ޚަބަރު

ހުރިހާ ފެކަލްޓީތަކެއްގައި ރަސޫލާގެ ސީރަތު ކިޔަވައިދެއްވަނީ


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ހުރިހާ ފެކަލްޓީތަކެއްގައިވެސް ކީރިތި ރަސޫލާ ﷺ ސީރަތު ކިޔަވައިދެއްވާނެކަމަށް އެ ޔުނިވާރސިޓީގެ ވައިސް ޗާރންސެލާރ ޑރ. އަލީ ފަވާޒް ވިދާޅުވެއްޖެއެވެ. ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަރޑީޒް އިން ބޭއްވި ކީރިތި ރަސޫލާ ﷺ ސީރަތާއި ބެހޭ ބައިނަލް އަޤްވާމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ. ފަވާޒު ވިދާޅުވީ، މަތީ ތައުލީމު ހާސިލުކޮށްގެން މުޖުތަމައުއަށް ނިކުންނަ ދަރިވަރުންނަކީ އަހުލާޤް ރަނގަޅުބަޔަކަށް ހަދަންޖެހޭކަމަށެވެ. އަދި އެކަމުގައި މަތީ ތައުލީމުދޭ މަރުކަޒުތަކުން ފުރިހަމަ ޒިންމާއެއް އަދާކުރަން ލާޒިމުކަމަކަށް ވެފައިވާކަމަށް ޑރ. ފަވާޒު ވިދާޅުވިއެވެ.ޤައުމީ ޔުނިވަރސިޓީގެ ފަނަރަ ފެކަލްޓީއެއްގައި ކިޔަވައިދެއެވެ. އަދި މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް ޤައުމީ ޔުނިވަރސިޓީގެ ކޯސްތައް ހިންގަމުންދެއެވެ. މިހާތަނަށް ކީރިތި ރަސޫލާ ﷺ ސީރަތު ކިޔަވައިދެއްވަމުން އައީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަރޑީޒްގައި އެކަންޏެވެ. ކީރިތި ރަސޫލާ ﷺ ސީރަތު ހުރިހާ ފެކަލްޓީއެއްގައި ކިޔަވައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަންވެސް ޤައުމީ ޔުނިވަރސިޓީން ފާހަގަކުރައްވައެވެ.