ޚަބަރު

މައްސަލަ މަޖިލީހުން ބަލަމުން ދަނިކޮށް މެޖިސްޓްރޭޓް ނިޝާރު އިސްތިއުފާދެއްވައިފި


ބ.ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރު، މަޤާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅައި، ކޮމިޓީގައި މައްސަލަ ކުރިއަށް ދަނިކޮށް، އިސްތިއުފާ ދެއްވައިފިއެވެ.

ނިޝާރު މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ބަލުމަށް މަޖިލީހުގެ ތަޅުމުން ހުށަހަޅާފައިވަނިކޮށެވެ.

ނިޝާރު މަޤާމުން ވަކިކުރަން ނިންމާފައިވަނީ، ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ދައުވާއެއްގައި ދައުވާ ލިބުނު ފަރާތާއެކު އޮތް ވިޔަފާރި މަސްލަހަތެއްގެ ސަބަބުން، އެ ޤަޟިއްޔާ ބެލުމުން އަހުމަދު ނިޝާރު ތަނާޒުލުވުމުން އެ ޤަޟިއްޔާ ބެލުމަށް އެހެން މެޖިސްޓްރޭޓަކު އައްޔަން ކުރެވިފައިވަނިކޮށްވެސް އޭނާ އަމިއްލައަށް އެ ޤަޟިއްޔާ ބެލުމާ އަލުން ޙަވާލުވެފައިވަނީ ކަނޑައެޅިފައިވާ އިޖުރާޢަތާ ކަނޑައެޅިގެން ޚިލާފަށްކަމަށް ޖޭއެސްސީއަށް ސާބިތުވުމާއި ގުޅިގެންނެވެ.

ޖޭއެސްސީން ވިދާޅުވީ، އިސްމެޖިސްޓްރޭޓް އަޙުމަދު ނިޝާރު އަމިއްލައަށް ޙަވާލުވެ ޝަރީއަތް ހިންގާފައި ވަނީ ކުރިން ތަނާޒުލުވި ސަބަބު ހަމައެގޮތުގައި ދެމިއޮއްވާކަމަށާއި، މިއީވެސް ތަނާޒުލުވުމާ ގުޅޭ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއްކަމަށެވެ. އަދި ފަހުން އެ ޤަޟިއްޔާއާ ހަވާލުވެ ޝަރީޢަތް ހިންގަމުންދިޔަ ގޮތާއި، މި މައްސަލާގައި ހިނގާފައިވާ އެހެންވެސް ކަންކަމަށް ބަލާއިރު، މަސްލަހަތު ފުށުއަރާ ސަބަބެއް އޮވެގެން އެ ޤަޟިއްޔާ ބެލުމުން ތަނާޒުލުވުމަށްފަހު އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރު އަމިއްލައަށް އަލުން އެ ޤަޟިއްޔާ ބެލުމާ ޙަވާލުވީކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

އަދި އެ ޤަޟިއްޔާ ހިންގާފައިވަނީ އަޙުމަދު ނިޝާރާއި އެ ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތާ ދެމެދު އޮތް ވިޔަފާރީގެ މަސްލަހަތަކާ ގުޅިގެން، މަޤާމުގެ ހައިސިއްޔަތާއި ޒިންމާ ނަހަމަގޮތުގައި ބޭނުންކޮށް ނާޖާއީޒް މަންފާއެއް ހޯދުމުގެ ގަސްތުގައިކަން ސާބިތުވާ ކަމަށްވެސް ޖޭއެސްސީގެ ނިންމުމުގައިވެއެވެ.