ޚަބަރު

އިލެކްޓްރޯނިކް ވޯޓިން ނިޒާމަށް ދެކުނުކޮރެއާގެ ފަންނީ އެހީ ހޯދަނީ


ރާއްޖޭގައި ޤާއިމްކުރައްވާ އިލެކްޓްރޯނިކް ވޯޓިން ނިޒާމުގެ މަސައްކަތް ހަރުދަނާގޮތެއްގައި ކުރިއަށްގެންދެވުމަށްޓަކައި ދެކުނު ކޮރެއާގެ ފަންނީ އެހީތެރިކަން ލިބޭގޮތަށް ހަމަޖެހި، އެޤައުމުގައި ބޭނުންކުރާ އިލެކްޓްރޯނިކް ވޯޓިން ނިޒާމްތައް ބައްލަވަމުން ގެންދަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.  މިއަދު ރާއްޖެ ވަޑައިގެންނެވި ދެކުނު ކޮރެއާގެ އިލެކްޝަން ކޮމިޝަނަރ މިސްޓަރ ކިމް ޔޮންގ ހައިއަށް މަރުޙަބާ ވިދާޅުވުމަށްފަހު އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓްގައި ހުންނަވައި ވާހަކަދައްކަވަމުން، އިލެކްޝަން ކޮމިޝަންގެ މެންބަރު މުޙައްމަދު ޝަކީލް ވިދާޅުވީ ދެކުނު ކޮރެއާއަކީ އޭޝިޔާ ސަރަޙައްދުގައި އެންމެ ފެންވަރު ރަނގަޅު ވޯޓިން ނިޒާމް ބޭނުންކުރާ އެއް ޤައުމު ކަމަށެވެ. ރާއްޖޭގައި ޤާއިމްކުރައްވާ އިލެކްޓޯނިކް ވޯޓިން ސިސްޓަމްގެ މަސައްކަތް ހަރުދަނާ ގޮތެއްގައި ކުރިޔަށް ގެންދެވުމަށް ދެކުނު ކޮރެއާ ސަރުކާރުން އޮތީ ފަންނީ އެހީތެރިކަން ދިނުމަށް ތައްޔާރަށް ކަމަށް ޝަކީލް ވިދާޅުވިއެވެ. ދެކުނު ކޮރެއާގެ އިލެކްޝަން ކޮމިޝަނަރ މިސްޓަރ ކިމް ޔޮންގ ހައި ރާއްޖެއަށް މި ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ކޮރެއާގެ ވޯޓިން ސިސްޓަމްތަކުގެ ޑެމޯތައް ބެއްލެވުމަށްފަހު، އެއީ ރާއްޖޭގެ މާހައުލަށް އެންމެ އެކަށީގެންވާ ސިސްޓަމް ތަކެއްތޯ ދެނެގަނެވިގެންދާނެ ކަމަށްވެސް ޝަކީލް ވިދާޅުވިއެވެެ.   " ދެކުނު ކޮރެއާއަކީ ޓެކްނޮލޮޖީގެ ގޮތުން އަދި ޑިމޮކްރަސީގައިވެސް އެންމެ ބޮޑަށް ކުރިއަރާފައި އޮތް އެއް ޤައުމު. އެހެންކަމުން ޑިމޮކްރަސީ ކުރިއެރުވުމަށާއި ވޯޓުލުމުގެ ކަންކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ދެފަރާތުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން ކޮރެއާގެ އިލެކްޝަން ކޮމިޝަނަރގެ މި ދަތުރުގައި ބަލާލެވޭނެ. އެގައުމުގައި ވޯޓްލާ ނިޒާމްތަކުގެ ޑެމޯތައް ބެއްލެވުމަށްފަހު ރާއްޖޭގެ މާޙައުލަށް އެންމެ އެކަށީގެންވަނީ ކޮންކަހަލަ ސިސްޓަމެއްތޯ ދެނެގަންނާނަން. އެގޮތުން ދިވެހިން އެންމެ ބަލައިގަންނަ ކަހަލަ ސިސްޓަމަކަށް ދާން ނިންމާފައިވަނީ. " ޝަކީލް ވިދާޅުވިއެވެ. މިސްޓަރ ކިމް ޔޮންގ ހައި ވިދާޅުވީ، ރާއްޖެ ވަޑައިގަތުމުގެ ކުރިން ރާއްޖޭގެ ޑިމޮކްރަސީ އާއި، އިންތިޚާބްތަކުގެ ތަފްސީލްތައް ހޯއްދެވިކަމަށާއި، ފާއިތުވި މަދު މައްތަކުގެ ތެރޭގައި މި ދާއިރާތަކުން ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި އަލަށް ތައާރަފްކުރާ އިލެކްޓްރޯނިކް ވޯޓިން ނިޒާމްގެ މަސަކައްކަތުގައި ރާއްޖޭގެ އިލެކްޝަން ކޮމިޝަނުން ފަހުގެ ޓެކްނޮލޮޖީއާ ދިމާއަށް ދަތުރުކުރުމަކީ ދެކުނު ކޮރެއާއިން ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް ކަމަށް ވިދާޅުވިއެވެ. " އަޅުގަނޑުގެ މި ދަތުރުފުޅުގެ އެއް ބޭނުމަކީ ރާއްޖޭގެ އިންތިޚާބްތަކާއި ބެހޭ ނިޒާމް އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުން. މިކަމުގައި ކޮރެއާގެ ތަޖުރިބާ ހިއްސާކޮށް، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކޮށްދޭނަން. " މިސްޓަރ ކިމް ވިދާޅުވިއެވެ.  މިސްޓަރ ކިމް ޔޮންގ ހައިގެ މި ދަތުރުފުޅުގެ ތެރެއިން ކަމާގުޅޭ އެމް.އޯ.ޔޫ ތަކެއްގައި ދެ ގައުމުގެ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިލެކްޓްރޯނިކް ވޯޓިންގ ނިޒާމް ބޭނުންކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިދިޔަ ޑިސެމްބަރު މަހު ހާމަކުރައްވާފައެވެ. އަދި ކުރިއަރާފައިވާ ޤައުމުތަކުގެ ވޯޓުލާ ނިޒާމްތައް ބައްލަވައި، ދިރާސާކުރައްވަމުން ގެންދަވާކަމަށާއި، އެފަދަ ޤައުމުތަކުގައި ބާއްވާ އިންތިޚާބުތައް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން އޮބްޒާވްކުރައްވަމުން ގެންދަވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.