ޚަބަރު

އަލިފާނުގައި މުޅި ދިރިއުޅުމާއި، އާއިލާވެސް އަޅިއަށް!


"އަހަރެން ފޭބި އިރު، ތިރި ހުންނަނީ ރޯވެފަ. ދުން އަރަނީ. ސިޑިން ފުންމާލައިގެން ދުވެފަ ދިޔައީ. އެންމެނަށް ގޮވާނީ އަހަރެން" ދަންވަރު 12:30 ހާއިރު އަލިފާނުގެ ދުން ވަންނަހެން ހީވެގެން ކޮޓަރިން ނުކުމެ ބަލާލި އެއްލަޔަމް އެތަނުން ސަލާމަތްވި ގޮތުގެ ވާހަކަ އޭނާ ފެށީ އެގަޑީ ހެދުނު ގޮތެއް ނޭނގޭ ބުނަމުންނެވެ.

މ.ނިރުފެހިގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއިން ސަލާމަތްވި 9 މީހުންގެ ތެރޭގައި ހިމެނުނު އެ ޒުވާނާ ކިޔާދިންގޮތުގައި 3 ފަންގިފިލާއަށް އިމާރާތްކޮށްފައި ހުރި، އެ ގޭގެ ގްރައުންޑް ފްލޯގައި ހުންނަނީ ގަރާޖެކެވެ. އަދި ފުރަތަމަ އަލިފާން ހިފީ ވެސް އެ ގަރާޖުގައެވެ. އެމީހުން ދިރިއުޅެމުން އައި ކޮޓަރިތަކަކީ ސީދާ ގަރާޖާ ދިމާ މަތީގައި ހުރި ކޮޓަރިތައް ކަމުން ގަރާޖުގައި ރޯވި އަލިފާނުގެ އަސަރު އެންމެ ފުރަތަމަ ވެސް ކުރީ ސިޑިއަށެވެ.

"އަހަރެން (ކޮޓަރިން) ނުކުންނަ އިރު ސިޑީގައި ރޯވެފަ ހުންނަނީ. ދެން އަހަރެން ފުންމާލީ ސިޑިން. އެގަޑީގަ ނުބެލެނީ ދޯ. އަހަރެން އިވެނީ އެންމެން ރޯ އަޑު. ހަޅޭއްލަވަނީ" އެއްލަޔަމް ބުންޏެވެ.

ގޮވަމުން ހަޅޭއްލަވަމުން އެންމެންނަށް އަޑު ފޯރާތޯ ރޮމުން ފައިބައިގެން އައި ނަމަވެސް އޭނާގެ އަޑު އިވިގެން އެތަނުން ނުކުތީ އިތުރު 8 މީހުންނެވެ. އެއީ ސިޑިއާ އެންމެ ކައިރި ކޮޓަރީގައި ތިބި މީހުންނެވެ. ބާކީ ތިބި މީހުން ސިޑިއާ ހަމައަށް އައިރު ސިޑިން ފޭބޭނެ އެއްވެސް ގޮތެއް ނެތެވެ. ސިޑީގައި އޮތީ ގަދައަށް އަލިފާން ހިފާފައެވެ.

ބޭރަށް ނިކުމެވުނު އިރު އެތަނުން އޭނާއަށް ފުލުހުން ފެނެއެވެ. ކަޅު ބޯ ދުން ފެނެއެވެ. އޭނާ އާ އެކު އެ ގޭގައި ދިރިއުޅުނު ސާޅީހަކަށް މީހުންގެ ރުއިމާ ހަޅޭކުގެ އަޑުވެސް އިވެއެވެ. އަދިވެސް އެ މަންޒަރާއި އަޑު އޭނާއަށް ސިފަވާ ފަދައެވެ.

ބޭބެ އެގެއަށް ދިޔައީ ދައުވަތަކަށް ކާން، ދެން ލިބުނީ މަރުގެ ޚަބަރު

މި ހާދިސާގައި ކަން ހިނގާ ދިޔަގޮތް ބެލުމުގެ މަސައްކަތާއި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފުލުހުންނާއި އެމް.އެން.ޑީ.އެފުން ގުޅިގެން ކުރަމުން އަންނައިރު އެސަރަހައްދުގައި ހުރި ސޮލަމް މިއާ ދިޔައީ އެކި މީހުންނަށް ގުޅަމުންނެވެ.

މާނޭވާއެއް ލަމުން އޭނާ ވާހަކަ ދައްކަމުންދިޔައީ ގިސްލާ ރޮމުންނެވެ. އޭނާ އެސަރަހައްދަށް ދިޔައީ ގެއްލިގެން އުޅޭ އޭނާގެ ބޭބެ އުއްޒަލްގެ ފޮޓޯ ހިފައިގެން އޭނާ ހޯދުމަށެވެ.

