ވިޔަފާރި

އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އިތުރު ފުރުޞަތެއް


ކޯވިޑްގައި ނުރަނގަޅު އަސަރުކުރި ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ދޫކުރާ އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ބީއެމްއެލްއިން އަލުން ހުޅުވާލައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން 2020 ވަނަ އަހަރު ނޮވެންބަރު މަހު ވަނީ އިކޮނޮމިކް ސްޓިމިއުލަސް ލޯން ދޫކޮށްފައެވެ. އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ބީއެމްއެލްއިން ވަނީ ހުޅުވާލާފައެވެ.

ބީއެމްއެލްއިން ބުނީ މި ފެސިލިޓީގެ ދަށުން ވިޔަފާރިތަކަށް 7 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި ލޯނަށް ކަނޑައެޅިފައިވަނީ %6 ގެ ކުޑަ އިންޓްރެސްޓް ރޭޓެކެވެ. އަދި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް 4 އަހަރުގެ މުއްދަތެއް ލިބޭނެކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލް އިން ވަނީމިމަހުގެ 30 އާއި ހަމައަށް އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އީއައިބީ ކޮވިޑް ރިލީފް ލޯނު އަދި އިކޮނޮމިކް ސްޓިމިއުލަސް ލޯނު ކުރިން ލިބިފައިވާ ފަރާތްތަކަށް މި ލޯނަށް ޝަރުތު ހަމައެއް ނުވާނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ޝަރުތު ހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ ލިޔެކިއުންތަކާއެކު [email protected] އަށް އީމެއިލް ކުރެވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.