ޚަބަރު

ކުދި ރަށްރަށުގައި ބަގީ އެމްބިއުލާންސް ބޭނުންކުރަން ފަށަނީ


ކުދި ރަށްރަށުގައި އަންނަ އަހަރު، ބަގީ އެމްބިއުލާންސް ބޭނުންކުރަން ފަށްޓަވާނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވަނީ އެފަދަ 25 އެމްބިއުލާންސް ގެނައުމަށް ޗައިނާއަށް އޯޑަރުދީފައިވާކަމަށް ވިދާޅުވެފައެވެ.

ސިއްހީ ކުއްލި ފަރުވާގެ ދާއިރާ ހަރުދަނާކުރުމަށް އެމްބިއުލާންސްއަކީ ސިއްޙީ ޚިދުމަތްދޭ ކޮންމެ ތަނެއް ނުވަތަ މަރުކަޒަކަށް ހަމަވާންޖެހޭ އެއް ވަޞީލަތެކެވެ. ރާއްޖޭގެ ރަށްރަށުގައި ކުރިން ބޭނުންކުރަމުން އައި އެމްބިއުލާންސްތަކުގެ ހާލަތު ދަށްވެ އެއްގޮތަކަށް އެމްބިއުލާންސް ބޭނުން ނުކުރެވޭ ސިއްޙީ މަރުކަޒުތައް އެބަހުއްޓެވެ. މިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން އެސްޓީއޯ މެދުވެރިކޮށް 96 ޕެރަމެޑިކް އެމްބިއުލާންސް ރާއްޖެ ގެނެސް، އަތޮޅުތަކުގެ ރަށްތަކަށް ފޮނުވާފައެވެ. ނަމަވެސް ރަށް ކުޑަވުމުގެ ސަބަބުން އެ އެމްބިއުލާންސް ބޭނުން ނުކުރެވޭ ރަށްތަކަށް އިތުރު ގޮތެއް ވަނީ ހޯދަން ޖެހިފައެވެ.


އެގޮތުން އެފަދަ ރަށްތައް ދެނެގަނެ ސަރުކާރުން ވަނީ، އެރަށްތަކަށް ބޭނުންކުރެވޭނެ ސައިޒުގެ ބަގީ އެމްބިއުލާންސްތަކެއް ގެނައުމަށް އޯޑަރުދީފައެވެ. ޕީއެސްއެމް ނިއުސްއިން ގެނެސްދިން ސަރުކާރުގެ 4 އަހަރުގެ ކާމިޔާބީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، މީގެ ކުރިންގެނައި ސައިޒުގެ އެމްބިއުލާންސްތައް ކުދި ރަށްތަކުގައި ބޭނުންކުރުމަކީ ދަތިކަމެއްކަމަށެވެ. ނަމަވެސް ކޮންމެ ރަށެއްގެ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން، އެ ފަދަ ރަށްތަކަށް ބޭނުންކުރެވޭނެ ސައިޒުގެ ބަގީ އެމްބިއުލާންސްތަކެއް ގެނައުމަށް ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން 25 ބަގީ އެމްބިއިލާންސްއަށް ޗައިނާއަށް އޯޑަރު ދީފައިވާކަމަށާއި، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އެމްބިއުލާންސްތައް ލިބޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ކުދި ރަށްރަށަށް މި އެމްބިއުލާން ބޭނުމެއް ނުކުރެވޭ. ބަގީ އެމްބިއުލާންސް ކިޔާ އެއްޗެއް ހުރޭ ޗައިނާގަ. އެއަށް މިހާރު އޯޑަރުކޮށްފަ ހުންނާނީ. އިރާދަކުރެއްވިއްޔާ އޭގެ 25 ހަކަށް އެމްބިއުލާންސް ލިބޭނެ ވަރަށް އަވަހަށް. އެ ބަގީ އެމްބިއުލާންސްތައް އަޅުގަނޑުމެން ކުދި ކުދި ރަށްރަށް ފޮނުވާލާނަން. އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އެމްބިއުލާންސްތައް ލިބޭނެކަމަށް އަޅުގަނޑުމެން ލަފާކުރަނީ. ޗައިނާގެ ގްރާންޓް އެސިސްޓަންސްވެސް އެބައުޅޭ. އެހެންވީމަ އޭގެ ތެރެއިން ވެސް [ބަގީ އެމްބިއުލާންސް] ގެނެވިދާނެ އަޅުގަނޑުމެންނަށް." ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.


މިނިސްޓަރ ވިދާޅުވީ ބަގީ އެމްބިއުލާންސްތަކަކީ އޭގައިވެސް ސިއްޙީ ފަރުވާދެވޭނެގޮތަށް ޑިޒައިންކުރެވިފައިވާ އެމްބިއުލާންސްތަކެއްކަމަށެވެ. މި އެމްބިއުލާސްތައް ކުދި ރަށްތަކުގައި ދުއްވަން ފަސޭހަވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އެހެންވީމަ ކުދިކުދި ރަށްރަށެއްވެސް ބާކީއެއް ނުވާނެ. އަޅުގަނޑުމެން ފޮނުވާ އެމްބިއުލާންސް ރަށްރަށުގައި ނުދުއްވިގެން އުނދަގޫތަކެއްވެސް ނުވާނެ." ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

އެމްބިއުލާންސްގެ ޚިދުމަތަކީ ކޮންމެ ރަށަކަށްވެސް މުހިންމު ޚިދުމަތަކަށް ވެފައި، ބައެއް ރަށްތަކުގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް އަންނަނީ ކުރިމަތިވަމުންނެވެ. އަދި އަލަށް ގެނައި އެމްބިއުލާންސްތަކުގެ ސަބަބުން ޚިދުމަތް އިތުރަށް ފުޅާވެ، އަތޮޅުތަކުގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ބޮޑު ހައްލެއް ލިބިފައިވާކަން ހެލްތު މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެމްބިއުލާންސްތައް ގެނެސް، އަތޮޅުތަކުގައި ޚިދުމަތް ދޭން ފެށުމުން، ކާރިޘާގެ ވަގުތުތަކުގައިއާއި، އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޞިއްޙީ ކުއްލި ފަރުވާ ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެއެވެ. އެމްބިއުލާންސް ފޯރުކޮށްދިނުމުގެ އިތުރުންވެސް، އަތޮޅުތެރޭގައި ދެވޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.