ރޭ 10:30 ވީއިރު ވެސް އެކީގައި ހީ މަޖާކޮށް އުޅުނު އިރު އެއީ އޭނާގެ ބޭބެ އޭނާއަށް ފެންނާނެ އެންމެ ފަހު ފަހަރަށް ވެދާނޭ ކުޑަކޮށް ވެސް ހިތަކަށް ނާރައެވެ. އާއިލާއާ ދުރުގައި ދެމީހުން އެކުގައި މަސައްކަތްކުރަން ރާއްޖޭގައި އުޅެމުން އަންނައިރު، އޭނާގެ ބޭބެ އެގެއަށް ދިޔައީ އެ ރޭ 11 ޖަހާކަން ހާއިރު، އެކުވެރިއެއްގެ ދައުވަތަކަށެވެ.

"އަހަރެން ކައިރި ހުއްޓާ އަންހެނެ މީހާ ގުޅަނީ. ދެން ދިޔައީ. އޭނަ އަބަދުވެސް އަންނަނީ 12، 1 ޖަހާ ގަޑީ. އެހެންވެ އަހަރެން ވެސް ނިދަނީ." ސޮލަމް ބުންޏެވެ.

ހާދިސާ ހިނގި ވަގުތު ގޭގައި ނިދާފައި އޮތް ސޮލަމްއަށް އެކަން ހިނގައިގެން އުޅޭކަން އެނގުނީ ވެސް އޭގެ އަނެއް ދުވަހު ހެނދުނު ރަހުމަތްތެރިންގެ ފަރާތުންނެވެ. އެހިސާބުން ފަށައިގެން އޭނާގެ ބޭބެ ހޯދުމަށް ފޭސްބުކް އެކައުންޓުގައި ޕޯސްޓު ޖަހައިގެން ވެސް މަސައްކަތްކުރަމުން އައި ސޮލަމްގެ އުންމީދަކަށްވީ ދިރިހުއްޓާ ބޭބެ ފެނުމެވެ.

ހާދިސާ ހިނގި ސަރަހައްދުން ހަވީރު 4:30 ހާއިރު ސޮލަމްއާ ބައްދަލުވި އިރު، އޭނާ ދިޔައީ އެ ފޮޓޯ އާއި، ބޭބެގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށް ހޯދުމުގެ މަސައްކަތްކުރަމުންނެވެ. އޭނާގެ ބޭބެ ސަލާމަތްވި މީހުންގެ ތެރޭގައި ނެތްކަން ޔަގީންވެ މޯޗަރީއަށް ދިއުމަށް ފުލުހުން އިރުޝާދު ދިނީ އެތަނުންނެވެ. ބޭބެއާ ދެން ބައްދަލުނުވެދާނެ ކަން ސޮލަމް އިހުސާސްކުރެވުނީ އެހިސާބުންނެވެ.

އެ ހާދިސާގައި ނިޔާވި 10 މީހުންގެ އާއިލާއާއި، ރައްޓެހި ރަހުމަތްތެރިން މިހާރު މޯޗަރީ ދޮރުމައްޗަށް އެއްވެ ތިބި އިރު އެއިން ކޮންމެ މީހެއްގެ މޫނު މަތިން ވެސް ފެންނަނީ ކަންބޮޑުވުމާއި އުދާސްކަމެވެ.

ބީރައްޓެހި ޤައުމެއްގައި އެމީހުން އުޅެމުން އަންނައިރު ބިދޭސީން އުޅެނީ އެންމެން އެއް އާއިލާއެއްގެ ގޮތުގައި ބަލައިގެންނެވެ. އެހެންކަމުން މިއަދު އެމީހުން ތަހައްމަލު ކުރަމުން އެދަނީ އާއިލާގެ މެމްބަރުން ގެއްލި ދިއުމުގެ ހިތާމައެވެ. އެއިން ކޮންމެ މީހަކު ވެސް ތިބީ އެމީހެއްގެ އެކުވެރިޔާގެ ފޮޓޯ ހިފައިގެން އޭނަގެ ޚަބަރެއްވިތޯ އެކަކު އަނެކަކު ކައިރީ އެހުމުގައެވެ.

އެމީހުންނާ އެންމެ ގާތުން މަސައްކަތްކުރި މީހުންނާއި ރާއްޖޭގައި އާއިލީ މެމްބަރުން ތިބި މީހުން ސަހަރާ އެތެރެއަށް ވައްދާ މޯޗަރީގެ ވެއިޓިން އޭރިއާގައި ތިބި އިރު، މައި ދޮރު ހުޅުވާލާ ކޮންމެ ފަހަރަކު ފެންނަނީ އެއިން ކޮންމެ މީހެއްގެ ލޮލުން އޮހޮރެމުން ހުއްޓުމެއް ނެތް ކަރުނައެވެ.