ވިޔަފާރި

އެންމެ ފެއަރއަކުން ފެށި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް މުޅި ދުނިޔެއަށް ފުޅާވެއްޖެ: ތައްޔިބު


އެންމެ ފެއަރއެއްގައި ބައިވެރިވެގެން ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި މާކެޓްކުރަން ފެށި މަސައްކަތް މިހާރު މުޅި ދުނިޔެއަށް ފުޅާކޮށްފައިވާކަމަށް އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ތައްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

ތައްޔިބު މިހެން ވިދާޅުވީ، ޑަބްލިއުޓީއެމް ލަންޑަންގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ 50 އަހަރުގެ ކާމިޔާބީ ދުނިޔޭގެ ނޫސްވެރިންނާއި ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ޑަބްލިއުޓީއެމް ލަންޑަންގެ ތެރެއިން ކުރިއަށްގެންދިޔަ "މޯލްޑިވްސް މީޑިއާ މީޓް"ގެ ތެރެއިންނެވެ. މި ނޫސްވެރިންގެ ބައްދަލުވުން އޮތީ މިމަހުގެ 8 ވަނަ ދުވަހު އެކްސެލް ލަންޑަންގެ މީޑިއާ ސެންޓަރުގައެވެ.

މި ހަރަކާތުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައިވަނީ ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކާއި ހޯދަމުންދާ ކާމިޔާބީތަކަށެވެ. މި އިވެންޓުގައި ޓްރެވަލް ޓްރޭޑްގެ ބޭފުޅުންނާއި މީޑިއާ އަދި ޓޫރިޒަމާ ގުޅުންހުރި ކުންފުނިތަކާއި ޖަމިއްޔާތަކުން ގިނަ ފަރާތްތަކެއް ބައިވެރިވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުން ފެށުމުގެ ގޮތުން، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރުމަށް ކުރެވުނު މަސައްކަތްތަކާ ބެހޭ ގޮތުން އިންޑަސްޓްރީގެ އެއް ބާނީ ޗަމްޕާ ހުސެން އަފީފު ވާހަކަފުޅު ދެއްކެވިއެވެ. ފަތުުވެރިކަން ފެށުމަށް ކުރެވުނު މަަސައްކަތްތަކާ ބެހޭ ތަފްސީލް ދެއްވަމުން އަފީފު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އޭރާއި މިހާރުގެ ތަފާތުތަކާ ބެހޭ ގޮތުންވެސް ވާހަކަ ދައްކަވާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގް ޑިރެކްޓަރު ތޮއްޔިބް ވަނީ ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެގޮތުގައި މާކެޓްކުރުމުގައި، މަސައްކަތައް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްކުރުމުގަ އާއި އެރައިވަލްސްގެ އިތުރުކުރުމަށް ކުރެވޭ މަސައްކަތުގައިވެސް، ހުއްޓުމެއް ނެތްކަމަށާއި، އަބަދުވެސް ރާއްޖެއަކީ ފަތުރުވެރިންނަށް އެންމެ ކަމުދާ މަންޒިލްގެގޮތުގައި ދެމެހެއްޓުމަށް އެމްއެމްޕީއާރުސީން ކެނޑިނޭޅި މަސައްކަތްކުރަންދާކަމަށް ވިދާޅުވެފައެވެ. މި ގޮތުން ކުރެވޭ މަސައްކަތުގެ ހެއްކެއްގެ ގޮތުން 2020 އަދި 2021ގައި ދުނިޔޭގެ ލީޑިންގް ޑެސްޓިނޭޝަންގެ މަގާމު ރާއްޖެއިން ކާމިޔާބުކޮށް، މި އަހަރު ވިދިވިދިގެން 3 ވަނަ ފަހަރަށް އެ މަގާމަށް ރާއްޖެ ނޮމިނޭޓްވެފައިވާކަން ތައްޔިބްގެ ވާހަކަފުޅުގައިފާހަގަކުރެއްވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް ވަނީ ވޭތުވެދިޔަ 50 އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކާ ބެހޭގޮތުން އަދި ލިބިފައިވާ ކާމިޔާބީތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ރާއްޖެއިން ގަބޫލުކުރާ ގޮތުގައި "ޓޫރިސްޓްސް އޮފް ދަ ފިއުޗަރ" ވަރަށް ހަލުވިކަމާއެކު އަދުގެ ހާލަތަށް ބަދަލުވަމުންދާއިރު، މަންޒިލްތަކާއި ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކުން ސަސްޓެއިނަބަލް ޓޫރިޒަމް ޕްރެކްޓިސްތަކަށް މާނަހުރި ގޮތެއްގައި މަސައްކަތްކުރަންޖެހޭކަން މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ޑަބްލިޔުޓީއެމް 2022ގައި ކުރިއަށްގެންދިޔަ މި ނޫސްވެރިންގެ ބައްދަލުވުމުގެ މަގުސަދަކީ އިނގިރޭސިވިލާތާއި އެހެން މާކެޓްތަކުގެ މަޝްހޫރު މީޑިއާ ޕަބްލިކޭޝަންތަކާއި ބައްދަލުކޮށް، ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު އެ ފަރާތްތަކާ ހިއްސާކުރުމެވެ. އިނގިރޭސިވިލާތަކީ މި އަހަރު ރާއްޖެއަށް މިހާތަނަށް ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޤައުމުވެސްމެއެވެ.

މޯލްޑިވްސް މީޑިއާ މީޓްގެ ތެރެއިން، އަންނަ އަހަރު އެމްއެމްޕީއާރުސީން ބޭއްވުމަށް ހަމަޖެހިފައިވާ ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާސް ކޮންފަރެންސް 2023 ވަނީ އިފްތިތާހުކޮށްފައެވެ.