ޚަބަރު

ފަރުތަކުގެ ދުޅަހެޔޮކަން ދެނެގަތުމަށް ޚާއްޞަ ފޮޓޯ މައުރަޒެއް


ރާއްޖޭގެ ފަރުތަކަށް އައިސްފައިވާ ބަދަލުތަކާއި ދުޅަހެޔޮކަމުގެ މިންވަރު ދެނެގަތުމަށް ކުރިއަށްގެންދާ "50 ބެސްޓް ސައިޓް ރީފް ހެލްތް ޗެކް ފޮޓޯޝޫޓް" މުބާރާތް މިއަދު ފަށައިފިއެވެ.

މިއީ ޓޫރިޒަމް މިނިސްޓްރީއާއި، ދިރާގާއި، އޯޝަން ޖިއޮގްރަފިކް ސޮސައިޓީ އަދި މޯލްޑިވްސް އެލައަންސް އޮފް ޑައިވް އޮޕަރޭޓަރސް، މަޑޯ ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ފަރުތަކުގެ ދިރުން ބެލުމަށް ކުރިއަށްގެންދާ ފޮޓޯ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ދާނީ ޑިސެމްބަރު 15ގެ ނިޔަލަށެވެ.

މި މުބާރާތުގެ މަޤްސަދަކީ ރާއްޖޭގެ ފަރުތަކުގެ ސިއްޙަތު ބަލާ ފަރުތަތަކަށް އަންނަ ބަލަދުތައް އަހަރުން އަހަރަށް މޮނިޓަރކޮށް، ރާއްޖޭގެ ގުދުރަތީ މާޙައުލު ހިމާޔާތް ކުރުމަށް ކުރަމުންގެންދާ މަސައްކަތަކާއި، ދިވެހިރާއްޖޭގެ ހިތްގައިމު ކަނޑުއަޑި ފަތުރުވެރިންނަށް ދައްކާލުމެވެ.

ފަތުރެވިކަމުގެ ރޮނގުގައި ރާއްޖެ ހޯދަމުން އަންނަ ކާމިޔާބުތަކުގައި ރާއްޖޭގެ ފަރުތަކުގެ ޤުދުރަތީ ރީތިކަން މުހިންމު ދައުރެއް އަދާކުރާކަމަށް ޓޫރިޒަމް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.

މި މުބާރާތުގައި ފޮޓޯ ނެގުމަށް ރާއްޖޭގެ 50 ޑައިވް ސައިޓު ވަނީ ކަނޑައަޅާފައެވެ. މިއިން އެއް ސައިޓަށް ނުވަތަ އެއަށް ވުރެ ގިނަ ސައިޓުގެ ފޮޓޯ ނަގައިގެންވެސް މުބާރާތުގައި ބައިވެރިވެވޭނެއެވެ. ނަމަވެސް ނަގާ ކޮންމެ ސައިޓަކުން 5 ފޮޓޯގެ ޕޯޓްފޯލިއޯއެއް ހުށަޅަން ޖެހެއެވެ.

މި މުބާރާތުގެ ފޮޓޯތައް ބައިނަލްއަޤްވާމީ ޖަޖިން ޕެނަލަކުން ބެލުމަށްފަހު ކޮންމެ ޑައިވް ސައިޓަކުން ހުށަހަޅާ ފޮޓޯތަކުން އެއްވަނަ ދެވަނަ އަދި ތިން އޮނަރަބަލް މެންޝަން ހޮވާނެއެވެ. އަދި މުބާރަތުގައި ފޮޓޯ ހުށަހަޅާ ހުރިހާ ފަރާތްތަކަށްވެސް ރާއްޖޭގެ ކަނޑުއަޑީގެ މުރަކަތަކުގެ ސިއްހަތު ދެނެގަތުމުގެ އެސެސްމަންޓްގައި ބައިވެރިވިކަމުގެ 'ކޮންޓްރިބިއުޝަން އޮފް އެޗީވްމަންޓް' ސެޓްފިކެޓެއް ލިބޭނެއެވެ.