ވިޔަފާރި

އެދުވަހު މަޑުޖެހުނު އިޤްތިޞާދު، މިއަދު ބާރަށް ކުރިއަށް!


ކޯވިޑް19 ގެ އާލަމީ ވަބާގެ ސަބަބުން މުޅި ދުނިޔެ އިޤްތިޞާދީ ބޮޑު އަނދަވަޅަކަށް ވެއްޓުނެވެ. ކޮންމެ ޤައުމަކުންވެސް ބެލީ އެޅެންހުރި ހުރިހައި ފިޔަވަޅުތަކެއް އަޅައިގެންވެސް މި ކާރިސާއިން އެންމެ އަވަހަށް ސަލާމަތްވެވޭނެ މަގެއް ހޯދުމަށެވެ. ނަމަވެސް އެކި ޤައުމުތަކަށް މިކަމުން އަރައިގަތުމަށް ކުރަންޖެހުނު މަސައްކަތްތަކާއި އަރައިގަނެވޭ މިންވަރު ތަފާތުވެގެންދިޔައެވެ.

ރާއްޖެއަށްވެސް ކޯވިޑްގެ ސަބަބުން ލިބުނު ގެއްލުން ނުހަނު ބޮޑެވެ. ކޯވިޑަކީ ރާއްޖޭގެ ތާރީޚުގައިވެސް ދިމާވި އެންމެ ބޮޑު އެއް ޞިއްޙީ އަދި އިޤްތިޞާދީ ކާރިސާއެވެ. ކޯވިޑްގެ ސަބަބުން ތަރައްޤީގެ ގިނަ ކަންތައްތަކެއް މަޑުޖައްސާލާ އިޤްތިޞާދު އަލުން ކޮޅަށް ނަގަން ސަރުކާރަށް މަޖުބޫރުވެގެންދިޔައެވެ. 2 އަހަރެއްހާ ދުވަސް މުޅި ޤައުމު ބަންދުކޮށްގެން ބާއްވަންޖެހުނެވެ. މިކަން ވެގެންދިޔައީ ސަރުކާރަށް ގެއްލުނު 2 އަހަރަށެވެ.


ކޯވިޑް19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއް ސިނާއަތް ފަތުރުވެރިކަން މުޅިންހެން ހުއްޓިގެންދިޔައެވެ. ރާއްޖޭގެ ބޯޑަރު 3 މަސްދުވަހަށް މުޅިން ބަންދުކުރަން ޖެހުނެވެ. މިއީ ސަރުކާރަށް އަޅަން ފަސޭހަވި ފިޔަވަޅެއްވެސް ނޫނެވެ. ނަމަވެސް ރައްޔިތުންގެ ހައްގުގައި ދުނިޔޭގެ ގިނަ ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގެ ބޯޑަރުވެސް ބަންދުކުރިއެވެ. ރާއްޖޭގެ ޖީޑިޕީގެ %40 އަށްވުރެ ބޮޑު ހިއްސާއެއް އަދާކުރާ ފަތުރުވެރިކަމުގެ ސިނާއަތައް ހުއްޓުމެއް އައުން ވެގެންދިޔައީ ރާއްޖޭގެ އިޤްތިޞާދަށްވެސް ލޮޅުންގެނުވި ކަމަކަށެވެ.

ފަތުރުވެރިކަން ހުއްޓުނު މި ހާލަތުގައިވެސް ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

އެގޮތުން ކޯވިޑުގެ ސަބަބުން އާމްދަނީއަށް އަސަރުކުރި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާއި ވިޔަފާރިތައް ހުއްޓުނަނުދީ ހިންގުމަށް ވިޔަފާރިތަކަށް ފޯރުކޮށްދިން އެހީތެރިކަން ހިމެނެއެވެ. އިޤްތިޞާދު އަލުން ހިނގައިގަންނާނީ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީ އެ ވިޔަފާރިތައް ހިންގައިގެންކަން ސަރުކާރަށް ވިސްނުނެވެ. އެހެންކަމުން ތަރައްޤީގެ ބައެއް މަޝްރޫޢުތައް މެދުކަނޑާލާ ސަރުކާރުގެ އެންމެ މުހިންމު އެއް ވިސްނުމަކަށްވީ އެންމެ ފުރަތަމަ ޤައުމުގެ އިޤްތިސާދު އޮތް ބޮޑު އަނދަވަޅުން ނެގުމެވެ.



ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޯވިޑް19 ގެ ތެރޭގައި ސަރުކާރުން އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 22،946 މީހަކަށް 421 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. 419 ބޮޑެތި ވިޔަފާރިތަކަށް 585.9 މިލިއަން ރުފިޔާއާއި 8 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. އަދި ކުދި ވިޔަފާރިތަކަށް ބަލާލާއިރު 2204 ވިޔަފާރިއަކަށް 381 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކޯވިޑުން އިޤްތިސާދު ވެއްޓުނު އަޑިގަނޑުން އަރައިގަނެ އިޤްތިސާދު ހިނގައިގަނެވޭނީ ކޯވިޑް-19 ގެ ހާލަތު ރަނގަޅުވެގެންކަން މި ސަރުކާރަށް ވިސްނުނެވެ. އެހެންކަމުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބަލައިގެން ކޯވިޑުން އަރައިގަތުމުގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ފެއްޓެވިއެވެ. އެގޮތުން ކޯވިޑުން އަރައިގަތުމަށް މިހާތަނަށް ކުރި ހަރަދުތައް 4.2 ބިލިއަނަށް އަރައެވެ.

ކޯވިޑް-19 އިން އަރައިގަތުމަށް ކުރެވުނު މަސައްކަތުން ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޤާބިލުކަން އިތުރުކުރެވި، ޓެސްޓްކޮށް، ވެކްސިންގައި ދުނިޔޭގެ ކާމިޔާބު ޤައުމަކަށް ރާއްޖެ ވަނީ ހެދިފައެވެ. ބަލި ކޮންޓްރޯލްކޮށް މެނޭޖްކުރުމުގައި ދުނިޔެއަށް ރާއްޖެއިން ވަނީ މިސާލު ދައްކާފައެވެ. އަދި އެ ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވަނީ އުނދަގޫ އެހެންނަމަވެސް ވަރުގަދަ ނިންމުމެއް ނިންމަވާފައެވެ. އެއީ ރާއްޖެއަށް އާމްދަނީ ވަންނަ ރާއްޖޭގެ މައި ދޮރޯށި ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލެއްވުމެވެ. އެއީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހެވެ.

ބޯޑަރު ހުޅުވުމާއިއެކު މަޑުމަޑުން ރާއްޖެއަށް ފަތުރުވެރިން އައިސް ހީނަރުވެފައިއޮތް ރާއްޖޭގެ ފަތުރުވެރިކަމަށް އާރޯކަމާއި އުޖާލާކަން ލިބެންފެށިއެވެ. ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާ ގޮތުގެ ސަބަބުންނާއި އަދި އެ ދަނޑިވަޅުގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ގިނަ މަންޒިލްތައް ބަންދުކޮށްފައި އޮތުން ވެގެންދިޔައީ ރާއްޖެއަށް ލިބިގެންދިޔަ މޮޅަކަށެވެ. ގިނަ ފަތުރުވެރިން ކޯވިޑްގެ ހާލަތުގައި ހިތްހަމަޖައްސާލަން އަންނަން ބޭނުންވި މަންޒިލަކަށް ރާއްޖެ ވެގެންދިޔައެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު އަލުން ހިނގައިގަތް ހިސާބެވެ. އެދުވަހަށްފަހު ރާއްޖޭގެ އިޤްތިސާދު ދިޔައީ އަލުން ކުރިއަރަމުންނެވެ.

