ޚަބަރު

ސަލްމާން މިސްކިތުގެ މަރާމާތަށް ބޭނުންވާ ސާމާނު ހޯދާ، މަސައްކަތް ފަށަނީ


ކިންގް ސަލްމާން މިސްކިތުގައި ހުރި ބައެއް މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތް ދެނެގަތުމުގެ މަސައްކަތް ތުރުކީވިލާތުގެ ޓީމުން ފަށައިފިއެވެ.

ސަލްމާން މިސްކިތުގައި ތާޅަފިލިތަކުގެ އަޑު މަޑުކަމުންނާއި ކަރަންޓުގެ ބައެއް މައްސަލަ ދިމާވެގެން އާންމުން ވަނީ އެކަމާއި ޝަކުވާކޮށްފައެވެ. އަދި މިސްކިތުގައި އޭސީގެ މައްސަލަޖެހި އޭސީ ނުޖައްސާކަމުގެ މައްސަލަތައްވެސް ވަނީ ފެންމަތިވެފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ކިންގް ސަލްމާން މިސްކިތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ތުރުކީގެ ޓެކްނީޝަން ޓީމު މިހާރު ރާއްޖެއައިސް ކުރަންޖެހޭ މަސައްކަތް ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި ސަލްމާން މިސްކިތުގެ އޭސީ މަރާމާތުކުރާ ތުރުކީގެ އެކްސްޕާޓުންނާއެކު އެ މަސައްކަތުގެ އެގްރީމަންޓުގައި މިއަދު ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިހާރު މަރާމާތައް ބޭނުންވާ އެއްޗެހި އޯޑަރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، ތަކެތި ލިބުނުހާ އަވަހަކަށް މަރާމާތުގެ މަސައްކަތް ފެށޭނެކަމަށެވެ.

ކިންގް ސަލްމާން މިސްކިތް އާއްމުކޮށް ހުޅުވާލާ، ނަމާދު ކުރަން ފަށާފައިވަނީ 1 އޭޕްރިލް 2022 ގައެވެ. ނަމަވެސް މިމިސްކިތް އަދިވެސް ރަސްމީކޮށް ހުޅުވާފައެއްނުވެއެވެ. ކިންގް ސަލްމާން މިސްކިތަކީ ސަޢުދީ ޢަރަބިއްޔާގެ އެހީގައި އަޅާފައިވާ މިސްކިތަކަށްވުމުން، މިސްކިތް ރަސްމީކޮށް ހުޅުވަން ނިންމާފައިވަނީ އެ ޤައުމުގެ ވަފުދެއް ރާއްޖެ އައުމުންނެވެ. ސަލްމާން މިސްކިތް ހުޅުވިތާ 7 މަސް ދުވަސްވެފައިވާއިރު އިސްލާމިކް މިނިސްޓަރު ވިދާޅުވީ، ސަޢުދީ ސަރުކާރުގެ ވަފްދު އެތަން ރަސްމީކޮށް ހުޅުވުމަށްޓަކައި ރާއްޖެ އަންނާނެ ދުވަހެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ސަލްމާން މިސްކިތުގެ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާގައި ޖުމުލަ 4000 މީހުންނަށް ނަމާދު ކުރެވޭއިރު, ތިންވަނަ ފަންގިފިލާގައި 40 ޖާގައިގެ 4 ކްލާސްރޫމާއި، 5 ސެމިނަރ ރޫމް ހުރެއެވެ. އަދި ހަތަރުވަނަ ފަންގިފިލާގައި ލައިބްރަރީއަކާއި، 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއްވެސް ހުރެއެވެ.