ޚަބަރު

ޝުއައިބު އާއި ސާނިއާގެ ގުޅުން ނިމުމަކަށް؟


ސްޓަރ ކަޕުލް އަދި ކުރިކެޓްގެ ދެ ތަރިން ކަމުގައިވާ ޕާކިސްތާނުގެ ޝުއައިބު މާލިކާއި އިންޑިއާގެ ސާނިއާ މިރުޒާ ކައިވެނިކޮށްގެން އުޅޭތާ 10 އަހަރަށްވުރެވެސް ގިނަ ވެއްޖެއެވެ.

ނަމަވެސް ދާދިފަހުން ސޯޝަލް މީޑިއާގައި ސާނިއާ ކުރި ޕޯސްޓަކާއި ގުޅިގެން ދެމީހުންގެ ގުޅުން މިހާރު އެހާ ރަނގަޅު ނޫން ކަމަށް މީޑއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ދަރިފުޅާއިއެކު ނަގާފައިވާ ފޮޓޯއެއްގެ ކެޕްޝަންގައި ސާނިއާ ލިޔެފައިވާ ގޮތުގައި އެންމެ އުދަނގޫ ދުވަސްތަކުގައި ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ދަރިފުޅު ކަމަށެވެ.

ޕާކިސްތާނުގެ ނިއުސް ޗެނަލެއް ކަމަށްވާ ޖިއޯ ނިއުސް ޗެނަލް އިން އެންމެ ފަހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޤާނޫނީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ނިމުމުން އެދެމީހުންގެ ކައިވެނި ރޫޅިފައިވާކަން އިޢުލާނުކުރާނެއެވެ. ނަމަވެސް 4 އަހަރުވެފައި އެމީހުންގެ ދަރިފުޅު ބަލާނީ ދެމީހުން ކަމަށްވެސް އެ ނިއުސް ޗެނަލް އިން ވަނީ ރިޕޯޓުކޮށްފައެވެ.

ޝުއައިބު އާއި ސާނިއާ ކައިވެނިކޮށްފައި ވަނީ 2010 ވަނަ އަހަރުގެ އޭޕްރީލް 15 ވަނަ ދުވަހު އިންޑިއާގެ ހައިދަރްއާބާދުގައެވެ. މިއާއެކު ޕާކިސްތާނުގައި ވެސް ދެމީހުންގެ ކައިވެނީގެ ހަފްލާ ވަނީ ބާއްވާފައެވެ.

ކައިވެންޏަށްފަހު ދެމަފިރިންގެ ދިރިއުޅުން ވަނީ ދުބާއިއަށް ބަދަލުކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ވަރިއަށް އެދި ހުށަހެޅި ސާނިއާ އެވެ. އަދި އެއީ ކައިވެނީގެ ބޭރުން އެހެން އަންހެނަކާއި ޝުއައިބު ގުޅުން ހިންގާކަން ފަޅާއެރުމުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ޕާކިސްތާނުގެ މޮޑެލް އައިޝާ އުމަރު އާއި ޝުއައިބުގެ ގުޅުމެއް އޮތް ކަމަށް ވާހަކަތައް ދެކެވޭއިރު ޝުއައިބު އާއި އައިޝާ ވަނީ "ބޯލްޑް" ފޮޓޯޝޫޓެއްވެސް އެކުގައި ނަގާފައެވެ. މިކަމާއި ސާނިއާ ވަރަށް ހިތްހަމަނުޖެހިފައި ހުރި ކަމަށްވެސް މީޑިއާ ތަކުން ރިޕޯޓުކުރެއެވެ.