ޚަބަރު

އަލިފާނުގައި މަރުވި އިންޑިއާ މީހުންގެ ހަށިގަނޑު ޤައުމަށް ފޮނުވާލައިފި


މިމަހުގެ 9 ވަނަ ދުވަހުގެ ރޭ މ.ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އިންޑިއާ މީހުންގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފިއެވެ.

އިންޑިއާ ހައި ކޮމިޝަނުން ވިދާޅުވީ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނޭ އިންޑިއާއަށް ނިސްބަތްވާ 8 މީހުންގެ ހަށިގަނޑު މިހާރު ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި މިހާދިސާއާ ގުޅިގެން ރާއްޖޭގެ އިދާރާތަކުން ދިން އެއްބާރުލުމަށް އެ ކޮމިޝަނުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަލިފާނުގެ ހާދިސާގައި މަރުވި އިންޑިއާ މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނުންނާއި، ހަތަރު ފިރިހެނުންނެވެ. އަލިފާނުގެ ހާދިސާގައި ޖުމްލަ 10 މީހަކު މަރުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ 8 މީހުންނާއި، ބަންގްލަދޭޝްގެ 2 މީހުންނެވެ. ބަންގްލަދޭޝް މީހުންގެ ތެރޭގައި ހިމެނެނީ އަންހެނަކާއި ފިރިހެނެކެވެ.

ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

އަލިފާނުގެ ހާދިސާއަށްފަހު ނިރުފެހިގޭ ސާފު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނިކޮށް އެތަނުން އިންސާނެއްގެ ފައިތިލައެއް ވަނީ ފެނިފައެވެ. ނަމަވެސް އެއީ މަރުވި މީހުންގެ ތެރެއިން މީހެއްގެ ފައިތިލައެއްކަން ބުނަން ނޭނގޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިގޭގައި އަލިފާންގަނޑުގެ ހުޅު ފުރަތަމަ ހިފާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގެ ރޭ 00:26 ހާއިރު ނިރުފެހިގޭގެ ތިރީގައި ހިންގާ ގަރާޖުގައެވެ. އަދި އަލިފާންގަނޑު އެ އިމާރާތުގެ އެހެން ބައިތަކަށް ފެތުރިގެން ގޮސްފައިވަނީ ދޮޅު މިނެޓެއް ތެރޭގައިކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.