ޚަބަރު

ފިނި މޫސުމާއި ދިމާކޮށް ލޮޓް އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް


ފިނި މޫސުމާއި ދިމާކޮށް ލޮޓް ޕޮލިޝް އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ޕޮލެންޑްގެ އެއަރަލއިނެއްކަމަށްވާ ލޮޓް ޕޮލިޝް އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް ކުރަނީ ޕޮލެންޑްގެ ވާސޯ ޗޮޕިން އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްއިން ބުނީ ހަފްތާއަކު 1 ދުވަހު އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ބާއްވާނެކަމަށެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ ބޮއިންގ 787 މަރުކާގެ ބޯޓެވެ. މިއީ 294 މީހުންގެ ޖާގައިގެ ބޯޓެކެވެ.

ކޮންމެ އަހަރެއްގެ ފިނި މޫސުމާއި ދިމާކޮށް ގިނަ އެއަރލައިންތަކަކުން އަންނަނީ ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ. ސަބަބަކީ މިއީ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤުބޫލުކަން ބޮޑު ދުވަސްވަރަކަށް ވާތީއެވެ.

ޕޮލެންޑާކީ މިހާރު ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮކްޓޫބަރުމަހުގެ ނިޔަލަށް ޕޮލެންޑުން 17475 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ކޮންމެ އަހަރެއްގެވެސް ފަހުކޮޅަކީ ރާއްޖެއަށް ގިނަ އަދަދެއްގެ އެއަރލައިންތަކަކުން ދަތުރު ފަށާ ދުވަސްވަރެކެވެ. އަދި މި ދުވަސްވަރު ރާއްޖެއަށް ގިނަ އަދަދެއްގެ ފްރައިވެޓް ޖެޓްވެސް އާދެއެވެ. ޓޫރިޒަމް މިނިސްޓްރީން މިއަހަރު އަމާޒުހިފާފައި ވަނީ ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް ރާއްޖެއަށް 1402547 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.