ޚަބަރު

ތިނަދޫން މީހުން ބޭލި މައްސަލާގައި އިތުރު 9 މީހެއްގެ ބަޔާން ނަގައިފި


1962 ވަނަ އަހަރު ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫން މީހުން ބޭލި ހާދިސާއާ ގުޅިގެން ޢާންމުކޮށް ހުޅުވާނުލައި އަޑުއެހުންތަކެއް ބާއްވައިފިއެވެ.

ތިނަދޫއިން މީހުން ބޭލި ޙާދިސާގައި އިންސާނީ ހައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައި ހުރިކަމަށް ބުނާ ކަންކަން ދެނެގަނެ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތަކާއި އެކަންކަމުގެ ޙަޤީޤަތް ހޯދުމުގެ ގޮތުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ގެންދަނީ އަޑުއެހުންތައް ބާއްވަމުންނެވެ.

މިމައްސަލާގައި ޢާންމުކޮށް ހުޅުވާނުލައި މިދިޔަ އޮކްޓޯބަރު މަހުގެ 16 އިން 26 އަށް ގެންދިޔަ އަޑުއެހުންތަކުގައި ޖުމުލަ ނުވަ މީހެއްގެ ބަޔާން ވަނީ ނަގާފައެވެ. މި އަޑުއެހުންތައް ބޭއްވުމުގެ މައިގަނޑު މަޤްޞަދުތަކަކީ އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް ހިއްސާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި، އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ކަމާބެހޭ އިދާރާތަކަށް ބާރުއެޅުމެވެ. އަދި މާޒީގައި ހިނގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު މައްސަލަތަކުގެ ޙަޤީޤަތް ހޯދުމުގެ އިތުރުން މި މައްސަލައާ ގުޅިގެން ކުރަމުންދާ ތަޙުޤީޤަށް މަޢުލޫމާތު ހޯދުމެވެ.

ތިނަދޫން މީހުން ބޭލި މައްސަލަ އިންތިޤާލީ އިންސާފްގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބަލަނީ ޤައުމީ މަސްލަހަތު ހިމެނޭ މައްސަލައެއްގެ ގޮތުގައެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ ގދ.ތިނަދޫގައި މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

1959އިން 1966އަށް ރާއްޖޭގެ ދެކުނު އަތޮޅު 4 އަތޮޅުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ތިނަދޫ ރައްޔިތުން ރަށުން ބާލާ ދައުލަތުގެ ފަރާތުން ލާއިންސާނީ އަނިޔާދީ، އެތަކެއް އަސާސީ ހައްގުތަކެއް ގެއްލިފައިވާކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަ އިންތިޤާލީ އިންސާފްގެ އޮފީހަށް ހުށައެޅީ ތިނަދޫ ކައުންސިލާއި އެ ހާދިސާގައި ހައްގުތަކެއް ގެއްލިފައިވާކަމަށް ތުހުމަތުކުރާ ބައެއް އަމިއްލަ ފަރާތްތަކުންނެވެ.

އިންތިޤާލީ އިންސާފުގެ އޮފިހުން ވަނީ އެ އޮފީހަށް ހުށައަޅާފައިވާ ގިނަ މައްސަލަތައް ބަލައި ނިމިފައިވާކަން ހާމަކޮށްފައެވެ. އެގޮތުން 111 މައްސަލަ ނިންމާފައިވާކަމަށާއި، ނަމަވެސް ޤައުމީ މަސްލަހަތު ހިމެނޭ މައްސަލަތައް އަދި ނުނިމޭކަމަށް އެ އޮފީހުން ވިދާޅުވިއެވެ. ތިނަދޫއިން މީހުން ބޭލި މައްސަލަ ހިމެނޭހެން، ޤައުމީ މައްސަލައިގެ ގޮތުގައި ބަލަމުން އަންނަ މައްސަލަތައްވެސް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ވިދާޅުވިއެވެ.