2021 ވަނަ އަހަރު ނިމުނުއިރު، ރާއްޖޭގެ އިގްތިޞާދު ވަނީ 41.7 އިންސައްތައިން ކުރިއަރައިފައެވެ. މީގެ ސަބަބަކީ ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް އޭރު އަންދާޒާކުރި މިންވަރަށްވުރެވެސް އިތުރުވުމެވެ. އިޤްތިޞާދުގެ ރިކަވަރީ މި އަހަރުވެސް ބާރަށް ކުރިއަށްދާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. މި އަހަރު ރާއްޖޭގެ އިޤްތިޞާދު 12.3 އިންސައްތައިން ކުރިއަރާނެކަމަށާއި އަދި 2023 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު 7.6 އިންސައްތައިން ކުރިއަރާނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކޯވިޑަށްފަހު ދުނިޔޭގެ އެންމެ ބާރަށް ކުރިއަރަމުންއަންނަ އިޤްތިސާދުގެ ތެރޭގައި ރާއްޖޭގެ އިޤްތިސާދު ހިމެނެއެވެ. އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެފައިވަނީ އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދު ކޯވިޑް-19 ގެ ކުރިން ހުރި މިންވަރަށް ދާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ދުނިޔޭގެ އިޤްތިޞާދަށް އެކި ބަދަލުތައް އަންނަމުންދާއިރު ރާއްޖޭގެ އިޤްތިޞާދީ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ އެކަމަށް ރިޢާޔަތްކޮށްގެންކަމަށެވެ.

"2023ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު ކޮވިޑް-19ގެ ކުރީގެ އިގުތިސާދުގެ ލެވެލް ފަހަނައަޅައިދާއިރު، ދައުލަތުގެ އާމްދަނީވެސް ބޮޑުވެގެންދާނެ. އަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 32.1 ބިލިއަން ރުފިޔާ. މިއީ 2022 ވަނަ އަހަރަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާ އަޅައިބަލާއިރު 21.8 އިންސައްތަ އިތުރު އަދަދެއް. މީގެ ތެރެއިން ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 23.5 ބިލިއަން ރުފިޔާ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ" މިނިސްޓަރ ވިދާޅުވިއެވެ.


ކޯވިޑް19 އިން މުޅި ދުނިޔެއަށް މިސާލު ދައްކާ ރާއްޖޭގެ އިޤްތިސާދު ބާރަށް ކުރިއެރީ މި ސަރުކާރުގެ ދުރުވިސްނޭ ސިޔާސަތާއި އަދި ކޯވިޑް19 ގެ ތެރޭގައި ސަރުކާރުން ނެންގެވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. ކޯވިޑް19 އާއި އަދި އެއަށްފަހު ދިމާވި ރަޝިއާ ރޫކްރެއިން ހަނގުރާމައިގެ ސަބަބުންވެސް ރާއްޖޭގެ އިޤްތިސާދަށް ދިމާވި އެންމެހައި ކަންކަމަށް މި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވިއެވެ. އަވަށްޓެރި ބައެއް އެހެން ޤައުމުތަކަށް ބަލާލާއިރު ހާލަތު ރަނގަޅަށް މެނޭޖްނުކުރުރެވުމުގެ ސަބަބުން އެ ޤައުމުތަކަށް ދިމާވި ހިތްދަތި ހާލަތު ލޯކުރިމަތިން ފެނިގެންދެއެވެ. އެހެންނަމަވެސް ރާއްޖެއަށް އެފަދަ ހާލަތެއް ދިމާނުވީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހްގެ ސަރުކާރުގެ ހަރުދަނާ ފިޔަވަޅުގެ ސަބަބުންނެވެ.

ކޯވިޑްގެ ހާލަތު މެނޭޖްކުރެވި އިޤްތިސާދު މިހާރު ކުރިއަރަންފަށާފައިވާއިރު ތަރައްޤީގެ މަޝްރޫއުތައް ދަނީ ބާރަށް ކުރިއަށެވެ. ތަރައްޤީގެ މަޝްރޫއެއް ކުރިއަށް ނުދާ އަތޮޅެއް ރަށެއް މިއަދު ނެތެވެ. މިއީ އެ ދުވަހު ސަރުކާރުން ދެއްކި ވާހަކައެވެ. އެދުވަހު ތަރައްޤީގެ މަޝްރޫތައް މެދުކަނޑާލި މައިގަނޑު ސަބަބެވެ.