ޚަބަރު

"އާސްކް ސްޕީކަރ" ގެ 6 ވަނަ ޕްރޮގްރާމް އަންނަމަހު


ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި ގޮތުން ރައްޔިތުން ޢާންމުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބާއްވަވާ "އާސްކް ސްޕީކާ"ގެ 6 ޕްރޮގްރާމް އަންނަ މަހު ބޭއްވުމަށް ނިންމައިފިއެވެ.

ރައްޔުތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ އާސްކް ސްޕީކާގެ 6 ވަނަ ޕްރޮގްރާމް އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު މެންދުރު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މި ފަހަރުގެ ޕްރޮގްރާމް ކުރިއަށްދާނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު 14:15 ގައި ރައްޔިތުންގެ މަޖިލީހުގެ 4 ވަނަ ފަންގިފިލާގައިކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

އަދި ބްރޯޑްކާސްޓިން މީޑިއާ އާއި ސޯޝަލް މީޑިއާމެދުވެރިކޮށް ދުރަށްދައްކާނެކަމަށާއި، ރައްޔިތުންގެ ސުވާލުތަކަށް ރައީސް ނަޝީދު ޖަވާބުދެއްވާނެކަމަށްވެސް އެއިދާރާއިން ވިދާޅުވިއެވެ.


ރައީސް ނަޝީދަށް ސުވާލު ކުރަން ބޭނުންވާ ޢާންމުންނަށް މިހާރު ވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ. ފޯނުން ވީޑިއޯ ކުރުމަށް ފަހުވެސް އަދި މެސެޖް ކޮށްގެން ވެސް ސުވާލު ކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި ވަގުތުން ސުވާލު ކުރަން ބޭނުންވާ މީހުންނަވެސް ފުރުޞަތު ހުޅުވާލާފައިވާއިރު، އެމީހެއްގެ ނަން އަދި އައިޑީ ނަންބަރު ޖެހުމަށްފަހު ޑިސެމްބަރު އެއްވަނަ ދުވަހުގެ މެންދުރު 12:00 ޖެހުމުގެ ކުރިން މަޖިލީހަށް ފޮނުވަން އެ އިދާރާއިން ވަނީ އެދިވަޑައިގެންފައެވެ.

އާސްކް ސްޕީކާގެ ފަސްވަނަ ޕްރޮގްރާމް ބާއްވާފައިވަނީ މިދިޔަ ޖޫން 30 ވަނަ ދުވަހުގެ ރެއެވެ.