ޚަބަރު

އެންމެ ބޮޑު ކުރިއެރުމަކީ ކުޅިވަރުގައި އޮތް ތަފާތުކުރުން ނައްތާލުން: މަޚްލޫފް


ފާއިތުވެދިޔަ ހަތަރު އަހަރު ތެރޭގައި ކުޅިވަރުގެ ދާއިރާއިން ގެނެވުނު އެންމެ ބޮޑު ކުރިއެރުމަކީ ކުޅިވަރުގައި އޮތް ތަފާތުކުރުންތައް ނައްތާލުން ކަމަށް މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވިސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ މަޚްލޫފް ވިދާޅުވީ އެއްވެސް ވެރިކަމެއްގައި ރާއްޖޭގެ ކުޅިވަރު ދާއިރާއަށް ނުގެންނަ ކުރިއެރުމާއި ތަރައްގީ މިސަރުކާރުން ގެނެސްފައިވާކަމަށެވެ. މަޚްލޫފް ވިދާޅުވީ ކުޅިވަރުގެ ތެރޭގައި މި ސަރުކާރަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުޅިވަރުތަކުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުސަތު ހޯދައިދިނުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.


"54 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ދިދަ ޕެރެލިމްޕިކްސްގައި މިދިޔަ އަހަރު އެ އުފުލާލީ. މިއޮއް ހާދުވަހު ވެސް ރާއްޖޭގައި ކުޅިވަރު ކުޅޭނުންތޯ؟ ޕެރެލިމްޕިކްސް ވެސް ކުޅޭ ނުންތޯ؟ އެކަމަކު އެއިން ކުއްޖަކަށް ކުޅެލާނެ ވާދަކޮށްލާނެ ފުރުސަތެއް ނެތް. މިއަދު ޕެރެލިމްޕިކްސްގަ އެ ވާދަކުރަ މާޒިން މެން، ފާތުން މެން ކުދިންނަށް ލިބޭނެ ދަގަނޑޭ އަށް އެ ލިބޭ އެލަވަންސް." މިނިސްޓަރ މަޚްލޫފް ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މިދިޔަ ހަތަރު އަހަރަކީ އުމްރަނީ ތަރައްގީއަށް ބެލިނަމަވެސް ދުވަހަކުވެސް ރާއްޖޭގައި ނުކުރާހާ ގިނަ މަސައްކަތް ކޮށްފައިވާ އަހަރުތަކެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރު ވެސް 40 ފުޓުބޯޅަ ދަނޑު ނިންމައި 85 ދަނޑުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރަށް ފުޓުބޯޅަށް ދަނޑުތަކުގެ އިތުރަށް ވޮލީ ކޯޓުތަކާއި، ސްކޭޓްޕާކުތަކާއި، ސަރފް ޓްރެކްތަކަކީވެސް މީގެކުރިން އެއްވެސް ސަރުކާރަކުން ގާއިމްކޮށްފައިވާ ވަސީލަތްތަކެއް ނޫންކަން ފާހަގަކުރައްވާ މަޚްލޫފް ވިދާޅުވީ މިހާރު ރާއްޖޭގައި ކުޅޭނީ ހަމައެކަނި ފުޓުބޯޅަ ނޫން ކަމަށާއި، ހުރިހާ ކުޅިވަރުތަކަކަށްވެސް ހަމަހަމަ ފުރުސަތު ހޯދައިދެމުން އަންނަ ކަމަށެވެ.


"ދެ ދުވަސްކުރިން އަޅުގަނޑު މިއައީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ސަރފިން ނެޝެނަލް ޓީމަށް ކޯޗެއް ހޯދައިދީފަ. މީގެ ކުރިން ހަމައެކަނި ކޯޗެއް ވެސް ހުންނަން ޖެހެނީ ފުޓުބޯޅައިގަ. އެކަހަލަ ބައިވަރު ތަފާތުތައް ނައްތާލާ އަންހެން ފިރިހެން އެތްލީޓުންގެ މެދުގައި ހުރި ތަފާތުތަކާއި ކުދި ކުޅިވަރުތަކާއި ބޮޑު ކުޅިވަރުތަކުގައި ހުރި ތަފާތުތައް ނައްތާލުން ކަހަލަ ބައިވަރު ކަންކަން ހާސިލްކުރެވިއްޖެ." މަހުލޫފް ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ ބައެއް މަޝްރޫތަކާއި ގުޅިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވަނީ ގިނަ މަސައްކަތްތައް ލަސްވަމުން އަންނަނީ ކޮންޓްރެކްޓަރުންނާ ހަމައިންކަން ފާހަގަކުރައްވައި، އެކަންކަން ވީހާވެސް އަވަހަށް ނިންމުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ މަގާމުން މިހާރު ދުރައްޖެހިވަޑައިގެންނެވި ނަމަވެސް ހިތްހަމަޖެހިލައިގެން ދުރަށް ވަޑައިގެންނެވޭނެވަރަށް ތަރައްޤީ މިދިޔަ ހަތަރު އަހަރު ތެރޭގައި ގެނެވިފައިވާ ކަމަށެވެ.