ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ޤައުމީ ކެމްޕޭނެއް ޑައިބެޓިކް އެސޯސިއޭޝަނުން ފަށައިފިއެވެ.
މިކެމްޕޭން ރަސްމީކޮށް ފަށާފައިވަނީ ބައިނަލްއަޤުވާމީ ހަކުރު ބަލީގެ ދުވަހާއި ގުޅިގެން ބޭއްވި ޖަލްސާގައެވެ.
ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށް މ.ދިއްގަރުގައި ބޭއްވި ޖަލްސާގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ހަކުރު ބައްޔަށް ސްކްރީންކުރުމުގެ ޤައުމީ ކެމްޕޭން އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު ޑރ.ޝާހު މާހިރުއެވެ. ޑައިބެޓިކް އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމުކުރާ މި ސްކްރީނިންގ ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން 14 ވަނަ ދުވަހުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މިޕްރޮގްރާމް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.
ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށް ދިއްގަރުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު ޑރ.ޝާހު މާހިރު ވަނީ ހަކުރު ބައްޔާއި ދެކޮޅަށް ސަރުކާރުގެ ފަރާތުން ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވާ ދުޅަހެޔޮ ދިރިއުޅުމުގެ އާދަކާދަތަކެއް ޚިޔާރުކުރުމަށް ޢާއްމުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.
"ސްކްރީނިންގއާއި ޓެސްޓް ކުރެވޭނެ ގޮތްތައް، ސަރުކާރާއި ގުޅިގެން ޑައިބެޓިކް ސޮސައިޓީ ފަދަ ޖަމިއްޔާތަކާއި ސްޓޭކް ހޯލްޑަރސްތައް އެއްކޮށް މަސައްކަތް ކުރެވޭނެ މަގު އެބަ ފަހިވާންޖެހޭ. އެމަސައްކަތް މިހާރު ފައްޓައިގެން ކުރިއަށް އެބަދޭ. ކުރިއަށް އޮތްތަނުގައި ސިސްޓަމެއްގެ ތެރެއިން ސްޓޭކް ހޯލްޑަރސްއާއި މިނިސްޓްރީ ގުޅިގެން މަސައްކަތްކުރެވޭނެ ޕްލެޓްފޯމެއް ޤާއިމުކުރެވިގެންދާނެ." ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށް ޑައިބެޓިކް ސޮސައިޓީގެ ފަރާތުން ވަނީ މ.ދިއްގަރުގައި ޙަރަކާތްތަކެއް ހިންގާފައެވެ. މިގޮތުން މޫދު ކަސްރަތުގެ ޕްރޮގްރާމްއަކާއި އެރަށު ސިއްޙީ މަރުކަޒުގެ ބޭފުޅުންނަށާއި ސްކޫލް ކުދިންނާއި ޢާއްމުންނަށް އަމާޒުކޮށް ހަކުރު ބައްޔާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ދުވަހާއި ގުޅޭ ޚާއްސަ ހިނގާލުންވެސް ދިއްގަރުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ހަކުރު ބައްޔާއި މެދު މުޖުތަމަޢު ހޭލުންތެރިކަން އިތުރުކުރުމަށް ދިއްގަރު ކައުންސިލާއި ސިއްޙި މަރުކަޒު ގުޅިގެން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް ޑައިބެޓިކް ސޮސައިޓީގެ ފަރާތުން ވަނީ ހަށިގަނޑުގައި ސަރުބީ ހުރި މިންވަރު ދެނެގަނެވޭ، ބޮޑީ ފެޓް މޮނީޓަރތަކެއް ދިއްގަރު ސިއްޙީ މަރުކަޒާއި ވަނީ ޙަވާލުކޮށްފައެވެ.