ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު 5 ސްކޫލް އަޅަން ބިން ޙަވާލުކޮށްފި


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ތަރައްޤީކުރާ 4 ސްކޫލާކާއި، އަމިއްލަ ފަރާތަކާ ޙަވާލުކޮށް ސްކޫލެއް އެޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ބިން ޙަވާލުކޮށްފިއެވެ. މިކަމުގެ އެސްބަސްވުނަތްތަކުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

ސަރުކާރުގެ 4 ސްކޫލް އެޅުމަށް ބިން ޙަވާލުކުރުމުގެ އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމެވެ.

ސަރުކާރުން އަލަށް ތަރައްޤީކުރާ 4 ސްކޫލް އަޅަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައެވެ. އަދި މި ސްކޫލްތައް ތަރައްޤީކުރުމަށް ބިން ދޫކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މެދުތެރެއިންނެވެ.

އެޗް.ޑީ.ސީން ވިދާޅުވީ، ސްކޫލްތައް އެޅުމަށް ބިން ދޫކުރާ ސަރަޙައްދުތައް ކަނޑައެޅުމުގައި ބަލާފައިވަނީ، ޢާއްމުން އެންމެ ބޮޑަށް އާބާދުވާނެ ސަރަޙައްދުތަކަށްކަމަށެވެ. މިވަގުތަށް ބަލާއިރުވެސް، ސޯޝަލް ހައުސިންގެ ގިނަ މަޝްރޫޢޫތައް ކުރިއަށްގެންދަނީ، ފޭސް ދޭއްގެ މެދުތެރޭގައެވެ.

މި ޕްރޮޖެކްޓްގެ ޢަމާޒަކީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް މިހާރު ދިރިއުޅުން ބަދަލުކޮށްފައިވާ އާއިލާތަކާއި، ކުރިއަށްހުރި މަޝްރޫޢުތަކުގައި ދިރިއުޅުން ބަދަލުކުރާ އާއިލާތަކުގެ ދަރިވަރުންނަށް ތަޢުލީމު ޙާޞިލުކުރުމަށް ބޭނުންވާ ޖާގަ ތަނަވަސްކޮށްދިނުމެވެ.

4 ސްކޫލް ތަރައްޤީކުރުމަށް 50000 އަކަފޫޓުގެ ދެ ބިމާއި، 66000 ގެ ބިމަކާއި 70000 އަކަފޫޓުގެ ބިމެން ދޭން ވަނީ ކަނޑައަޅާފައެވެ.

އެޗް.ޑީ.ސީގެ މޭނޭޖިން ޑިރެކްޓަރ އަހުމަދު އާތިފް ވިދާޅުވީ، ހުޅުމާލޭގެ މާސްޓަރ ޕްލޭން އެކުލަވާލާފައިވަނީ، ހުޅުމާލޭގައި އާބާދުވާ އާބާދީއަށް ބަލާ، އެކަށޭނަ ޚިދުމަތްތައް ޤާއިމުކުރުމުގެ ޕްލޭނާއެކުކަމަށެވެ. ހިއްކި ބިމަކުން ބޯހިޔާވަހިން އެކަނި ފޯރުކޮށްދީގެން، ވަށާޖެހޭ ދިރިއުޅުމެއް ހޯދައި ނުދެވޭނެކަމަށް އާތިފް ވިދާޅުވިއެވެ.

"މިއާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 10 ސްކޫލެއްގެ މަސައްކަތް މިވަނީ ފެށިގެން ގޮސްފައި. މިގެތެރޭގައި އަމިއްލަ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތައްވެސް ހިމެނެ" އާތިފް ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ސްކޫލްތަކަކީ، 1000 ދަރިވަރުންގެ ޖާގައިގެ ސްކޫލްތައްކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން މީގެކުރިން ހާމަކޮށްފައިވެއެވެ. އަދި މި ސްކޫލްތައް ފަރުމާކޮށްފައިވަނީ ވަށާޖެހޭ ތަޢުލީމެއް ފޯރުކޮށްދެވޭނެހެން، އެއްދަންފަޅީގެ ސްކޫލްތަކުގެ ގޮތުގައެވެ.

އެޗް.ޑީ.ސީން ވަނީ އަމިއްލަ ފަރާތެއްކަމަށްވާ އައިލެންޑަރސް އެޑިއުކޭޝަނުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިންޓަނޭޝަނަލް ސްކޫލެއް އެޅުމަށްވެސް ބިން ހަވާލުކޮށްފައެވެ. އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް އަދި އައިލެންޑަރސް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން އަބްދުލް ރަޝީދެވެ. ސްކޫލް އެޅުމަށް 48000 އަކަފޫޓުގެ ބިމެއް ވަނީ ދީފައެވެ.

މި ސްކޫލް ވެގެންދާނީ ކައުންސިލް އޮފް ބްރިޓިޝް އިންޓަނޭޝަނަލް ސްކޫލްގެ ފަރާތުން އެކްރެޑިޓްކޮށްގެން ހިންގާ ސްކޫލަކަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިވަގުތުވެސް 4 ސްކޫލެއްގެ މަސައްކަތް ކުރިއަށްދެއެވެ. މިހާތަނަށް ފޭސް ދޭއްގައި ކިޔަވައިދޭން ފަށާފައިވަނީ އެންމެ ސްކޫލެއްގައެވެ. އެ ސްކޫލްގެ ކިޔެވުން ފެށީ މިއަހަރުގެ ސެޕްޓެމްބަރު މަހުއެވެ.