ވިޔަފާރި

އައިލެންޑް ބެވަރޭޖަސްގެ ފެން ޚާއްޞަ އަގެއްގައި ވިއްކަނީ


އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްއިން އުފައްދާ ފެން މިފްކޯއަށް ޚާއްޞަ އަގެއްގައި ވިއްކުމުގެ އެއްބަސްވުމެއްގައި އައިލެންޑް ބެވަރޭޖަސްއާއެކު މިފްކޯއިން ސޮއިކޮށްފިއެވެ.މިއެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން އައިލެންޑް ބެވަރޭޖަރސްއިން މިފްކޯއަށް ޚާއްޞަ ރޭޓެއްގައި ފެން ފޯރުކޮށްދެވޭނެ ކަމަށެވެ. އެގޮތުން މިފްކޯއިން މަސްވެރިންނަށް ލުއިފަސޭހަ ގޮތެއްގައި އެންމެ އެކަށޭނަ އަގެއްގައި ފެން ދޫކުރުމުގެ ކަންކަން ކުރިއަށްގެންދާނެކަމަށާއި، އައިލެންޑް ބެވަރޭޖަސްއިން އުފައްދާ ތާޒާ ފެން މިފްކޯގެ ހުރިހާ އައުޓްލެޓަކުން ހެޔޮ އަގެއްގައި ލިބެން ފެށުމުން އޭގެ ފައިދާ މަސްވެރިންނަށް ކުރާނެކަމަށް ފަޒުލް ވިދާޅުވިއެވެ.މި ރަސްމިއްޔާތުގައި މިފްކޯގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަހީމް ވިދާޅުވީ، އައިލެންޑް ބެވަރޭޖަސްއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށްވުރެ ބޮޑަށް މަސްވެރިންނާ ގާތުން މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ. އެކުންފުނިންގ ބުނީ މިފްކޯގެ ސެންޓަރުތަކުންނާއި އައިސްޕްލާންޓް ޤާއިމުކޮށްފައިވާ ރަށްރަށުން މަސްވެރިންނަށާއި މުވައްޒަފުންނަށް ތާޒާ ފެން ހެޔޮ އަގެއްގައި ލިބެން ހުންނާނެކަމަށެވެ.