އަލަށް ފަށާ ޤައުމީ އަންހެން ވޮލީ ލީގާއެކު މިއަހަރުގެ ވޮލީ ކަލަންޑަރު އިޢުލާންކޮށްފިއެވެ.
މިއަހަރުގެ ކަލަންޑަރުގައި މެލޭޝިޔަން އިންވިޓޭޝަނަލް ވޮލީ މުބާރާތެއްގައި ޤައުމީ ފިރިހެން ޓީމް ބައިވެރިވުމަށް ވަނީ ތާވަލްކޮށްފައިވެއެވެ.
މިއަހަރުގެ ވޮލީ ކަލަންޑަރުގައި އަލަށް ހިމަނާފައިވާ ވޮލީ ލީގް ތާވަލްކޮށްފައިވަނީ ނޮވެންބަރު މަހުގެ ތޭރައިން ފަންސަވީހަށެވެ. ވޮލީ ބޯލް އެސޯސިއޭޝަންގެ ނައިބް ރައީސް އިލްޔާސް އަޙުމަދު ވިދާޅުވީ ޤައުމީ އަންހެން ލީގެއް ފެށުމަށް އެ އެސޯސިއޭޝަނަށް މިހާރު މަޖްބޫރުވެފައިވާކަމަށެވެ. އަންހެން ޓީމުތަށް ރާއްޖެއިން ބޭރުގައި ވާދަކުރަން ފެށުމުން، އަންހެން ޓީމްތަކަށް ވީހާވެސް ގިނަ މެޗްތަކެއް ދިނުމަށް ވިސްނުމަށް އެ އެސޯސިއޭޝަނަށް މަޖްބޫރުވީކަމަށް އިލްޔާސް ވިދަޅުވިއެވެ. މިއީ އަންހެން ވޮލީގެ ކުރިއެރުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއްކަމަށްކަމަށް އިލްޔާސް ވިދާޅުވިއެވެ. ލީގު ފެށުމާއެކު ޤައުމީ މުބާރާތުން ޓީމްތަށް ކޮލިފައިވާނީ އަންހެން ޤައުމީ ލީގަށްކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.
"އެހެން އަހަރުތަކުގައި ޕްރެޒިޓެންޑްކަޕުން ކޮލިފައިވަނީ ޤައުމީ މުބާރާތަށް. މިހާރު ޕްރެޒިޑެންޓްކަޕުން ކޮލިފައިވަނީ އަންހެން ލީގަށް. މިހާރު މިފަށަނީ އަލަށް ޤައުމީ އަންހެން ލީގް. މިލީގް ތަޢާރަފް ކުރުމުން އެލީގަށް ދެން ޓީމުތައް ކޮލިފައިވަނީ. ދެން މިލީގުން ޤައުމީ މުބާރާތަށް ޓީމުތަށް ކޮލިފައިވާނީ. މިއީ މައިގަނޑު ގޮތެއްގައި މިއަހަރުގެ ކަލަންޑަރަށް ގެނެވުނު ބަދަލަކީ" އިލްޔާސް ވިދާޅުވިއެވެ.
މިލީގްގެ ސަބަބުން އަންހެން ޓީމްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށާ މިއަހަރު ލީގު ފަށާއިރު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އެއް ބުރަށް ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ. އަދި ދެބުރަކަށް ލީގް ކުރިއަށް ގެންދިއުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަންވެސް އިލްޔާސް ފާހަގަކުރިއެވެ.
"ލީގް އަދި ކުރިއަށްދާނީ އެއްބުރަށް. އެއީ ގިނަ ޓީމްތަކަކީ އަތޮޅު ތެރެއިން އަންނަ ޓީމްތަކަށްވާތީ. މިހާރު މާލެއިން އަންނާނީ ދެ ޓީމް، އަނެއް ޓީމްތަކަކީ އުތުރާއި ދެކުޅުން ކޮލިފައިވާ ޓީމްތަށް. އެހެންކަމުން އަތޮޅު ތެރެއިން އަންނަ ޓީމްތަށް މާގިނަ ދުވަހު މާލޭގައި ސެޓޭޝަންކޮށްގެން ތިބުމަކީ އެމީހުންނަށް ވަރަށް އުދަގޫކަމަކަށްވާތީ އަދި ކުރިއަށްދާނީ އެއްބުރަކަށް. އަންހެން ލީގެއް ތަޢާރަފްކުރަން ވޮލީ އެސޯސިއޭޝަންއަށް މަޖްބޫރުވީ މިހެންވެ. އެގޮތުން ތަޢާރަފް ކުރެވުނު ލީގްއެއް މީ." އިލްޔާސް ވިދާޅުވިއެވެ.
މިއަހަރުގެ ވޮލީބޯޅަ ކަލަންޑަރަށް ބައެއް ބަދަލުތައްވަނީ ގެނެސްފައެވެ. އާންމު ގޮތެއްގައި ރިސޯޓް މުބާރާތްތައް ފަށަނީ ޖުލައިމަހުގައެވެ. ނަމަވެސް މިއަހަރު އިންޓަރ ރިސޯޓް ވޮލީ މުބާރާތް ތާވަލްކޮށްފައިވަނީ ސެޕްޓެމްބަރ މަހުގެ އެކަކުން އޮކްޓޯބަރ މަހުގެ ދިހައަކަށެވެ. ކުޅުދުއްފުށީގައި ކުރިއަށްގެންދިއުމަށް ތާވަލްކޮށްފައިވާ ޤައުމީ އަންހެން ވޮލީ މުބާރާތް އޮންނާނީ މާޗް މަހުގެ އެކަކުން ދިހައަކަށެވެ. އަދި ފުވައްމުލަކުގައި ޤައުމީ އަންހެން ވޮލީ މުބާރާތް ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފައިވަނީ މާޗް މަހުގެ ފަނަރައިން ސައްބީހަށެވެ.
ޤައުމީ މުބާރާތުގެ އަންހެން މާލޭ ޒޯންގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މޭމަހުގެ ނުވައެއްގައެވެ. ފުރަތަމަ ޑިވިޝަންގެ ފިރިހެން ޤައުމީ ލީގް ތާވަލްކޮށްފައިވަނީ ޑިސެންބަރު މަހުގެ އެކަކުން ސޯޅައަށެވެ. ފިރިހެން ޤައުމީ ޗެންޕިއަންޝިޕް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ ސަތާރައިގައެވެ. އަދި މައިލޯ ވީއޭއެމް ޔޫތް ޗެމްޕިއަންޝިޕް ތާވަލްކޮށްފައިވަނީ ޑިސެންބަރު މަހުގެ ތޭވީހުން ތިރީހަށެވެ. މިދިޔަ އަހަރަށްވުރެ މިއަހަރު ވޮލީ ކުޅުންތެރިން ބައިވެރިވާ މުބާރާތްތައް ގިނަ ވާނެކަމަށްވެސް ވޮލީ ބޯލް އެސޯސިއޭޝަނުން މަޢުލުމާތުދެއެވެ.