ޚަބަރު

އައްޑޫގައި ފަތުރުވެރިކަން ފުޅާކުރަން މުހިންމު މަޝްވަރާތަކެއް


އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން، 'އައްޑޫ ސްޓޭޓަސް އަދި ސްޓޭކް ހޯލްޑަރ އެންގޭޖްމަންޓް' ގެ ނަމުގައި ފޯރަމެއް ކުރިއަށްގެންގޮސްފިއެވެ. މި ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މިފޯރަމްގައި، އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛް ފައްޔާޒް އިސްމާއިލްއާއި، އައްޑޫސީޓީ މޭޔަރ އަލީ ނިޒާރުގެ އިތުރުން، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙުމަދު ޞާލިޙްއާއި ސްޓޭޓް މިނިސްޓަރ އަބްދުﷲ ޞާދިޤް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. އަދި މީގެ އިތުރުން، މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ ސީއީއޯ އާއި އައްޑޫސިޓީގެ ކައުންސިލަރުންނާއި، އައްޑޫގެ ޓޫރިޒަމް ދާއިރާގައި މަސަތްކަތް ކުރައްވާ ބޭފުޅުން ވަނީ މިފޯރަމްގައި ބައިވެރިވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ މިފޯރަމްގެ މައިގަނޑު މަޤްސަދަކީ ސްޓޭޓްކް ހޯލްޑަރުންނާއިއެކު އެއްތަނަކުން ބައްދަލުވެ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެއްގެ ގޮތުގައި އައްޑޫ ސިޓީ މާކެޓްކުރުމަށް ރާވަައިފައިވާ ކަންތައްތަކާއިމެދު މަޝްވަރާކުރުމެވެ.

މޭޔަރ އަލީ ނިޒާރު ވިދާޅުވީ އައްޑޫގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އެގޮތުން، އެ ގޮންޖުންތަކާއިއެކުވެސް އައްޑޫގައި ފަތުރުވެރިކަން ފުޅާކުރެވޭނެ ގޮތްތަކާއިމެދު ސްޓޭކް ހޯލަޑްރުންގެ މެދުގައި ޢިލްމީ ބަހުސްތައް މިފޯރަމްގައި ކުރިއަށް ގެންގޮސްފައިވާކަމަށް މޭޔަރ ވިދާޅުވިއެވެ. މީގެއިތުރުން އައްޑޫގެ ފަތުރުވެރިކަން ފުޅާކުރަން ރާވައިފައިވާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް އިސްލާމިކް ބޭންކުގެ ލަފާ މިފޯރަމްގައި ހިއްސާކޮށްފައިވާކަންވެސް މޭޔަރ ފާހަގަކުރެއްވިއެވެ.

މޭޔަރ ވިދާޅުވީ މިވަގުތު އައްޑޫގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އައްޑޫގައި އެނދުތަކުގެ އަދަދު މަދުވުމެވެ.

" މިހާރު އައްޑޫގައި ހުރި އެނދުތައް އެއްކޮށްލީމަ ގާތްގާތްގަނޑަކަށް 2000އެއްހާ އެނދު މިހާރު މިހުރީ. އެހެންކަމުން މިއަދަދަދު އިތުރުކުރުމަށް މަސައްކަތް ކުރަންޖެހޭ. ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން 8000 އެނދު ގެނެއުމުގެ މަޝްރޫއާއިއެކު އައްޑޫގެ ފަތުރުވެރިކަމަށް ބޮޑު ބަދަލެއް އަންނާނެ." މޭޔަރ ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ ފްލައި ދުބާއީގެ ސީދާ ދަތުރުތައް އައްޑޫއަށް ފެށުމަކީ އައްޑޫގެ ފަތުރުވެރިކަމަށް މިއަހަރު ލިބިގެންދާނެ ކުރިއެރުމެކެވެ. މިއާއިއެކު އައްޑޫއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުވާނެކަމަށް ޤަބޫލުކުރައްވަކަން ފާހަގަކުރައްވަމުން މޭޔަރ ވިދާޅުވީ މިފޯރަމްއަކީ މިދަނޑިވަޅުގައި ވަަރަށް މުހިންމު ފޯރަމެއް ކަމަށެވެ. އެގޮތުން ފްލައި ދުބާއީގެ ދަތުރުތަކަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާއިމެދުވެސް މިފޯރަމްގައި މަޝްވަރާ ކުރެވިގެންދިޔަކަމަށް މޭޔަރު ވިދާޅުވިއެވެ.

ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީގައި ފަތުރުވެރިކަން ޕްރޮމޯޓުކޮށް، އެވިޔަފާރި ފުޅާކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ ސިޓީގައި 8000 އެނދު ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުގެ ތެރެއިން ފަތުރުވެރިކަމުގެ ޚާއްސަ ސަރަހައްދުތައް ކަނޑައަޅާ އެ ބިންތަކުގައި ގެސްޓް ހައުސާއި ސިޓީ ހޮޓާތައް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.