ޚަބަރު

އިންޑިއާގެ މަނަވަރަށް ޒިޔާރަތްކުރުމުގެ ފުރުސަތު އާންމުންނަށް


މިހާރު ރާއްޖެ އައިސް އުޅޭ އިންޑިޔާގެ މަނަވަރުތަކުގެ ތެރެއިން އެންމެ ބޮޑު މަނަވަރު ކަމުގައިވާ އައި.އެން.އެސް އަދިއްތިޔާއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ދިވެހިންނަށް ޢާންމުކޮށް ހުޅުވާލައިފިއެވެ.މިއަދަކީ މަނަވަރަށް ޒިޔާރަތްކުރުމަށް ދިވެހިންނަށް ޢާންމުކޮށް ހުޅުވާލާ ދުވަހެވެ. މަނަރު ބަލާލަން ބޭނުންވާ ކޮންމެ މީހަކަށް މިއަދު ހެނދުނު 9:00 އާއި 12:00އާ ދޭތެރޭގައި އެފުރުޞަތު ހުޅުވާލާފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ހާމަކުރެއެވެ. މި މަނަވަރަށް އަރަން ބޭނުންވާ މީހުން އެ ގަޑީގައި އައިޑީކާޑު ހިފައިގެން ޓީ ޖެޓީ ސަރަޙައްދަށް ދިއުމުން އެފުރުޞަތު ލިބިގެންދާނެ ކަމަށްވެސް އިންޑިއަން ހައިކޮމިޝަނުން ބުނެއެވެ.އައި.އެން.އެސް ވިކްރަމަދިތްޔާ ރާއްޖެއަށް ކުރާ ދަތުރަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، އަސްކަރީ ގޮތުން ދެޤައުމުގެ ދެމެދުގައި އޮތް ފުރިހަމަ އެއްބާރުލުން ރަމްޒުކޮށްދޭ ދަތުރެއްކަމަށް އިންޑިއާގެ ހައިކޮމިޝަނުން ހާމަކުރެއެވެ. މި ތިން މަނަވަރު ރާއްޖެއަށް މިއައީ މި މަހުގެ ހަތަކުން ނުވައަކަށް އިންޑިއާއިން ބޭއްވި އިންޓަނޭޝަނަލް ފްލީޓް ރިވިއުގައި ބައިވެރިވެ، އެ ޙަރަކާތް ނިންމާލުމަށްފަހުގައެވެ.އައި.އެން.އެސް ވިކްރަމަދިތްޔާއަކީ، އިންޑިއާގެ އަސްކަރިއްޔާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކުގެ ތެރެއިން އެންމެ ފަހުން ޚިދުމަތާ ގުޅުނު މަނަވަރެކެވެ. މިއީ، ދުއިސައްތަ އަށްޑިހަ ފަސް މީޓަރު ދިގު، ފަސްދޮޅަސް މީޓަރު ފުޅާ މި މަނަވަރެއް، އަދި މިއީ މި ބޮޑު ޢަސްކަރީ އުޅަނދު އިންޑިއާއިން ބޭރަށް ކުރާ ފުރަތަމަ ދަތުރެވެ. އައި.އެން.އެސް ވިކްރަމަދިތްޔާއާއެކު ރާއްޖެ އައިސްފައިވާ އަނެއް މަނަވަރު އައި.އެން.އެސް ދީޕަކްއަކީ ފްލީޓްގައި ހިމެނޭ އެހެން މަނަވަރުތަކަށް ބޭނުންވާ ސަޕްލައި އުފުލާދޭ މަނަވަރެކެވެ. އައި.އެން.އެސް ދީޕަކްއަކީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު މާލެއަށް ކުރިމަތިވި ފެނުގެ ކާރިޘާއާ ގުޅިގެން ރާއްޖެއަށް ފެނުގެ އެހީ ހިފައިގެންވެސް އައި މަނަވަރެވެ.މާލޭ ބަނދަރުގައި މިހާރު އޮތް އިންޑިއާގެ އެހެން މަނަވަރެއްކަމަށްވާ، އައި.އެން.އެސް މައިސޫރްއަށް އިއްޔެ ވަނީ ފަސް ސަތޭކައަށްވުރެ ގިނަ ދަރިވަރުން ޒިޔާރަތްކޮށް މަޢުލޫމާތު ހޯދާފައިވާކަމަށް އައިއެންއެސް މައިސޫރްގެ އޮފިޝަލުން މައުލޫމާތުދެއްވައެވެ.އައި.އެން.އެސް މައިސޫރަކީ ގައިޑަޑް މިސައިލް ބޭނުންކުރުމުގެ ޤާބިލްކަން ލިބިފައިވާ މަނަވަރެކެވެ. މިމަނަވަރަކީ ހަނގުރާމައިގައި އެންމެ ފުޅާދާއިރާއެއްގައި ޙަމަލާތައް ބަދަލުކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ މަނަވަރެކެވެ. މި މަނަވަރަށް ވައިގެ މަގުންނާއި ކަނޑުމަގުން އަދި ކަނޑު އަޑިން ދޭ ޙަމަލާތަކުން ދިޢުފާއުވުމުގެ ޤާބިލްކަން ލިބިފައިވާއިރު މިތިން ގޮތަށް ޙަމަލާދިނުމުގެ ޤާބިލްކަންވެސް ވަނީ ލިބިފައެވެ.މިމަނަވަރަށް ޒިޔާރަތްކުރި ބައެއް ކުދިން ބުނީ މިފަދަ މަނަވަރުތައް ޢާންމުކޮށް ކުރިން ފެންނަނީ ފިލްމުތަކުން ކަމަށާއި މަނަވަރަށް ގޮސް ބަލާލަން ލިބުމުން ވަރަށް ހިތްހަމަ ޖެހޭކަމަށެވެ.