ޚަބަރު

ފޭކު ޑޮލަރު ބޭނުންކޮށްގެން ފޯނެއް ގަންނަން އުޅުނު މީހަކު ހައްޔަރުކޮށްފި


ސައްޙަނޫން ޑޮލަރު ބޭނުންކޮށްގެން މަކަރާއި ހީލަތުން މޯބައިލް ފޯނެއް ގަންނަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި މާލެއިންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތު ކޯޓުން މިއަދު ވަނީ ދީފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

އޮޅުވާލައިގެންނާއި، މަކަރާއި ޚީލަތުން ފައިސާ ހޯދުމާއި، ފޭކު ސްލިޕްތައް ބޭނުންކޮށްގެން ވިޔަފާރިކުރުންފަދަ ކަންކަން ފަހަކަށް އައިސް ރާއްޖޭގައިވެސް އަންނަނީ އާއްމުވަމުންނެވެ. އެހެންކަމުން މިފަދަ ކަންކަމަށް އާއްމުން މިހާރަށްވުރެ ބޮޑަށް ފަރުވާތެރިވެ ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.