ޚަބަރު

ޗާގޯސް މައްސަލަ މަޖިލީހާއި ހިއްސާކުރި، ރާއްޖެއަށް ގެއްލުންވާނެ ނިންމުމެއް ނެތް: އަސްލަމް


ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިނގަމުން އަންނަ ސަރަހައްދީ މައްސަލައިގެ ތަފްސީލްތައް މަޖިލީހާ ހިއްސާކޮށްފައިވާ ކަމަށާއި، މިކަމުގައި ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭނެ ވަރުގެ އެއްވެސް އެއްބަސްވުމެއް ހަދާފައި ނުވާކަން ޔަގީންވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ ރާއްޖެއާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި ރާއްޖެއިން ސިޔާސަތު ބަދަލުކޮށްފައިވާ ނަމަ އެކަން ސާފުކޮށްދިނުމަށް އެދި މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސް މަރުހަލާގައެވެ. ރާއްޖެއާއި ޗާގޯސްގެ ކަނޑުގެ ފުށުއަރާ މައްސަލާގައި ރާއްޖެއިން ވަކާލަތު ކުރަމުން އަންނަ ކަންކަން ރައްޔިތުންގެ މަޖިލީހަށް ހިއްސާކުރައްވާނެކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްޢަތު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަން މަޖިލީހުން ދޮގުކޮށް ބަޔާނެއް ނެރެފައިވެއެވެ. އަސްލަމް ވަނީ އެ މައްސަލަ ތަފްސީލްކޮށް ބަޔާންކުރުމާއެކު މަޖިލީހަށް ސަރުކާރުން ހިއްސާކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ.


މި މައްސަލާގައި މަޖިލީހަށް ހުށައަޅާފައިވާ ޤަރާރަށް ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވަނީ ދިވެހިރާއްޖޭގެ ކަނޑުތަކާއި ބެހޭ ގާނޫނުގައި ރާއްޖޭގެ ސަރަހައްދު ކަނޑައަޅާފައިވާ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަފުޅުވާފައެވެ. އެގޮތުން އެޤާނޫނުގައި ސަރަހައްދު ކަނޑައަޅާ ނޭޓްތަކަކީ ރަނގަޅަށް ދިރާސާކޮށް ބަލަން ޖެހޭ އެއްޗެއްކަމަށާއި، އެގޮތުން ރާއްޖޭގެ ބޭސްލައިން ކުރަހާފައިވާ ސަރަހައްދުގައިވެސް ބައިނަލްއަގުވާމީ މިންގަނޑުތަކާ ހަމަތަކުގެ މަތިން ފުށު އަރާ ކަންކަން ވެސް އެބަހުރި ކަމަށެވެ.

"އެ ކޯޑިނޭޓްސްތަކާ ގުޅިގެން ވެސް މި ދެންނެވި ގޮތަށް މައްސަލަ ދިމާވާތީވެ، އެއީ ހުވަދޫ ކަނޑު ކަމުގައިވިޔަސް، ރާއްޖޭގެ ބައެއް ކަނޑުތަކަށް އެއީ ރާއްޖޭގެ ސަރަހައްދުކަމުގައި ބަލާއިރު ހުއްދަ ނުނަގާ ބައިނަލްއަގުވާމީ ބޯޓުތައް އެއީ އިންޓަނޭޝަނަލް ވޯޓަރ ކަމުގައި ބަލައިގެން ދަތުރުކުރަމުންދާކަމުގެ މައުލޫމާތު އަޅުގަނޑަށް ލިބިފައި ވަނީ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ބޭސްލައިން އިން ފެށިގެން 200 ނޯޓިކަލް މޭލަށް ރާއްޖޭގެ ސިޔާދަތީ ބާރު ލިބިގެންވާކަން ރާއްޖޭގެ ޤާނޫނުތަކުގައި ކަނޑައަޅާފައިވާއިރު، އެ ސަރަހައްދު ފުށު އަރާނަމަ އެގައުމަކާ ވާހަކަދައްކައިގެން އެ މައްސަލަ ހައްލުކުރަން ވެސް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަސްލަމް ވިދާޅުވީ ރާއްޖޭގެ އުތުރުގައި ވެސް ކަންކުރީ އެގޮތަށް ކަމަށާއި، މައްސަލަ ދިމާވަމުން މި އަންނަނީ ދެކުނުގައި ކަމަށެވެ.


އަސްލަމް ވިދާޅުވީ އެ މައްސަލާގައި ހުރިހާ ސަރުކާރަކުން ވެސް އެތައް މަސައްކަތްތަކެއް ކޮށް، މިހާރު އިންޓަނޭޝަނަލް ޓްރައިބިއުނަލްގައި މައްސަލައެއް ކުރިއަށްދާއިރު މި ސަރުކާރަކުން އެކަމުގައި އެއްވެސް ވަރަކަށް ލުޔެއް ނުދޭނެ ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދު ގެއްލޭނެ އެއްވެސް އެއްބަސްވުމެއް ހަދާފައި ނުވާ ކަމަށް ވިދާޅުވެ އެކަމުގެ ޔަގީންކަން އަސްލަމް އެރުވިއެވެ.

އަސްލަމް ވަނީ މި މައްސަލާގެ ތަފްސީލްތައް ހިއްސާކުރައްވާ އެޓާނީ ޖެނެރަލް އޮފީހުން މަޖިލީހަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ ތަފްސީލްތައް ވެސް ހިއްސާކުރައްވާފައެވެ.

އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި، ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސް އެ ގައުމުގެ ތަނެއްގެ ގޮތުގައި ބޭއްވުމާއި މެދު ރާއްޖެއިން ދެކެމުން އައި ގޮތް ބަދަލުކޮށް މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދިނުމަށް ނިންމާފައިވާކަން ރާއްޖެއިން ހާމަކުރުމާއި އެކު އެ ނިންމުމަކީ ރާއްޖެއަށް ގެއްލުންވާނެ ނިންމުމެއް ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ. އެކަމަކު އެ ނިންމުމަކީ ޓްރައިބިއުނަލްގައި ކުރިއަށްދާ ރާއްޖޭގެ ސަރަހައްދުގެ މައްސަލައާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.