ޚަބަރު

ހަންގޭރީގެ ފޮރިން މިނިސްޓަރުގެ ދަތުރުފުޅު ނިންމަވާލައްވައިފި


ހަންގޭރީގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ ރޭ ދަންވަރުއެވެ. އެއް ދުވަހުގެ މި ދަތުރުފުޅުގައި މިނިސްޓަރ ޕީޓާ ސިއާޓޯ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަނާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޒު އިސްމާއިލާވެސް ބައްދަލުކުރައްވާފައިވެއެވެ.

މިނިސްޓަރ ޝާހިދާއި މިނިސްޓަރ ސިއާޓޯ ވަނީ ރަސްމީ ވާހަކަފުޅުތައް ބާއްވަވައި، ރާއްޖެއާއި ހަންގޭރީއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ތިން އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އެއީ މި އެއްބަސްވުންތަކުގެ ތެރެއިން އިޤްތިޞާދީ ދާއިރާއިން މިހާރު ކުރިއަށްދާ މަޝްރޫޢޫތަކުގެ ކަންކަން ބަލާ ދިރާސާ ކުރުމަށްޓަކައި ދެ ޤައުމު ހިއްސާވާގޮތަށް ކޮމިޝަންއެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ ފަދަ ދާއިރާތަކަށް އިންވެސްޓްމަންޓު ހޯދުމަށް ދެގައުމު ގުޅިގެން މަސައްކަތް ކުރުމާއި، އެ ދާއިރާއިން ދެ ގައުމުގެ މާހިރުންނާއި އޮފިޝަލުންގެ އެކްސްޗޭންޖް ޕްރޮގްރާމްތަކެއްވެސް ކުރިއަށް ގެންދިއުން މި އެއްބަސްވުމުގައި ހިމެނެއެވެ.

މީގެ އިތުރަށް މަތީ ތަޢުލީމްގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އެއްބަސްވުމުގެ ދަށުން ހަންގޭރީއާއެކު 2021 ވަނަ އަހަރު ވެފައިވާ އެއްބަސްވުން 2024 ވަނަ އަހަރާހަމައަށް ވަނީ ދަމަހައްޓާފައެވެ. މިގޮތުން 2021 ވަނަ އަހަރު ފޯރުކޮށްދިން 15 ސްކޮލަރޝިޕްގެ ފުރުޞަތު، 2024 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 25 ސްކޮލަރޝިޕަށް އިތުރުކޮށް ދިނުމަށް މި އެއްބަސްވުމުގައި ހިމަނާފައިވެއެވެ.

ކުޅިވަރުގެ ދާއިރާއިން ވެވުނު އެއްބަސްވުގެ ދަށުން ހަންގޭރީން ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީން ކުރުމުގެ ފުރުޞަތާއި ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މިއީ ހަންގޭރީގެ ފޮރިން މިނިސްޓަރަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.