ޚަބަރު

ނުރައްކާތެރި ކުށްވެރިން ބަންދުކުރަން ހައި ސެކިއުރިޓީ ޖަލެއް އަޅަނީ


ބޮޑެތި ކުށްތަކުގައި ހައްޔަރުކުރެވޭ މީހުންނާއި، މުޖުތަމަށް ނުރައްކާތެރި ކުށެވެރިން ބަންދު ކުރުމަށްޓަކައި ރާއްޖޭގައި ހައި ސެކިއުރިޓީ ޖަލެއް ގާއިމް ކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މިއީ މިފަދަ ޖަލެއް ރާއްޖޭގައި ގާއިމު ކުރެވޭ ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި ހިންގޭ ބޮޑެތި ކުށްތަކުގައި ހައްޔަރުކޮށް ހުކުމް ކުރެވޭ މީހުން ބަންދު ކުރުމަށްޓަކައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖަލުގެ ޖާގައިގައިގެ ދަތިކަމުގެ މައްސަލައެވެ. އެކި ކުށްތަކުގައި ބަންދުކުރެވޭ މީހުންގެ ތެރެއިން ބޮޑެތި ކުށްތަކުގައި ހުކުމް ކުރެވޭ މީހުންނާއި އެނޫން ކުށްތަކުގައި ބަންދު ކުރެވޭ މީހުންވެސް އެއްތަނެއްގައި ބައިތިއްބަން ޖެހުމަކީވެސް އޮތް ގޮންޖެހުމެއްކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.


މިމައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި ހައި ސެކިއުރިޓީ ޖަލެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށްޓަވާފައެވެ.. ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސް އިން ގެނެސްދިން ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ މިޖަލަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ގާއިމްކޮށްފައިވާ މިފަދަ ޖަލުތަކުގެ ޑިޒައިންތަކާއި، އެއްގޮތަށް ބަލައި ޢިމާރާތްކުރާ ޖަލެއްކަމަށެވެ.

"ރާއްޖޭގައި ހައި ސެކިއުރިޓީ ޖަލެއް މިހާތަނަކަށް ނެތް. އަޅުގަނޑުމެން ދުނިޔޭގެ ތަންތަން ބަލައިގެން ދިރާސާކޮށްގެން ޑިޒައިންކޮށްގެން މިހާރު އަޅުގަނޑުމެން މިވަނީ މަސައްކަތް ފަށާ ހިސާބުގައި. އަޅުގަނޑު އުންމީދު ކުރަނީ ކުރިއޮތް ހަ މަސްދުވަހުގެ ތެރޭގައި އެތަން ގާއިމް ކުރެވޭނެކަމަށް. އެއީ އަޅުގަނޑުމެން މުޅި މައްސަލައާއި ޑީލްކުރާއިރުގައި ވަރަށް މުހިންމު ޕޮއިންޓަކަށް ދެވޭނެ ހިސާބެއް." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ޖަލުތަކުގައި ކުރެވޭ އަނިޔާތަކަށް ނިމުމަށް ގެނެވިފައިވާކަމަށެވެ. މިހާރު އެއްވެސް މީހަކަށް ޖަލުގައި އަނިޔާކޮށް، އެފަދަ ލާއިންސާނީ އަމަލުތައް ހިންގުމުގެ ޖާގައެއް ނޯންނާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ. އަދި ޖަލުގައި އެފަދަ އަނިޔާއެއް ކުރާ އޮފިސަރުންނާއިމެދު މިހާތަނަށް ފިޔަވަޅު އަޅާފައިވާނެކަމަށާއި، އެގޮތުން މަޤާމުންވެސް ބައެއް އޮފިސަރުން ދުރުކުރެވިފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކުރިއަށް ޖެހިލާއިރު، ޖަލުގައި ކޮށްފައިހުރި އަނިޔާތަކާއި ދޭތެރޭގައި އެ މައްސަލަ ބެލި އެކަށީގެންވާ ފިޔަވަޅު އެޅިފައިނެތް. އަޅުގަނޑުމެންވާނީ އެފަދަ ކަމެއްކުރާނަމަ އަޅަންޖެހޭ ފިޔަވަޅު ކަމާއިގުޅުންހުރި އިދާރާތަކާއި ގުޅިގެން އަޅާފަ. އަޅުގަނޑުމެން ދޭން ބޭނުންވާ ޔަގީން ކަމަކީ އެއްވެސް މީހަކު ފުލުހުންގެ ބަންދުގެ ދަށަށް ގެނެވި އަނިޔާއެއް ކޮށްފި އޮފިސަރަކު އެވަޒީފައި ނުހުންނާނެކަން. އެއީ މިސަރުކާރުން ކަށަވަރު ކުރާކަމެއް." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް ޖަލުގެ ޖާގަ އިތުރު ކުރުމަށްޓަކައި މިހަތަރު އަހަރުގެ ތެރޭގައި ކުރި މަސައްކަތުން މިހާތަނަށް 250 ޖާގަ ވަނީ އިތުރު ކޮށްފައިކަމަށް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު، ވިދާޅުވީ ޖަލުތަކުގެ ޖާގަ އިތުރުކޮށް ޖަލުގައި ތިބި ގައިދީން އަނބުރާ މުޖުތަމަށް ނެރުމަށް ފާއިތުވި ހަތަރު އަހަރުގެރޭގައި ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. ޖަލުތަކުގައި ޖާގަ އިތުރު ކުރުމަށް ކުރެވުނު މަސައްކަތުން މާފުށީ ޖަލުގައި 100 މީހުންގެ ޖާގަ އިތުރުކުރެވި މާލެއާއި، ހުޅުމާލޭގެ ޖަލަށް ގެނެވުނު ބަދަލުތަކާއިއެކު އިތުރު ޖާގަތަކެއް ހެދިފައިވަކަމަށް އަހުމަދު ވިދާޅުވިއެވެ.

ގައިދީން އަނބުރާ މުޖުތަމަށް ނެރުމަށް ކުރަމުންދާ މަސައްކަތުގައި އެންމެ އިސްކަންދީގެން ހިންގޭ ރިހެބިލިޓޭޝަން ޕްރޮގުރާމުގެ ތެރެއިންނާއި، ކްލެމެންސީއާއި، ޕްރޯލްގެ ދަށުންވެސް ޝަރުތުތަކާއިއެކު ގިނަ ގައިދީން އަނބުރާ މުޖުތަމަށް ނެރެފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.