ޚަބަރު

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް އިނާމު ދިނުން މާދަމާރޭ


މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާ ރޭ ބާއްވަވާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މި އަހަރު ލިބިވަޑައިގަންނަވަނީ، ކީރިތި ޤުރްއާން ހިތުދަސްކޮށްގެން 1 ވަނަ ދަރަޖާގައި ފާސްވި 13 ޙާފިޒުންނަށާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވައިފައިވާ 9 ބޭފުޅަކަށާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 41 ބޭފުޅަކަށެވެ.

މީގެ އިތުރުން ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ބޭފުޅަކަށްވެސް އިނާމު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަކޮށްގެން މި އަހަރު ހުޅުވައިލި، އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، މީހުން ބިނާކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައިގެން، އިނާމު ހާސިލުކޮށްފައިވާ ކުންފުންޏަކަށްވެސް އިނާމު ދެއްވާނެއެވެ.

މިއަހަރު އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފައިވާ ޚާއްޞަ އިނާމާބެހޭ ފަންނީ ކޮމިޓީންނެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ.