ޚަބަރު

ރާއްޖެއަށް ހޯދައިދިން ރީތި ނަމަށްޓަކައި، ރައީސްގެ ޝުކުރު އެމްއެމްޕީއާރުސީ އަށް


ފަތުރުވެރިކަން އިޝްތިހާރުކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށްޓަކައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީން ކުރަމުން އަންނަ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި، އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝުކުރު އަދާކުރައްވައިފިއެވެ.

އެމްއެމްޕީއާރްސީގެ މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާ އެތަނަށް ޒިޔާރަތްކުރައްވައި، މުވައްޒަފުންނާ ބައްލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވޯރލްޑް ޓްރެވަލް އެވޯޑްގައި، ވޯރލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑާއި، ވޯރލްޑް ލީޑިންގް ޓުއަރިސްޓް ބޯޑް އެވޯޑް ރާއްޖެއަށް ލިބިފައިވާތީ އެކަން ޚާއްޞަގޮތެއްގައި ފާހަގަކުރައްވައި، އެމްއެމްޕީއާރްސީގެ ވެރިންނާއި މުވައްޒަފުންނަށް ޝުކުރާއި މަރުޙަބާ ވިދާޅުވިއެވެ.

"ވޯރލްޑް ލީޑިންޑް ޓްއަރިސްޓް ބޯޑު" އެވޯޑް ރައްޖެއަށް ލިބުނު މިއީ ފުރަތަމަ އަހަރެވެ. އަދި، "ވޯރލްޑް ލީޑިންގ ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއިން ވަނީ މި އަހަރާއެކު ވިދިވިދިގެން 3 އަހަރު ހޯދާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޯވިޑްގެ ދަތި ދުވަސްވަރުވެސް ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީން ކުރި މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި ފާތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ނާރުކަން ފާހަގަކުރައްވައި، ފަތުރުވެރިކަން ކުރިއަރުވައި އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީން ކުރަމުންގެންދާ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

އެމްއެމްޕީއާރްސީއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ޒިޔާރަތުގައި އެ އިދާރާގެ މުވައްޒަފުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. މީގެ އިތުރުން ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ގެންގުޅޭ 'ޓޭލްސް އޮފް މޯލްޑިވްސް' ފޮތްތަކުގެ ކޮޕީއަކާއި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީން 2021 ވަނަ އަހަރުގެ ތެރޭގައި ކުރި މަސައްކަތްތަކުގެ މަޢުލޫމާތު ހިމެނޭ ފޮތެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުވިއެވެ.

ކޯވިޑް ބަލިމަޑުކަމުގެ ތެރޭގައިވެސް އެމް.އެމް.ޕީ.އާރު.ސީން ވަނީ ރާއްޖޭގެ ފަތުރުވެރިކަން ބޭރުގެ މާކެޓްތަކުގައި އިޝްތިހާރުކޮށް ފަތުރުވެރިކަން ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޠައްޔިބު މުހައްމަދު ވަނީ ފަތުރުވެރިން މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލަފައެވެ.

"ވޭތުވެދިޔަ ތިން އަހަރުވަންދެން ހުއްޓުމެއްނެޓި ރާއްޖޭ އިޝްތިހާރުކުރުމަށް ކުރި ބުރަ މަސްއަކަތްތަކުގެ ނަތީޖާމީ. މީގެ ސަބަބުން ރާއްޖެއަށް އިތުރު ފައިދާތައް ވެގެންއެބަދޭ. އެގޮތުން ރިސޯޓް ތަކުގެ ވިޔަފާރިއާއި ގެސްޓް ހައުސްތަކުގެ ވިޔަފާވިތައްވެސް އިތުރަށް ފުޅާވެގެން އެބަދޭ. މީގެންވެސް ހާމަވެގެންދަނީ އިޝްތިހާރުކުރުމުގެ މުހިންމުކަން." ޠައްޔިބު ވިދާޅުވިއެވެ.

ވޭތުވެދިޔަ 3 އަހަރު ތެރޭގައި އެމް.އެމް.ޕީ.އާރު.ސީން ވަނީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާގައި ނަގާކިޔާ އެކި ކުންފުނިތަކާއެކު ޖޮއިންޓް ކެމްޕޭންތައް ރާވައި ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި، އިޓަލީއާއި، އިންޑިއާފަދަ ޤައުމުތަކުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް އައުޓްޑޯ އެޑްވަޓައިޒިންގ ކެމްޕޭންތައް ވަނީ ހިންގާފައެވެ.