ޚަބަރު

ދައުލަތަށް "އަތްލާން ނުކެރިފައި" ތިބި މީހުންނާ ދެކޮޅަށް ހެކި ހޯދައި ހައްޔަރުކޮށްފިން: ސީޕީ


ރާއްޖޭގައި ހިނގާފައިވާ ގޮތް ނޭނގޭ މަރުތަކާ ގުޅިގެން ދައުލަތަށް "އަތްލާން ނުކެރިފައި" ތިބި މީހުން ނުވަތަ، ޖިނާޢީ އަދުލުގެ ނިޒާމަށް ނުފޫޒް ފޯރުވާ މީހުންނާއި ދެކޮޅަށް އެކަށީގެންވާ ހެކި ހޯދާ އެމީހުން މިހާރު ހައްޔަރުކުރެވިފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ. އެމަނިކުފާނު ވަނީ އެކަމަށް ޚާއްސަ ރިޔާސީ ކޮމިޝަނެއްވެސް އެކުލަވާލައްވާފައެވެ. އެ ކޮމިޝަނުން ތަހުގީގްކުރި މައްސަލަތަކާއި ގުޅޭގޮތުން 2019 ވަނަ އަހަރު ވަނީ ރިޕޯޓެއް ނެރެފައެވެ.

ހޯމް މިނިސްޓްރީއާއި ފުލުހުން އަދި ކަރެކްޝަނަލް ސާރވިސް ގުޅިގެން، ހޯމް ސެކްޓަރގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ މަރުތަކުގެ މައްސަލާތައް ފުލުހުން ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ބަލަމުން އަންނަކަމަށެވެ. އަދި އެ މައްސަލަތަކުގައި ވަރަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

"ފާއިތުވެދިޔަ އަހަރުތަކުގައި މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކާ ގުޅިގެން ދައުލަތުން އެބައެއްގެ ގައިގަ އަތްލަން ބޭނުންނުވެފަ ނުވަތަ ނުކެރިފައި ތިބި ފަރާތްތަކުގެ މައްޗަށް ފޮރުވިފައިވާ ހެކިތަކާ ގަރީނާތައް ހޯދައި މިހާރު މިވަނީ އެމީހުން ގައިގަ އަތްލާ ހައްޔަރަށްވެސް ގެނެވިފައި." ސީޕީ ހަމީދު ވިދާޅުވިއެވެ.


ސީޕީ ހަމީދު މިހެން ވިދާޅުވެފައިވާއިރު، މިދިޔަ ޖޫން މަހު ފުލުހުން ވަނީ މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގެ ތެރެއިން މަރާލާފައިވާ ނޫސްވެރިއާ އަހުމަދު ރިޟްވާންގެ މަރުގެ މައްސަލާގައި އެންމެ އިސްކޮށް އުޅުނު ކަމަށް ބުނާ ތިން މީހަކުވެސް ހައްޔަރުކޮށްފައެވެ. އެއީ މ. ލެގޫންވިއު، އިސްމާއީލް އަބްދުއްރަހީމް އާދަމް (އިސޫ)އާއި، މއ. ފާގަފިލާގެ، އަހްމަދު އިސްމާއީލް (ބުރު އަހަނދު)، އަދި އަހްމަދު މުއާޒް (ގަޓު މުއާ)އެވެ.

މި ތިން މީހުންނަކީ މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުން 2019 ވަނަ އަހަރު ނެރުނު ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާ ތިން މީހުންނެވެ. މި ތިން މީހުންގެ މައްޗަށް ދައުވާކޮށް ޝަރީއަތްވެސް މިހާރު ވަނީ ފަށާފައެވެ.

ހަމީދު ވިދާޅުވީ އެމީހުން ހައްޔަރަށް ގެނައީ އެކަށީގެންވާ ހެކިތަކުގެ މައްޗަށް ބިނާކޮށް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މި މަސައްކަތް ވަރަށް ހަރުދަނާކޮށް ކުރަމުންދާނެ ކަމަށެވެ. އެގޮތުން މިހާރުވެސް ތަހުގީގަށް އައު ކަންތައްތައް ފާހަގަވަމުން އަންނަ ކަމަށް ޙަމީދު ވިދާޅުވިއެވެ.


ހަމީދު ވިދާޅުވީ މި މައްސަލަ ތަހުގީގުކުރަމުން އަންނަނީ ފުލުހުން އެކަނި ނޫން ކަމަށާއި، އެކަން ކުރަމުން އަންނަނީ ކަމާ ބެހޭ ތަޖުރިބާހުރި ބޭފުޅުންނާއި އެކުކަމަށެވެ.

"އެއީ ހަމައެކަނި ދިވެހި މާހައުލަށް ނިސްބަތްވާ މީހުން އެކަންޏެއް ނޫން. ހިސްޓޯރިކް ކްރައިމް އިންވެސްޓިގޭޝަންގެ ތަޖުރިބާކާރުން މި މައްސަލަތައް ތަހުގީގުކުރަނީ. ޑޭޓާ އެނަލައިޒްކުރުން ކަމުގައި ވިޔަސް މީހުންނާ ސުވާލުރުން ކަމުގައިވިޔަސް. ދިވެހި ފުލުހުންނަށް ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިން މިދަނީ ފުރިހަމައަށް އެއްބާރުލުން ދެމުން" ހަމީދު ވިދާޅުވިއެވެ.

ރައީސްގެ ޚާއްޞަ ޤަރާރަކުން މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަން އެކުލަވާލެއްވީ 17 ނޮވެމްބަރު 2018 ވަނަ ދުވަހުއެވެ. މިއީ، 1 ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 ގެ ނިޔަލަށް ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށްޓަކައި އެކުލަވާލެއްވި ކޮމިޝަނެކެވެ. މި ކޮމިޝަނުން ބަލަމުން އަންނަ އެންމެ މުހިންމު މައްސަލަތަކުގެ ތެރޭގައި މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން، މަރާލާފައިވާ ބްލޮގަރ ޔާމިން ރަޝީދު އަދި ޑރ.އަފްރާޝީމް ޢަލީގެ މަރުގެ މައްސަލަވެސް ހިމެނެއެވެ.