އިންޑިއާއިން ބޭނުން ވަރަކަށް ރަޝިއާއިން ތެޔޮ ގަތުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ޖެނެޓް ޔެލެން ވިދާޅުވެއްޖެއެވެ.
ޖެނެޓް މިގޮތަށް ވިދާޅުވެފައި މިވަނީ ރަޝިއާ އަތުން ތެޔޮ ގަންނާނެ ކަމަށާއި އެކަމުން އިންޑިއާއަށް ފައިދާވާ ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު، ސުބްރަމާނިޔަމް ޖައިޝަންކަރް ވިދާޅުވެފައި ވަނިކޮށެވެ.
ޖެނެޓް ވިދާޅުވީ ޖީ7 ގެ ގައުމުތަކުން ރަޝިއާގެ ތެޔޮ ގަތުމަށް ވަކި އަގެއް ކަނޑައަޅައި ޝަރުތުކުރި ނަމަވެސް، ރަޝިއާގެ ތެޔޮ ގަތުމުގައި އިންޑިއާއަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ. ނަމަވެސް، އިންޑިއާއަށް ރަޝިއާއިން ތެޔޮ ގަނެވޭނީ ހުޅަނގުގެ އިންޝުއަރެންސާއި ފައިނޭންސް އަދި މެރިޓައިމް ޚިދުމަތްތަކުން އިންޑިއާ ވަކިވެގެން ކަމަށް ޖެނެޓް ވިދާޅުވިއެވެ.
އެމެރިކާ އާއި އިންޑިއާގެ އިގްތިސާދީ ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ކޮންފަރެންސްގެ ހަވާސާގައި ރޮއިޓާސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޖެނެޓް ވިދާޅުވީ ރަޝިއާގެ ތެލަށް ވަކި އަގެއް ކަނޑައެޅުމުގެ ބޭނުމަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްކުރުން ކަމަށެވެ. އަދި ޔޫރަޕް އިއްތިހާދުން ހުޅަނގުން ކަނޑައަޅާފައިވާ އަގަށް ނުވަތަ އެކަށީގެންވާ ރަނގަޅު ޑިސްކައުންޓަކާ ނުލައި ޔޫރަޕަށް ހަކަތަ އިމްޕޯޓް ކުރުން ހުއްޓާލުމުން ރަޝިއާއަށް މިހާރު ވިއްކާ މިންވަރަށް ތެޔޮ ނުވިއްކޭނެ ކަމަށް ޖެނެޓް އިތުރަށް ވިދާޅުވިއެވެ.
ޗައިނާއަށްފަހު ރަޝިއާ އަތުން ތެޔޮ އެންމެ ގިނައިން ގަންނަ ގައުމަކީ އިންޑިއާއެވެ. އެގޮތުން އޮކްޓޫބަރު މަހު ނިއުދިއްލީއަށް އިމްޕޯޓްކުރި ޖުމުލަ ތެލުގެ %22 އިމްޕޯޓުކޮށްފައިވަނީ ރަޝިއާއިންނެވެ.
ރަޝިއާ ޔުކްރެއިން ހަނގުރާމަ ފެށުމާއި ގުޅިގެން ހުޅަނގުން އޮތީ ރަޝިއާގެ ހަކަތަ ގަތުން މުޅިން ކަހަލަ ގޮތަކަށް ހުއްޓާލާފަ އެވެ. އަދި އިގުތިސާދީ ގޮތުން ރަޝިއާއަށް ދަތިކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ވެސް ވަނީ އަޅާފައެވެ.
ދުނިޔޭގެ އެހެން ގައުމުތަކުން ޚާއްސަކޮށް އިންޑިއާ އާއި ޗައިނާއިން ހުޅަނގަށް އެއްބާރުލުންދީ ރަޝިއާގެ ހަކަތަ ގަތުން ހުއްޓާލަން ހުޅަނގުން އޮތީ ގޮވާލާފައެވެ. ނަމަވެސް އިންޑިއާއިން ވަނީ ރަޝިއާއިން ތެލާއި ގޭސް ގަތުން އިތުރުކޮށްފައެވެ.
އިންޑިއާއަށް އަސްކަރީ ސާމާނު ޒަމާނުއްސުރެ އެންމެ ގިނައިން ފޯރުކޮށްދެނީ ރަޝިއާއިންނެވެ. ރަޝިއާ އަކީ އިންޑިއާއިން ބޭސް ފޯރުކޮށްދޭ ހަތަރު ވަނައަށް އެންމެ ބޮޑު މާކެޓެވެ.