ޚަބަރު

ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާ 4،000 ޕޭޖު


ރާއްޖޭގައި ހަރުކަށި ފިކުރާއި، ހޭޓް ސްޕީޗް ނުވަތަ ނަފުރަތު އުފެއްދުމަށް މަސައްކަތްކުރާ 4،000އަށް ވުރެ ގިނަ ވެބްސައިޓުތަކާއި ޕޭޖުތައް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިންގަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީއާއި ފުލުހުން އަދި ކަރެކްޝަނަލް ސާރވިސް ގުޅިގެން، ހޯމް ސެކްޓަރގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ރާއްޖޭގައި މިހާރު ހަރުކަށި ފިކުރާ ޓެރަރިޒަމްގެ ޢަމަލުތައް ހުއްޓުވުމުގައި ދަތިތައް ދިމާވަމުން އަންނަނީ މިކަމުގައި މިހާރު އޮންލައިން ޕްލެޓްފޯމްތައް ބޭނުންކުރަމުން އަންނާތީ ކަމަށެވެ.

އެގޮތުން މިހާރުވެސް އަމިއްލަ އެކައުންޓު މެދުވެރިކޮށް އަދި ފޭކް ނަންނަމުގައި ވެސް ސޯޝަލް މީޑިއާގައި ހަރުކަށި ފިކުރު ފެތުރުމާއި ހޭޓް ސްޕީޗްގެ 4،000އަށް ވުރެ ގިނަ އެކައުންޓު އެބަހުރިކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ އެ އެކައުންޓުތައް ހިންގަނީ ކޮން ބައެއް ކަން ދެނެގަތުމަކީވެސް މިހާރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. މީގެ އިތުރަށް ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގައި ހުންނަ ސެޓިންގތަކުގެ ސަބަބުން ވެސް އެފަދަ ކަންކަން ހުއްޓުވަން ދަތިވާކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

"މިއަދުގެ ހަގީގަތަކީ ފިޒިކަލް ސްޕޭސް އަށްވުރެ ބޮޑަށް މިކަންކަން ހިންގަނީ ޑިޖިޓަލް ސްޕޭސް އަށް. އިންޓަނެޓްގެ އެކި ޕްލެޓްފޯމްތަކުގައި، އެކި ގްރޫޕުތަކުގައި މިއާ ބެހޭ މައުލޫމާތުތައް ފެތުރުމާއި އެކި ކަހަލަ ހަމަލާތައް ރާވާނެ ގޮތްތައް ދަސްކުރުމާއި، އެކި ނެޓްވޯކިންތައް ދަސްކުރުމާއި، ބޭރުގެ އޮންނަ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން މަސައްކަތް ކުރަނީ ވަރަށް ބޮޑަށް ޑިޖިޓަލް އެންވަޔަރަމެންޓް ތެރޭގައި," ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި އެވެ.


ޙަމީދު ވިދާޅުވީ، ހަރުކަށި ފިކުރާއި ޓެރަރިޒަމް ހުއްޓުވުމަށް ދަތިތަކެއް ހުރި ނަމަވެސް ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި މި މައްސަލަ ހައްލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން ދާދި ފަހުން އައްޑޫއިން ޓެރަރިޒަމްގެ ތުހުމަތުގައި ބަޔަކު ހައްޔަރުކުރިކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އެކަމުގައި ފުލުހުން އަމަލުކުރި ގޮތަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ވަނީ ތަޢުރީފްކުރައްވާފައެވެ. އައްޑޫގައި ހިންގި އޮޕަރޭޝަނަކީ، ގޮވާ އެއްޗެއް ބޭނުންކޮށްގެން ގިނަބައެއް މަރާލަން ކުރި މަސައްކަތަކާއި ދެކޮޅަށް ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ވަނީ ބޮން ގޮއްވަން ބޭނުންކުރާ އާލާތްތަކާއެކު 14 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

އެއެ އޮޕަރޭޝަނަކީ މި އަހަރުގެ މެދުތެރެއިން ފެށިގެން ކުރިއަށްދާ އޮޕަރޭޝަނެއްކަން ފާހަގަކުރައްވާ ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ އެމީހުންގެ ހަރަކާތްތައް ވަރަށް ގާތުން ބަލައި މިދިޔަ މަސްތަކުގެ ތެރޭގައި އެކަށީގެންވާ ވަރަށް ހެކި އެއްކޮށް އެ އާންމުންނަށް ގެއްލުމެއްވުމުގެ ކުރިން މުޅި ހަމަލާ ހުއްޓުވާފައިވާކަމަށެވެ. އެ ހަމަލާ އަކީ ގިނަ ބަޔަކަށް ބޮޑު ގެއްލުމެއް ދިނުމަށް ރާވާފައިވާ ހަމަލާއެއްކަން ފާހަގަކުރައްވާ ހޯމް މިނިސްޓަރ ވަނީ އެއީ ފުލުހުންގެ ބޮޑު ކާމިޔާބީއެއްކަމަށް ސިފަކުރައްވާފައެވެ.