ޚަބަރު

ދަޢުލަތުގެ މުއައްސަސާތައް ބަދުނާމުކުރާނަމަ ފިޔަވަޅު އެޅެންޖެހޭނެ


މަރުކަޒީ ބޭންކް އެމްއެމްއޭގެ އަގުވާއްޓާލުން ފަދަ ކަންކަންކުރާ ފަރާތްތަކާމެދު ފިޔަވަޅުއެޅޭނެ ނިޒާމެއް ޤާއިމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ގދ. ތިނަދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ނިޒާމެއް ރައްޔިތުންގެ މަޖިލިސް މެމްބަރުން މެދުވެރިކުރައްވާ ޤާއިމްކުރައްވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މިފަދަ ފަރާތްތަކާމެދު ހަމައެކަނި އަބުރުގެ ދަޢުވާކުރައްވައިގެން ނިންމަވާލެއްވެން ނެތްކަމަށެވެ.ރައީސް ވިދާޅުވީ، ޤައުމެއްގެ ހުރިހާ ބޭންކްތަކެއް ބަލަހައްޓާ ފަރާތްތަކުގެ އަގުވައްޓާލައި، ރާއްޖެއިން ބޭރުގައި ނުބައި ދޮގު މައުލޫމާތުތަކެއް ފެތުރުމުން އެކަމުގެ ސަބަބުން ބޭންކް ތަރައްޤީއަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނެކަމަށެވެ. އަދި ބޭންކް ތަކުގެ އިތުބާރު ގެއްލިގެންދާނެކަމަށް އެމަނިކުފާން ވިދާޅުވިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއާއި އެއޮތޯރިޓީގެ ވެރިންގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވައި، ބަދުނާމްކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށް އެއޮތޯރިޓީންވެސް ވަނީ އަންގަވާފައެވެ.  އެމްއެމްއޭއިން މިކަން ބަޔާންކުރެއްވީ އެމްއެމްއޭގެ ގަވަނަރު އާޒިމާ އާދަމްގެ ސީދާ ބެއްލެވުމުގެ ދަށުން ރާއްޖެއަށް 1.5 ބިލިއަން ޔޫއެސް ޑޮލަރުގެ ނަގުދު ފައިސާ ގެނެސްފައިވާ ކަމަށާއި އެފައިސާތައް އަމިއްލަ ފަރާތްތަކުގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާކަމަށް އެމްޑީޕީގެ ޗެއަރޕާސަން ޢަލީ ވަޙީދު އަމިއްލަ ޓީވީ ސްޓޭޝަނެއް މެދުވެރިކޮށް ވާހަކަދެއްކެވުމާ ގުޅިގެނެވެ. އެކަން ދޮގުކުރައްވައި، އެމްއެމްއޭއިން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އެފަދަ ވާހަކަތަކަކީ ދައުލަތުގެ މުއައްސަސާތަކާއި އިސްވެރިންގެ އިތުބާރާއި އަބުރާއި ޢިއްޒަތް ގެއްލުވާލުމަށް ދައްކާ ދޮގު ވާހަކަތަކެއްކަމަށެވެ.