ޚަބަރު

ދިވެހިންގެ ސިއްހީ ހާލަތު ރަތް ރޮނގު ހުރަސްކޮށް، ނުރައްކާތެރި ހިސާބެއްގައި!


ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ހުންނަންޖެހޭ މިންވަރަށް ވުރެ ބަރުދަން އިތުރު އަދި ފަލަ މީހުންކަމަށާއި ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ހެލިފެލިވެ ނޫޅޭކަމަށް ރާއްޖޭގައި ކުރި ސްޓެޕް ސަރވޭއިން ދައްކައިފިއެވެ.

މިސަރވޭ ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި ޑަބްލިއުއެޗްއޯ ގުޅިގެންނެވެ.

ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލީގެ ހިރާސްތައް ހުރި މިންވަރު ދެނެގަތުމަށް 2020 ވަނަ އަހަރުން ފެށިގެން 2021ގެ ނިޔަލަށްވަނީ ދިރާސާއެއް ކުރިއަށްގެންގޮސްފައެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ މިންގަނޑުން ކުރިއަށްގެންދިޔަ މިދިރާސާއިންވަނީ ކަންބޮޑުވާ އެތައްކަމެއް ހާމަވެފައެވެ. ދުޅަހެޔޮކަމާއި ގުޅޭ އެތައްކަމެއް މިދިރާސާއިން ހާމަވެފައިވާއިރު އާދަކާދައާއި ގުޅިފައިވާ އެތައްކަމެއްވެސް ވަނީ ހާމަވެފައެވެ.

ސްޓެޕް ސަރވޭއިން ހާމަވެފައިވާގޮތުގައި ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ ބަރުދަން ހުންނަންޖެހޭ މިންވަރަށްވުރެ ބަރު ފަލަމިން ހުންނަންޖެހޭ މިންވަރަށްވުރެ ފަލަ މީހުންނެވެ. މިމައްސަލަ މިހާ ބޮޑުވެފައިވާއިރު އާބާދީގެ ދެބައި ކުޅަ އެއްބައި މީހުން ހެލިފެލިވެ ނޫޅޭކަންވެސް މިދިރާސާއިން ދައްކައެވެ. އެގޮތުން އާބާދީގެ ކޮންމެ 5 މީހުން ތެރެއިން އެކަކީ ފަލަ އަދި ބަރު ދަން ހުންނަންޖެހޭ މިންވަރަށްވުރެ ބަރު މީހުން ކަމަށް މިދިރާސާއިންވަނީ ހާމަވެފައެވެ. މިއީ ނުރައްކާތެރި އެތައް ބައްޔަކަށް މީހާ ހުށައެޅުމަށް މަގުފަހިވާކަމެއްކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

މިދިރާސާއިން ހާމަވާ ގޮތުގައި ރާއްޖޭގެ ކޮންމެ 4 މީހެއްގެ ތެރެއިން އެކަކު ދުންފަތުގެ އިސްތިޢުމާލުކުރެއެވެ. ދުންފަތުގެ އިސްތިޢުމާލުކުރާކަމަށް ރިކޯޑުކުރެވިފައިވާ އެންމެ ހަގު ޢުމުރަކީ، ޢުމުރުން 8 އަހަރުކަމަށްވެސް މިދިރާސާއިން ދައްކައެވެ. ރާއްޖޭގައި އެންމެ ގިނައިން ފެންނަ ފުއްޕާމޭގެ ބަލިތަކާއި ނޭވާލާ ނިޒާމުގެ ބަލިތަކާއި ކެންސަރަށް މަގުފަހިވާ އެއްކަމަކަށްވެފައިވަނީވެސް ދުންފަތުގެ އިސްތިއުމާލުކުރުމެވެ. އަދި ކޮންމެ 20 މީހުން ތެރެއިން އެކަކު ރަލުގެ ކޮންމެވެސް ބާވަތެއް ބޭނުންކުރެއެވެ. އަދި ކޮންމެ 4 މީހެއް ތެރެއިން އެކަކު މަސްތުވާތަކެތި ބޭނުންކުރެއެވެ.

ދިވެހިންގެ ކެއިންބުއިމުގައި ލޮނު ބޭނުންކުރާ ނިސްބަތްވެސްހުރީ ކަންބޮޑުވާ މިންވަރެއްގައިކަމަށް މިދިރާސާއިންވަނީ ހާމަވެފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ދިވެހިންގެ ކެއުމުގައި 8.8 ގްރާމް ބޭނުންކުރާކަން ހާމަވެފައިވާއިރު މިއީ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންވަރަށްވުރެ 4 ގުނަ އިތުރު ޢަދަދެކެވެ. ކެއިން ބުއިމުގައި ލޮނު ބޭނުންކުރެވޭ ނިސްބަތް އިތުރުވުމަކީ ކިޑްނީގެ ބަލިތަކާއި ލޭމައްޗަށް ދިޔުމާއި ހިތުގެ ބަލިތަކަށް އަދި ސްޓްރޯކަށް މަގުފަހިވާ އެއްސަބަބެވެ.

ރާއްޖޭގެ އާބާދީގެ ކޮންމެ 3 މީހުންތެރެއިން 1 ގެ ލޭގައި ކޮލެސްޓްރޯލް ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ކޮލެސްޓްރޯލް ހުންނަކަމަށް މިދިރާސާއަށްވަނީ ހާމަވެފައެވެ. އަދި ކޮންމެ 4 މީހެއް ތެރެއިން 1 ލޭ މައްޗަށްދާކަން ހާމަވެފައިވާއިރު އާބާދީގެ 14 އިންސައްތަ މީހުންގެ ހަކުރު ހުރީ ހުންނަންޖެހޭ މިންވަރަށްވުރެ މަތީގައިކަމަށް މިދިރާސާއިން ދައްކައެވެ.

2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ކުރިއަށްގެންދިޔަ ސްޓެޕް ސަރވޭގައި 3100 މީހުންވަނީ ބައިވެރިވެފައެވެ. މިދިރާސާކުރިއަށް ގެންގޮސްފައިވަނީ ޢުމުރުން 15 އަހަރާއި 69 އަހަރާއި ދެމެދުގެ މީހުންނަށް އަމާޒުކޮށްގެންނެވެ. ރާއްޖޭގައި ގައިންގަޔަށް ނާރާ ދާއިމީ ބޮޑެތި ބަލިތަކުގައި މީހުން މަރުވުން ފަހަކަށް އައިސް އިތުރުވެފައިވުމަކީ ސިއްޙީ ދައިރާގެ ބޮޑުކަންބޮޑުވުމެކެވެ. ޚާއްސަކޮށް މިފަދަ ބަލިތަކުގައި ޒުވާނުން އިތުރުވަމުން އަންނަކަންވެސްވަނީ ފާހަގަކުރެވިފައެވެ.