ޚަބަރު

ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭރުތޮށިލުމުގެ މަސައްކަތް މިމަސްތެރޭގައި ނިމޭނެ: ކައުންސިލް


ޅ.ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ޖަހާ ބްރޭކް ވޯޓަރ ނުވަތަ ބޭރުތޮށިލުމުގެ މަސައްކަތް މިމަސްތެރޭގައި ނިންމާލެވޭނެ ކަމަށް އުންމީދު ކުރާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުންދަނީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ.

ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މި މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ކުރިއަށްދަނީ ބޭރުތޮށިލުމުގެ މަސައްކަތެވެ. އެމަސައްކަތުގެ 86 އިންސައްތަ ނިމިފައިވާ ކަމަށް މަސައްކަތުގެ ކޮންޓެކްޓަރ އެމްޓީސީސީން ވިދާޅުވެއެވެ. އެރަށު ކައުންސިލްގެ ނާއިބު ރައީސް އިބްރާޙިމް މުފީދު ވިދާޅުވީ މަސައްކަތް ހަލުވި މިނެއްގައި ކުރިއަށްދާކަމަށާއި، މިމަސްނިމުމުގެ ކުރިން ބޭރުތޮށިލުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން 361 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮއްޓެއް ލާނެއެވެ. އެތޮށިލަނީ އެރަށް އެންމެ ބޮޑަށް ގިރާ ހުޅަނގު ފަރާތުގައެވެ. މިމަޝްރޫޢުގެ މަސައްކަތުގެ ދަށުން 822 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްވެސް ޖެހުމަށްވަނީ ހަމަޖެހފައެވެ.

ކުރެންދޫ ރަށްގިރުމުގެ މައްސަލައަށް ހައްލުގެނައުމުގެ މަސައްކަތް ސަރުކާރުން ފެށީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ކުރެންދޫއަށް ކުރެވި ދަތުރު ފުޅަށްފަހުއެވެ. މިދަތުރުފުޅުގައި އެރަށު ރައްޔިތުން ފާޅުކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ މޫސުންގޯސްވެ އުދަ އަރާ ދުވަސްތަކުގައި ރަށަށް ރާޅު އަރާ ގެއްލުންތަކެއް ކުރިމަތިވުމާއި އެރަށު ގޮނޑުދޮށް ގިރަމުންދިއުމުގެ ކަންބޮޑުވުމެވެ. އެކަމަށް ހައްލު ގެނައުމުގެ މަސައްކަތް އޭގެ މަހެއްހާދުވަސް ފަހުން ސަރުކާރުން ފެށިއެވެ. މިމަސައްކަތް ފެށުމަކީ އެރަށު ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުވެގެން ދިޔަކަމެއްކަމެއް އެރަށު ރައްޔިތުން ޤަބޫލު ކުރެއެވެ.

ކުރެންދޫ ކައުންސިލްގެ ނާއިބުރައީސް އިބްރާހިމް މުފީދު ވިދާޅުވީ އެރަށު ބޮޑު ފުޓްބޯޅަ ދަނޑު ހިމެނޭ ސަރަހައްދުގައިވެސް ރިވެޓްމަންޓް ޖެހުމުގެ ހަމަޖެހިފައިވާކަމަށެވެ. މިދިޔަ އަހަރު އެރަށަށް އުދަ އެރުމުގެ ސަބަބުން އެފުޓްބޯޅަ ދަނޑަށްވަނީ ބޮޑެތި ގެއްލުންތައް ލބިފައެވެ. މި މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް އެރަށަށް ގެންގޮސްފައިވާއިރު މި މަސްތެރޭގައި އިތުރު ހިލަ އަންނާނެކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރއާ ހަވާލާދީ އެރަށު ކައުންސިލުން ވިދާޅުވެއެެވެ.

މިނިސްޓްރީއޮފް ނޭޝަަނަލް ޕްލޭނިގްއިން މިމަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 44.9 މިލިއަން ރުފިޔާއަށެވެ.