ޚަބަރު

އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކާއި ރައީސް ބައްދަލުކުރައްވަނީ


ރޭ ދަންވަރު މ. ސެންޑްރޮސްގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކަމާބެހޭ އިދާރާތަކާއެކު ބައްދަލުވުމެއް ބާއްވަން ނިންމަވައިފިއެވެ.

ރޭ ދަންވަރު މ.ސެންޑްރޮސްގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގެ ސަބަބުން މިހާތަނަށް 10 މީހަކު ވަނީ މަރުވެފައެވެ. އެ ސަރަހައްދުގެ ހާލަތު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިތުރަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ އެ ސަރަހައްދަށް ޒިޔާރާތްކުރައްވާފައެވެ.

މި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރޭގައި ބަޔަކު މަރުވި އަލިފާނުގެ ހާދިސާއަކީ ހިތާމަވެރި ހާދިސާއެއްކަމަށެވެ. އަދި މިކަމާއި ގުޅޭގޮތުން ކަމާއިބެހޭ ފަރާތްތަކާއެކު ކުރަންޖެހޭ މަޝްވަރާތައް ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މާލެ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ތޮއްޖެހިގެން ދިރިއުޅެން ޖެހުމާއި މީހުން ދިރިއުޅޭ ސަރަހައްދުގައި ގަރާޖުތަކާއި ގުދަންތައް ހުރުން ކަމަަށެވެ. 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހެންވޭރުގައި ކެމިކަލް ގުދަނއްގައި ރޯވެ ހިނގި އަލިފާނުގެ ބޮޑު ހާދިސާއަށް އަލިއަޅުއްވާލައްވާ ރައީސް ސޯލިހު ވިދާޅުވީ އެ ހާދިސާ އަށް ފަހު މާލެ ސަރަހައްދުގައ ހުރި ހުރިހާ ކެމިކަލް ގުދަންތަކެއް މީހުން ދިރިއުޅޭ ސަރަހައްދުން ބޭރުކޮށްފައިވާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ ޕްލޭނަކީ މިފަދަ ގަރާޖުތަކާއި ވޯކްޝޮޕްތައްވެސް މާލެ ސަރަހައްދުންވެސް ބޭރުކުރުން ކަމަށެވެ. އެގޮތުން ތިލަފުއްޓާއި ގުޅީފަޅުގައި ހިންގަމުން އަންނަ ޕްރޮޖެކްޓުތަކުގެ ތެރޭގައި އެބައި ހިމެނޭ ކަމަށާއި، ހުރިހާ ގުދަންތަކަކާއި ގަރާޖުތައް އެ ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިހެން ހުރި ގަރާޖުތަކާއި ވޯކްޝޮޕްތައް ބަދަލުކުރުން އެއީ ކުރަން ޖެހިފައި އޮތް ކަމެއް. އެންމެ މުހިންމު ކަމަކީ ތޮއްޖެހިފައި އޮތް އޮތުމަށް ހައްލުހޯދުން. އެއަށް ފަހު ގަރާޖުތަކާ ވޯކްޝޮޕްތައް މީހުން ނޫޅޭ ސަރަހައްދަށް ބަދަލުކުރުން. ގުޅީފަޅާ ތިލަފުށީގެ ޕްލޭންގައި ހުންނާނެ މިކަންކަމަށް ސަރަހައްދުތައް ކަނޑައެޅިފައި. އެހެންވީމަ އެއާ އެކީ މިކަން ކުރިއަށްދާނެ. ލަސްވެފަ ހުރި ކަމެއް ހަގީގަތުގައި ވެސް. މިއީ ހަމަ މިހާރުން މިހާރަށް ހައްލުގެނަން ޖެހިފައި ހުރި ކަމެއް." ރައީސް ވިދާޅުވިއެވެ.


ރައީސް ވިދާޅުވީ މިފަދަ ކަންކަން ހައްލުކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއި އެކު ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ނުހިނގާނެ ގޮތަށް ކުރަންޖެހޭ ހުރިހާ ކަމެއް ކަނޑައަޅައި، ވީ އެންމެ އަވަހަކަށް އެކަންކަން ކުރައްވާނެ ކަމަށެވެ.

ރައީސް ސާލިހު ވަނީ ރޭގެ ހާދިސާގައި އެންއެންޑީއެފްއިން އަމަލުކުރި ގޮތް ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ހާދިސާ ރިޕޯތުކުރިތާ 3 މިނެޓުތެރޭގައި އެމްއެންޑީއެފްއިން އެޓެންޑުވެ، އެތަނުގައި ހުޅުގަނޑު ފެތުރުން ކޮންޓްރޯލުކުރުމަށް އެކަށީގެންވާ ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.