ޚަބަރު

އަންހެނުންނަށް ހާއްސަކޮށްގެން ގާއިމްކުރި ހާފްވޭ ހައުސްއިން ހިދުމަތް ދޭން ފަށައިފި


މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވާ އަންހެނުންނަށް ފަރުވާދިނުމަށް ހުޅުމާލޭގައި ހުޅުވި ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި ޚިދުމަތް ދޭން ފަށައިފިއެވެ.

ރާއްޖޭގައި އޮތް ޑްރަގްގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށްކުރެވޭ މަސައްކަތުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރާ އަންހެނުންނަށް ޚާއްސަ މަރުކަޒެއް ހުޅުވާފައި ވަނީ ހުޅުމާލޭގައެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން މީގެކުރިންވެސް މިފަދަ ސެންޓަރެއް ވަނީ ހިންގާފައެވެ. އެހެންނަމަވެސް އެންމެ އެކަށީގެންވާގޮތުގައި ހިނގަމުން ނުދިޔުމުގެ ސަބަބުން އެތަން ބަންދުކޮށް މަރުކަޒު އަލުން ހުޅުވާފައިވަނީ އެމްޓީސީސީގެ އެހީތެރިކަމާއެކު ޢިމާރާތް އަލުން މަރާމާތުކޮށް އައު ޕްރޮގްރާމްތަކަކާއެކުއެވެ.

އަލަށް ގާއިމްކުރި މިމަރުކަޒުގައި ކުރިއަށް ގެންދަނީ ސައިންސްގެ އަލީގައި ހޯދިފައިވާ ހޯދުންތަކަށް ބިނާކޮށް, ފަންނީ މާހިރުންގެ އެހީގައި ފަރުމާކުރެވި, އެކުލަވާލާފައިވާ ފަރުވާގެ ޕްރޮގްރާމްތަކެއްކަމަށް ނޭޝަނަލް ޑްރަގް އެޖެންސީން ވިދާޅުވެއެވެ.

ހާފްވޭހައުސް ހުޅުވުމާއިއެކު 58 ފިރިހެނުންނަށް އަދި 20 އަންހެނުންނަށް ޚިދުމަތްދިނުމަށް ވަނީ ތައްޔާރުވެފައެވެ. އަދި ކުރިއަށް އޮތްތަނުގައި ފިރިހެން ކްލައިންޓުންގެ ޖާގާ 86އަށް އިތުރު ކުރެވޭނެކަމަށް އެންޑީއޭއިން ވިދާޅުވެއެވެ. މިހާރު އެ ސެންޓަރުން ޚިދުމަތް ދޭން ފަށާފައިވާއިރު ހިންމަފުށީގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރުން ހުޅުމާލެ ސެންޓަރަށް ވަނީ 6 އަންހެނުން ބަދަލުކޮށްފައެވެ.
އޭގެތެރޭގައި ހިމެނޭ 2 ކްލައިންޓުން ރީއިންޓެގްރޭޝަން ޕްރޮގްރާމުގައި ބައިވެރިވާނެކަމަށާއި އަނެއް 4 ކްލައިންޓުންގެ ޕްރޮގްރާމް މުއްދަތު ކަނޑައެޅޭނީ އެފަރާތްތަކުގެ އެގްޒިޓް ޕްލޭން އަށްބަލައި ކްލައިންޓުންނާއެކު އެފަރާތްތަކުގެ ޓްރީޓްމެންޓް ޕްލޭން ރިވިއު ކުރެވުމުންކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

އެންޑީއޭއިން ވިދާޅުވީ މި މަސް ނިމޭއިރު ގާތްގަނޑަކަށް 10 އަންހެނުންނަށާއި 15 ފިރިހެނުންނަށް ހާފްވޭހައުސްގެ ޕްރޮގްރާމުގައި ތިބޭނެކަމަށް ބެލެވޭކަމަށެވެ. އަދި މިވަގުތުވެސް އެ މަރުކަޒުން 76 ފިރިހެނުންނަށާއި 2 އަންހެނުންނަށް އަންނީ ޚިދުމަތް ދެމުންނެވެ.

ހުޅުމާލެ ހާފްވޭ ސެންޓަރުން ފަރުވާ ހޯދާ އަންހެނުންނަށް ޑީޓޮކްސިފިކޭޝަންގެ ހިދުމަތްތަކާއި ދިގުމުއްދަތުގެ ރީހެބިލިޓޭޝަން ހިދުމަތާއި މުޖްތަމަޢުއަށް އަހުލުވެރިކުރުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ.

މި ޕްރޮގްރާމުތަކުގެ ތެރޭގައި އިންހައުސްގައި އަންހެނުންނަށް ހާއްސަކޮށް ޑިޒައިންކުރެވިފައިވާ ތަފާތު ތެރެޕިއުޓިކް ގްރޫޕް ސެޝަންތައް، ލައިފް ސްކިލްސް، ޕޭރެންޓިން ސްކިލްސްފަދަ ސެޝަންތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރަށް މިސެންޓަރުން ފަރުވާދެވޭ ފިރިހެނުންނަށްވެސް ކައުންސެލިންގެ ޚިދުމަތާއި އާއިލާއާއި ގުޅުން ބަދަހިކުރުމަށްޓަކައި ފެމިލީ ކައުންސެލިންގ، ސައިކޯސޯޝަލް އެޑިއުކޭޝަން، ދިރިއުޅުމުގެ ހުނަރު ދަސްކޮށްދިނުމަށް އެހީތެރިވެދީ، އެސްއޯއީތަކާއި ގުޅިގެން ފަރުވާގައި އުޅޭ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދާދެވިގެންދާނެއެވެ.