ޚަބަރު

ބަޖެޓުން ދޭ އެންމެ ބޮޑު ޔަޤީންކަމަކީ އެއްވެސް ރައްޔިތެއް ތަފާތުނުކުރުން: އިކްރާމް


އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން ރައްޔިތުންނަށް ލިބިގެންދާ އެންމެ ބޮޑު ޔަގީންކަމަކީ އެއްވެސް ތަފާތު ކުރުމެއްނެތި ހުރިހާ ރަށަކަށްވެސް ތަރައްޤީގެ ކަންކަން ހާސިލްވެގެން ދިއުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

ބެޖެޓްގެ ބަހުސްގެ މަރުހަލާ ބުރާސްފަތު ދުވަހު މަޖިލީހުގައި ވަނީ ނިންމާލާފައެވެ. ބަހުސް މަރުހަލާގައި މެމްބަރުން ވަނީ ބަޖެޓާއިމެދު ދެކެވބަޑައިގަންނަވާ ގޮތް ހާމަކުރައްވާފައެވެ. ޕީއެސްއެމް ނިއުސްގެ "ބާބު 3" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވީ މިބަޖެޓަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ރައްޔިތުންނަށް އެއްހަމައެއްގައި ތަރައްޤީއާއި ކުރިއެރުން ލިބިގެންދާނެގޮތަށް އެކުލަވާލާފައިވާ ހަމަހަމަ ބަޖެޓެއް ކަމަށެވެ.

ސިޔާސީގޮތުން ވިސްނުން އެއްގޮތް ނުވި ނަމަވެސް ތަރައްޤީގައި އެއްވެސް ރައްޔިތަކު ބާކީ ނުކުރުމަކީ މިސަރުކާރުގެ ސިޔާސަތުކަން އިކްރާމް ފާހަގަކުރެއްވިއެވެ. ކޯވިޑާއި ގުޅިގެން ސަރުކާރަށް މާލީގޮތުން ދިމާވި ގޮންޖެހުންތަކުން އަރައި ނުގަނެވެނީސް ރަޝިޔާ ޔޫކްރެއިން ހަނގުރާމައާއިއެކު މުޅި ދުނިޔެއަށް ދިމާވި ގޮންޖެހުންތަކުގައިވެސް ސަރުކާރުން ޢަމަލުކޮށްފައިވަނީ ރައްޔިތުންނަށް ވީހާވެސް ބުރަ ކުޑަވާނެ ގޮތަށްކަމަށް އިކްރާމް ވިދާޅުވިއެވެ.

ދިމާވާ ގޮންޖެހުންތަކާއިއެކު ކެތްތެރިކަމާއި ހިކުމަތްތެރި ކަމާއިއެކު ސަރުކާރުން ރައްޔިތުންގެ އުންމީދުތައް ހާސިލް ކުރުމުގައި ދެވަނަ ދައުރެއް ސަރުކާރަށް ދިނުމަކީ ޤައުމުގެ ތަރައްޤީއަށްޓަކައިވެސް މުހިންމުކަމެއްކަމަށް އިކްރާމް ވިދާޅުވިއެވެ. އަދި އިޚްލާސްތެރިކަމާއިއެކު ރައްޔިތުންނަށް ޚިދުމަތްކުރާ ވެރިއަކަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމަށްވެސް އެކަމުން މަންފާކުރާނެ ކަމެއްކަމަށް އިކްރާމް ވިދާޅުވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދޭންނުޖެހޭ ހަމަ އެއްވެސް ސަބަބެއް ނެތް. އެއްވެސް ސަބަބެއްނެތް. ހަގީގަތުގައިވެސް ފަސް އަހަރކުގެ ދައުރަކަށްފަހު ކޮންމެފަހަރަކު ސަރުކާރު ބަދަލު ކޮށްލީމާ އަނެއްކާ އަލުންބަލުން ކަންތައްތަކެއް ފަށަން ޖެހުމާ، ހަމަޖެހުން އޮތުމަކީ ހަމަ ވަރަށް މުހިންމު ކަމެއް. ދެދައުރެއް މިއޮންނަނީ ޤާނޫނުގައިވެސް، ދެދައުރަށް ވެރިކަން ލިބގެން ދިއުމަކީ އިޚުލާސްތެރި ތެދުވެރި ވެރިއަކަށް ވެރިކަން ކުރުމަށް ލިބޭނެ ފަހި ފުރުސަތަކަށް ވާނެ،." އިކްރާމް ވިދާޅުވިއެވެ.

ސިޔާސީ މަސްރަހަށްވެސް އަލިއަޅުއްވާލައްވަމުން އިކްރާމް ވިދާޅުވީ، ނިމިދިޔަ ވެރިކަމާއި މިސަރުކާރާއި އޮތް ތަފާތަކީ އަނިޔާއާއި، ބޭއިންސާފު ކަމަށެވެ. ނިމިދިޔަ ވެރިކަމުގައި ހުރިހާ ވާދަވެރިން ޖަލަށްލައި ޚިޔާލް ފާޅުކުރުމާއި އެއްވެ އުޅުމާއި އަދި ދައުލަތުގެ ތިންބާރަށް ކުރިމަތިކުރުވި ނުފޫޒަކީ އެވެރިކަން ނިމިގެންދިއުމުގެ އަސްލުކަމަށް އިކްރާމް ވިދާޅުވިއެވެ. މިއަދު ސަރުކާރުން ވެރިކަން ކުރަމުންދަނީ ސިޔާސީ ވާދަވެރިންނަށް ފުރުސަތުދީ، މިނިވަންކަމާއިއެކު ބަސްބުނުމުގެ ޖާގަ ދީގެންކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރުއީ ދާއިރާއަށް ނުފޫޒް ފޯރުވައިގެން ޙުކުމް ކުރި ޒަމާން މަޒީވެފައިވާކަމަށާއި، މަޖިލީހަށް ބާރާއި ނުފޫޒު ފޯރުވައިގެން ކަންކަން ކުރަން އުޅުނު ޒަމާންވެސް މިހާރު މާޒީވެފައިވާކަމަށް އިކްރާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުން އެދޭފަދަ ވެރިކަމެއް މިއަދު ކުރެވިގެންދާކަމީ އެކަމާއި ގިނަ ރައްޔިތުން ފަޚުރުވެރިވާ ކަމެއްކަމަށެވެ.