ޚަބަރު

ނުފެށިހުރި މަޝްރޫޢުތައް އަންނަ އަހަރު ފަށާނެ: މިޢުވާން


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންނެވި ވަޢުދުފުޅުގެ ތެރެއިން މިހާތަނަށް ނުފެށިހުރި މަސައްކަތްތައް އަންނަ އަހަރު ފަށާނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. މިޢްވާން މިހެން ހާމަކުރެއްވީ، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ދެއްވުމަށް ބާއްވަވަމުން ގެންދަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން، މިޢުވާން މުޙައްމަދު ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންނެވި ވަޢުދުފުޅުތަކުގެ ތެރެއިން %90 މަސައްކަތް ފެށި، އެކި މަރުހަލާތަކުގައި ކުރިއަށްދާކަމަށެވެ. އަދި ބާކީހުރި މަޝްރޫޢުތައް އަންނަ އަހަރު ފަށްޓަވާނެކަމަށްވެސް މިޢުވާން ވިދާޅުވިއެވެ.

މިޢުވާން ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް، ވެރިކަމުގެ ހުވާކުރެއްވި ދުވަހު ދިވެހި ރައްޔިތުންނަށް ވަޢުދުވެވަޑައިގެންނެވި ގޮތަށް، މިފެންނަނީ ހަމަހަމަ 4 އަހަރުކަމަށެވެ. ރިޔާސީ އިންތިޚާބުގައި، ވޯޓު ދިން އިރު ރައްޔިތުން އިޚްތިޔާރުކުރެއްވި ގޮތަށް ހުރިހާ ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ޚިދުމަތްކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަޤީންކަށް ދެއްވާފައިވާކަން މިޢުވާން ފާހަގަކުރެއްވިއެވެ.

"މިއަދު ސަރުކާރަށް ހަތަރު އަހަރު ވެގެންދާއިރު، އަޅުގަނޑުމެންނަށް މިފެންނަނީ ހަމަހަމަ 4 އަހަރު ފުރިގެންދާތަން. ސިޔާސީ ކުލަޔަކަށް، ރަށުގެ ސައިޒަށް އާބާދީއަށް، ސަރަހައްދަށް ނުބަލައި، ތަރައްޤީއަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދެވޭ އެއްޗަކަށް ވެގެން ހިނގައްޖެ." މިޢްވާން ވިދާޅުވިއެވެ.


މިޢުވާން ވަނީ، ސަރުކާރުން މިފާއިތުވި ހަތަރު ކުރައްވާފައިވާ މުހިއްމު ބައެއްކަންކަން ޚުލާސާގޮތެއްގައި ވިދާޅުވެ ދެއްވާފައެވެ. ސަރުކާރުން އަތޮޅު ތެރޭގައި ހިންގާ މަޝްރޫޢުތަކާއި، އެކި ދާއިރާތަކުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ރަނގަޅު ކުރުމަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ޓީޗަރުންގެ މުސާރަ ބޮޑުކުރުމާއި، މިނިމަމްވޭޖް ކަނޑައެޅުންފަދަ މުހިންމު މަސައްކަތްތަކެއް މިހާރުވެސް ވަނީ ކޮށްދެއްވާފައެވެ. އަދި އަންނަ އަހަރު ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް ގެނައުމަށް ނިންމަވައި ވަނީ ބަޖެޓްކޮށްފައެވެ. މީގެ އިތުރުން ޢުމްރާނީ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ސަރުކާރުން ވަނީ ހިންގާފައެވެ.

އަތޮޅުތެރޭގެ ތަރައްޤީއާއެކު، ރައްޔިތުންނަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައި ވައުދުފުޅުތަކަކީ ފުއްދޭނެ އަދި އެކަމުގެ ނަތީޖާ ފެނިގެންދާނެ ކަންތައްތަކެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މިފެށޭ އަހަރަކީ ގިނަ މަސައްކަތްތަކެއް ނިމި އެކަމުގެ މަންފާ ރައްޔިތުންނަށް ކުރާނެ އަހަރެއްކަމަށްވެސް ސަރުކާރުން ވިދާޅުވިއެވެ.