ޚަބަރު

ދޮންފަނުގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި


ބ. އަތޮޅު ދޮންފަނުގައިވެސް ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ސަރުކާރުން މި މަސައްކަތް އެރަށުގައި ކުރުމަށް ޙަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

2023 ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ފެނާއި ނަރުދަމާ ނިޒާމެއް ޤާއިމުވެފައި ނެތް ހުރިހާ ރަށެއްގައި އެ ޙިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސަކަތުގެ ދަށުން ބ. އަތޮޅުގެ 5 ރަށެއްގައި މި މަސައްކަތް ކުރުމަށް ފެނަކަ ކޯޕަރޭޝަނާއި ވަނީ ހަވާލުކޮށްފައެވެ. އެއީ ދޮންފަނާއި، ކުޑަރިކިލާއި، ކިހާދޫގެ އިތުރުން ފެހެންދޫއާއި ފުޅަދޫއެވެ. މި 5 ރަށުގެ ތެރެއިން އަމަލީ މަސައްކަތް ފެށީ މިހާތަނަށް ކުޑަރިކިލާއި ދޮންފަނުގައެވެ.

ދޮންފަނު ކައުންސިލްގެ ރައީސް އަހުމަދު އިރުޝާދު ވިދާޅުވީ، ފެނުގެ ނިޒާމަށް ބޭނުންވާ އިމާރާތުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. ދޮންފަނުގައި އާރުއޯ ޕްލާންޓް އިމާރާތުގެ މަސައްކަތް ފެށީ މިދިޔަ ހަފްތާގައެވެ. މި މަޝްރޫޢުގެ ދަށުން އެރަށުގައި އާރުއޯ ޕްލާން ބަހައްޓާ އިންސްޓޯލްކޮށް އޭގެން އުފައްދާ ފެން ރައްކާކުރުމަށާ ވާރޭފެން ރައްކާކުރުމަށް ތާންގީތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަށުގައި ފެނުގެ މައި ނެޓްވޯކެއް އަޅާ ގެތަކަށް ކަނެކްޝަން ގުޅައިދިނުންވެސް މިމަޝްރޫޢުގެ މަސައްކަތުތެރޭގައި ހިމެނެއެވެ.

ރަށު ތެރެއަށް ނަޖިސް ފެން ހިންދުމުން، ދޮންފަނުގެ ފެންފަށަލަ ވަނީ އެއްކޮށް ހަލާކުވެފައެވެ. އެހެންކަމުން އެކިއެކި ބޭނުންތަކަށް އެރަށު މީހުން ފެން ބޭނުން ކުރަނީ އޮކްސިޖަން ޕަންޕް ބޭނުންކޮށްގެން ފެނުން ވަސްކަނޑުވައިގެންނެވެ. އާންމުކޮށް ބުއިމަށް ބޭނުން ކުރަނީ ވާރޭފެނާއި، ބާޒާރުގައި ވިއްކަން ހުންނަ ފެނެވެ. ރައްކާތެރި ފެނުގެ ނިޒާމެއް ޤާއިމުވުމުން ބުއިމަށާއި ކެއްކުމަށް ބޭނުން ކުރާ ފެން ގަތުމަށް މިހާރު ކުރާ ހޭދަ ކުޑަވެގެން ދާނެކަމަށް އެރަށު މީހުން ބުނެއެވެ.

ދޮންފަނު ކައުންސިލްގެ ރައީސް އަހުމަދު އިރުޝާދު ވިދާޅުވީ، ރަށަށް އިޤްތިޞާދީ ގޮތުން ކުރިއެރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިހާތަނަށްވެސް މި ދެ ޙިދުމަތް އެކަށީގެންވާ ގޮތެއްގައި ނެތުންކަމަށެވެ.

"ފެން ހޮޅި އެޅީމާ ގޭގައި ފިލްޓަރު ބަހައްޓައިގެން ވެސް ކުޑަކުޑަ ޚަރަދަކުން އެކަން ފުއްދާލެވޭނެ. އަދި ގެސްޓްހައުސް ވިޔަފާރި މިހާރު ފަށާފައިވާއިރު، އެތަނަށް އަންނަ ފަތުރުވެރިޔާ ގަޔަށް އަޅާ ފެނުން ނުބައިވަސް ދުވުމުގެ މައްސަލައަށްވެސް ހައްލުލިބޭނެ. މިރަށުގެ ރައްޔިތުންގެ އޮތް އެންމެ ކަންބޮޑުވުމަކީވެސް މީ. މި ޚިދުމަތް ޤާއިމުވުމުން އިޤްތިޞާދީ ގޮތުން ކުރިއެރުންތަކެއް ލިބޭނެކަމަށް އުންމީދުކުރެވޭ" ދޮންފަނު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފެން ތަޣައްޔަރުވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ބިމަށް ނަޖިސް ފެން ހިންދުމެވެ. އަދި އެ ވަޅުގަނޑުތައް ފުރުމުން އުކާލުމަށް ކުރާ ހޭދަ ބޮޑުވުމާއި، ބިމުން ބޮޑު ޖާގައެއް ގެއްލުމަކީ ރާއްޖޭގެ ގިނަ ރަށްތެކެކޭ އެއްގޮތައް މިރަށު ރައްޔިތުންގެވެސް އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.

ދޮންފަނުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ ބައެއް ސާމާނާއި، މައި އިމާރާތަށް ބޭނުންވާ ބައެއް ސާމާނުތައް ވަނީ އެރަށަށް ގެންގޮސްފައެވެ. މިމަސައްކަތް ފެށުމަށް އެރަށުގައި ހަދަންޖެހޭ ސާވޭތަކުގެ ހުރިހާ މަސައްކަތެއް ވަނީ ނިންމާފައެވެ. ފެނަކައާއި ހަވާލުކޮށްފައިވާ 5 ރަށުގެ ތެރެއިން މަސައްކަތް ނުފެށިވާ 3 ރަށުގެ މަސައްކަތްވެސް ލަސްތަކެއް ނުވެ ފެށޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ.