ޚަބަރު

ބައުންޑް ވޯލް ނިންމާ މަގޫދޫ ބިން ހިއްކަން ފަށައިފި


ބައުންޑް ވޯލްގެ މަސައްކަތް ނިމި، ފ. މަގޫދޫގެ އެއަރޕޯޓް ތަރައްޤީކުމަށް ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މަގޫދޫ އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމާއި، އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީންނެވެ.

ފ.އަތޮޅަކީ ރާއްޖޭގެ އެންމެ އާބާދީ ކުދި އަތޮޅުތަކުގެތެރެއިން އަތޮޅެކެވެ. 19 ރަށް އޮންނަ އަތޮޅުގައި މީހުން ދިރިއުޅޭ އޮންނަނީ އެންމެ 5 ރަށެވެ. މުޅި އަތޮޅުގެ ޖުމްލަ އާބާދީއަކީ ހަހާހެއްހާ މީހުންނެވެ.

ސަރުކާރުގެ ވަޢުދަކީ ރާއްޖޭގެ ކޮންމެ ރަށަކުން ލޯންޗުގައި 30 މިނެޓުގެ ދަތުރަކުން ދެވޭހާ ކައިރީގައި އެއަރޕޯޓެއް އޮތުމެވެ. މި ސިޔާސަތުގެ ދަށުން، ފ. މަގޫދޫގެ ބިން ހިއްކާ އެއަރޕޯޓެއް ތަރައްޤީކުރަން އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށް އޭގެ މަސައްކަތްތައް މިއަހަރުގެ އޮގަސްޓްމަހު ވަނީ ފަށާފައެވެ.

މި ޕްރޮޖެކްޓައި ބިން ހިއްކުމަށް ބޭނުންވާ ސަރަޙައްދު ތައްޔާރުކޮށް ބައުންޑްވޯލް ހެދުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި މިހާރު މިވަނީ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައެވެ. މި ޕްރޮޖެކްޓުގައި މަގޫދޫ ފަޅުން 48 ހެކްޓަރުގެ ސަރަޙައްދެއް ހިއްކާނެއެވެ.

ހިއްކާ ބިމުން އެއަރޕޯޓްގެ މަސައްކަތަށް 30.8 ހެކްޓަރުގެ ބިން ޚާއްސަ ކުރާނެއެވެ. މި އެއަރޕޯޓް ތަރައްޤީކުރަނީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެންނެވެ. މަގޫދޫ އެއަރޕޯޓް މަޝްރޫޢުގެ ދަށުން 1500 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހެދުމަށް ހަމަޖެހިފައިވެއެވެ. އަދި ޓެކްސީވޭ އޭޕްރަން، ފަޔަރޕެޑް، ޕަސެންޖަރ ޓަރމިނަލް، ކޮންޓްރޯލް ޓަވަރާއެކު ފަޔަރ ސްޓޭޝަން ތަރައްޤީކުރުމަށްވެސް ވަނީ ނިންމާފައެވެ.

ހިއްކާ 48 ހެކްޓަރުގެތެރެއިން 17 ހެކްޓަރުގެ ބިން ޚާއްސަކުރާނީ ރަށުގެ އިޖުތިމާޢީ އަދި އިޤްތިިޞާދީ ކަންކަމަށެވެ. ބިން ހިއްކާ ނިންމާ 3300 މީޓަރުގެ ސަރަޙައްދު ޙިމާޔަތްކުރާނެއެވެ.

ދައުލަތުގެ ބަޖެޓުން 206 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާ މިމަޝްރޫޢާއެކު މަގޫދޫއަށް ޒަމާނުއްސުރެ ދިމާވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލެއް އަންނާއެވެ. އަދި 800 އެއްހާ މީހުންގެ އާބާދީއެއް އޮންނަ މަގޫދޫގައި، އިޤްތިޞާދީ އިތުރު ފުރުޞަތުތައް ފަހިގެންދާނެއެވެ. ޚާއްސަކޮށް އަތޮޅުގައި ފަތުރުވެރިކަން ފުޅާވެގެން އައުމަކީ އަތޮޅުގެ ރައްޔިތުންގެ ބޮޑު އުއްމީދެކެވެ. އެ އަތޮޅުގައި މިހާރު އޮތީ އެންމެ ރިސޯޓެކެވެ.

މަގޫދޫ ބިން ހިއްކާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތަށް ގާތްގަނޑަކަށް ދޮޅު އަހަރު ހޭދަވާނެއެވެ.