރުވެރިކަމުގެ ދާއިރާއިން، ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ހުރި ދާއިރާތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ "ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022" ފަށައިފިއެވެ.

މި އެކްސްޕޯ ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހަޔަރަ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަންއާއި މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަހްލޫފްއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް ގުޅިގެން ބާއްވާ މި އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މި އެކްސްޕޯގައި ޖުމްލަ 35 ސްޓޯލް ގާއިމްކޮށްފައިވެއެވެ.

ފަންނީ ހުނަރުވެރިކަމުގެ ދާއިރާއިން، ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ހުރި ދާއިރާތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމާއި ޒުވާނުން ފަންނީ ހުނަރުވެރިކަމުގައި ދާއިރާގައި ހަރަކާތްތެރިވުމަށް ހިތްވަރުދީ އެދާއިރާއަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މި އެކްސްޕޯގައި މިނިސްޓްރީތަކުގެ އިތުރުން ސަރުކާރު ހިއްސާވާ އިދާރާތަކާއި އޮފީސްތަކުން ބައިވެރިވެއެވެ.

މި އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން ވިދާޅުވީ ޒުވާނުންނަކިީ ފަންނީ، ހުނަރުވެރި ބަޔަކަށް ހެދުމަށް މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އަދި ޒުވާނުންނަކީ ގާބިލް މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ މި އެކްސްޕޯގެ ތެރެއިން ގުރުއަތުން ހޮވޭ ހަތަރުފަރާތަކަށް ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވާފައެވެ.

"ސްޕެއިންގެ ބަސެލޯނާގައި ޕައިލެޓްކަން ކިޔަވަން ދޭ ސްކޮލަރޝިޕަކާއި، މެލޭޝިއާގައި ކަލިނަރީ އާޓްސްގެ ދާއިރާއިން ޑިޕްލޮމާ ފެންވަރަށް ކިޔެވުމަށް ފުރުސަތު ދިނުމާއި، މެލޭޝިއާގައި އިންޓީރިއާ ޑިޒައިނިންގެ ދާއިރާއިން ޑިޕްލޮމާ ފެންވަރަށް ކިޔަވަންދޭ ފުރުސަތުގެ އިތުރުން، ޖޯޑަންގައި އެއަރކްރާޕްޓް މެއިންޓަނަންސް ދާއިރާއިން ޑިޕްލޮމާ ފެންވަރަށް ކިޔެވުމަށް ދޭ ސްކޮލަރޝިޕެއްގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވޭ."ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން ވިދާޅުވިއެވެ.

މި އެކްސްޕޯގައި ވަޒީފާގެ ފުރުސަތުތަކާއި، ތަމްރީނުގެ ފުރުސަތުތަކުގެ އިތުރުން ހޭލުންތެރިިކަމުގެ މައުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފަތުރުވެރިކަމާއި، މަސައްކަތްތެރިކަމުގެ އިތުރުން އެހެން ބައެއް ސިނާއަތްތަކާއި ގުޅުން ހުރި މައުލޫމާތުތައް ވެސް މި އެކްސްޕޯގެ ތެރެއިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އެކްސްޕޯގެ ތެރޭގައި، މަސައްކަތްތެރިކަމުގެ ހުނަރުގެ ދާއިރާގެ ތަފާތު މައުޟޫޢުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ޕެނަލް ޑިސްކަޝަންތަކެއް ވެސް ބާއްވަން ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ކުޑަކުދިންނާއި ގުޅުން ހުރި ބައެއް ހަރަކާތްތައް ވެސް މި އެކްސްޕޯގެ ތެރޭގައި ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.