ޚަބަރު

ހަރުދަނާ ސިޔާސަތުތަކާއެކު ވިޔަފާރިތަކަށް ފަހި މާހައުލެއް


2019 ވަނަ އަހަރު ނިމިގެން ދިޔައީ އިޤްތިސާދީގޮތުން ރާއްޖެއަށް ކާމިޔާބު އަހަރެއްގެ ގޮތުގައެވެ. ފަތުރުވެރިންގެ ރެކޯޑް އަދަދާއެކު އިޤްތިޞާދީ ދުވެލި ވަރަށް ބޮޑަށް ހަލުވިވެގެންދިޔައެވެ. ނަމަވެސް އިޤްތިޞާދަށް ލިބެމުންދިޔަ ކުރިއެރުންތައް މަޑުޖެހި، އިޤްތިޞާދު މުޅިންހެން ހުއްޓުމަކަށް އައީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ފަހުކޮޅު ދުނިޔެއަށް ފެތުރެން ފެށި ކޯވިޑްގެ ސަބަބުންނެވެ.

އިމްޕޯޓަށް ބަރޯސާވާ ރާއްޖެ ފަދަ ކުޑަ އިޤްތިސާދެއް އޮންނަ ޤައުމަކަށް މިކަމުގެ ސަބަބުން ކުރިމަތިލާން ޖެހުނީ ދަތި އުނދަގޫތަކަކާއެވެ. ކޯވިޑުން ރައްކާތެރިވުމަށް އަޅަންޖެހުނު ފިޔަވަޅުތަކާއެކު، ރާއްޖޭގެ ބޯޑަރުތައް 110 ދުވަހަށް ބަންދުކުރިއެވެ. ރާއްޖޭގެ އިޤްތިސާދުގެ މައި ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތްކަމުގައިވާއިރު، ބޯޑަރު ބަންދުކުރުމާއި ފަތުރުވެރިން އައުން ހުއްޓި، ރިސޯޓުތަކާއި ފަތުރުވެރިންނަށް ޙިދުމަތްދޭ ފެސިލިޓީތައް ބަންދުކުރުމުން ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އެހެން ސިނާއަތްތައްވެސް ހުއްޓި، ބޮޑެތި ގެއްލުންތަކެއް ކުރިމަތިވިއެވެ.

މިފަދަ ހަލަތެއްގައި ޤައުމުގެ އިޤްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން ރޭވުންތެރިކަމާއެކު ހަރުދަނާ ފިޔަވަޅުތައް އަޅަން ފެށިއެވެ. ކޯވިޑާއެކު ވަޒީފާއަށް އަސަރުކުރި ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސް ދޭން ފެށިއެވެ. ވިޔަފާރިތަކަށްވަމުންދިޔަ ގެއްލުންތައް ކުޑަކުރުމަށް ލޯންތަކާއި މާލީ އެހީތައް ފޯރުކޮށްދެމުން ދިޔައެވެ. މިއީ އިޤްތިޞާދު އެއްކޮށް މަޑުޖެހުނަނުދިނުމަށް ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކަކެކެވެ.

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އެއްވެސް ހިދުމަތަށް ބުރޫ ނާރުވައި، އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކޮށް ރައްޔިތުންނަށް ހިދުމަތްތައް ދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލްއަޤްވާމީ ވުޒާރާތަކުގެ އެހީތެރިކަން ސަރުކާރުން ހޯދިއެވެ. މިއީވެސް އޭގެ ސަބަބުން ސަރުކާރުން އުފުލަންޖެހުނު ބުރަ ބޮޑުވި ކަމެކެވެ. އެހެންނަމަވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ ކުންފުނިތަކާއި ވިޔަފާރިތައް ފަށައިގަތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ސަރުކާރުން އެޅުއްވި ފިޔަވަޅުތަކާއެކު ފެނިގެންދިޔައީ ކޯވިޑް ނުރައްކަލުން ޤައުމު އަރައިގަނެ، އަނެއްކާވެސް އިޤްތިޞާދު ބާރަށް ހިންގާލި މަންޒަރެވެ.

ވިޔަފާރިތަކަށް ކޯވިޑުގެ ތެރޭގައިވަމުންދިޔަ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ކުރެއްވި މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު، ފައްޔާޟް އިސްމާޢީލް ވިދާޅުވީ، އޭރު އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ މިހާރު އިޤްތިޞާދަށް އަންނަ ކުރިއެރުމުން ފެންނަ ކަމަށެވެ.

"އަޅުގަނޑުމެން ވިސްނީ ވީވަރަކުން، ހުރިހާ ވިޔަފާރިތަކެއް، ދިރިތިބެވޭނެގޮތަކަށް ސިޔާސަތުތައް ބައްޓަން ކުރުމަށް، އެގޮތުން ވަރަށް ގިނަ އެހީތަކެއް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކަށް ދީގެން، ފައިސާގެ އެހީ އާއި، ލުއިތައް ދީގެން، އޭރު ވިޔަފާރިކުރަމުންދިޔަ %0.5 ވިޔަފާރިވެސް ހަލާކުވެގެން ދިޔަ ކަމަކަށް ޤަބޫލު ނުކުރެވޭ، އެންމެން ނޭވާ ލެވޭ ވަރުގައި ހިފަހައްޓާލެވުނު، އެހެންވެގެން އިޤްތިސާދު ކުއްލިއަކަށް މިއަދު ޖަމްޕު ޖަހާފަ މިއޮތީ" މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

އިޤްތިޞާދީ ސިނާއަތްތަކަށް ލިބެމުންދާ ކުރިއެރުންތަކާއެކު ރާއްޖޭގެ އިޤްތިސާދީ ދުވެއްޔަށްވެސް ދަނީ ކުރިއެރުން ލިބެމުންނެވެ. އެގޮތުން ސަރުކާރުން ލަފާކުރައް ވަނީ މިއަހަރު ނިމޭއިރު ރާއްޖޭގެ އިޤްތިސާދު %13 ކުރިއަރާނެ ކަމަށެވެ. އަދި އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދު ކޯވިޑުގެ ކުރިން ހުރި މިންވަރަށް ދާނެ ކަމަށްވެސް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ އިޤްތިޞާދީ އޮތީ ރަނގަޅު ހާލަތެއްގައިކަމަށް ބުނަނީ ސަރުކާރުން އެކަންޏެއް ނޫނެވެ، ބައިނަލްއަޤްވާމީ މާލީ އިދާރާތައްކަމަށްވާ އައިއެމްއެފްއާއި ވޯލްޑް ބެންކުންވެސް ދަނީ ރާއްޖޭގެ އިޤްތިޞާދަކީ ކޯވިޑަށްފަހު މި ސަރަހައްދުގައިވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަ އިޤްތިޞާދުކަން ހާމަކޮށްފައެވެ. އަދި މިއީ ކޯވިޑް ތެރޭގައި ސަރުކާރުން އިޤްތިޞާދު ހިފަހައްޓަން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާކަމަށްވެސް މާލީ އިދާރާތަކުން ބުނެއެވެ.