ދުނިޔޭގެ ވިޔަފާރި

ލަންކާގައި ހަދާ އެންމެ ބޮޑު ވިޔަފާރި ބަނދަރުގެ މަސައްކަތް ފަށައިފި


އަވަށްޓެރި ސްރީ ލަންކާގައި ހަދާ އެންމެ ބޮޑު ބަނދަރުހެދުމުގެ މަސައްކަތް ބުދަދުވަހު ފަށައިފިއެވެ.

700 މިލިއަން އެމެރިކާ ޑޮލަރުގެ މި ބަނދަރު ހެދުމަށް އިންޑިއާގެ މަލްޓިނޭޝަނަލް ކުންފުނި އަދާނީ ގްރޫޕްއިންވެސް ވަނީ އެހީ ދީފައިކަމަށް ލަންކާގެ ކަމާއިބެހޭ އޮފިޝަލުން ވިދާޅުވެއެވެ.

މި ބަނދަރުގެ ފުރަތަމަ މަރުހަލާ 2024 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގެ ނިޔަލަށް ނިމޭނޭ ކަމަށާއި ބަނދަރު އެއްކޮށް ނިމޭނީ 2025 ވަނަ އަހަރު ނިމޭއިރުކަމަށް ސްރީލަންކާ ޕޯޓްސް އޮތޯރިޓީ، އެސްއެލްޕީއޭގެ މެނޭޖިންގ ޑިރެކްޓަރު އުޕުލް ޖަޔަތިއްސާ ވިދާޅުވިއެވެ.

އޭޝިއާގެ އެންމެ މުއްސަނދި މީހާ ގޯތަމް އަދާނީގެ އަދާނީ ގްރޫޕުން މި ބަނދަރުގެ ވެސްޓް ކޮންޓެއިނަރ ޓާރމިނަލް، ޑަބްލިޔުސީޓީގެ %51 ހިއްސާވެއެވެ. ޗައިނާ މާޗެންޓްސް ޕޯޓްސް ހޯލްޑިންގްސް ކޮމްޕެނީ ލިމިޓެޑްއިން ހިންގާ ޓާރމިނަލެއްވެސް މި ބަނދަރުގައި އޮވެއެވެ.

ބަނދަރު ހެދުމަށް އަދާނީ ގްރޫޕުން މިދިޔަ އަހަރުވެސް ސްރީލަންކާގައި އިންވެސްޓްކުރުމަށް ރޭވިއެވެ. ނަމަވެސް ހިޔާލު ތަފާތުވުން ތަކާއިހެދި އެ ފަހަރު ވަނީ ބަނދަރު ހެދޭގޮތް ނުވެފައެވެ. މިދިޔަ އަހަރު ޕޯޓްސް ޔޫނިއަންއިން ބޭނުންވީ ބަނދަރުގެ އީސްޓް ކޮންޓެއިނަރ ޓާރމިނަލް، އީސީޓީ ސަރުކާރުން އެޅުމަށެވެ. މިއާއިއެކު ބަނދަރުހެދުމުގެ މަސައްކަތުން އަދާނީ ވަނީ ބޭރުކޮށްލާފައެވެ.

ނަމަވެސް ޖުލައި މަހު ލަންކާގެ ވެރިކަމާއި ހަވާލުވެލެއްވި ރަނިލް ވިކްރަމްސިންގް ވަނީ އަނެއްކާވެސް އަދާނީއާއިއެކު ވެސްޓް ޓާރމިނަލް ހެދުމުގެ އެއްބަސްވުން ހަދާފައެވެ. އީސްޓް ކޮންޓެއިނަރ ޓާރމިނަލްގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ލަންކާގެ ޕޯޓްސް އޮތޯރިޓީއިންނެވެ. އަދި މި ޓާރމިނަލް 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހަދާ ނިމޭނެކަމަށް ޖަޔަތިއްސާ ވިދާޅުވިއެވެ.

ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާގައި ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން އިންޑިއާއިން މިއަހަރު ވަނީ ވަރަށް ގިނަ މާލީ އެހީ ލަންކާއަށް ފޯރުކޮށްދީފައެވެ.

ލަންކާއަށް ދިމާވެފައިވާ ކާރިސާގައި ހަކަތާއި ކާބޯތަކެތި އަދި ބޭހާއި، އެނޫންވެސް ތަކެތި ލިބުން ދަތިވެފައިވާތީ އިންޑިއާއިން މިހާތަނަށް ވަނީ އެ ގައުމަށް 4 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ވެދީފައެވެ.