އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ވެއިޓް ލިސްޓު 300 އަށް ކުޑަކުރެވިފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ރާއްޖޭގައި އިތުރުވަމުންދާ ނަފްސާނީ ބައްޔާއެކު އައިޖީއެމްއެޗްގައި ޤާއިމުކޮށްފައިވާ ސެންޓަރ ފޯރ މެންޓަލް ހެލްތު ޑިޕާޓްމަންޓަށްވަނީ ބާރު ބޮޑުވެފައެވެ.
ނަފްސާނީ ބަލި ރާއްޖޭގައި އޮތް މިންވަރު އިތުރުވެ މިމައްސަލައަށް ޙައްލެއް ގެނައުމަށް ސަރުކާރުން ނިންމަވާ އައިޖީއެމްއެޗްގައި ސެންޓަރ ފޯރ މެންޓަލް ހެލްތު ޑިޕާޓްމަންޓެއް ޤާއިމުކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. މިސެންޓަރު ޤާއިމުކުރުމާއެކު މެންޓަލް ހެލްތު ޑިޕާޓްމަންޓް މެދުވެރިކޮށް ނަފްސާނީ ބަލިތަކަށް ފަރުވާހޯދުމަށް އެދޭ މީހުންގެ ޢަދަދު އިތުރުވެ ޚިދުމަތްވަނީ ބޮއްސުންލައިގެން ގޮސްފައެވެ. މިކަމުގައި ކުރިމަތިވީ އެންމެ ބޮޑު ގޮންޖެހުމަކީ ޚިދުމަތް ފޯރުކޮށްދޭންތިބި ފަރާތްތަކާއި ޚިދުމަތަށް އެދޭ މީހުންގެ ނިސްބަތް ބޮޑުތަނުން ތަފާތުވުމެވެ.
ޚިދުމަތް ދެވޭ މިންވަރަށްވުރެ ބޮޑަށް ރާއްޖޭގައި ނަފްސާނީ ބަލި އޮތްކަން މީގެން ހާމަވެގެން ދިޔައިރު މިކަމަށް ކުރަންޖެހޭ މަސައްކަތް ބޮޑުކަން ސަރުކާރަށްވަނީ ވަޒަންކުރެވިފައެވެ. އެހެންކަމުން ކޯވިޑްގެ ދުވަސްވަރުކުރިމަތިވީ ގޮންޖެހުންތަކާއެކުވެސް ނަފްސާނީ ބައްޔަށް ދެވޭ ފަރުވާ ފުޅާކުރުމަށް ސަރުކާރުން ގެންދެވީ މަސައްކަތްކުރައްވަމުންނެވެ.
ޕީއެސްއެމްނިއުސްގެ ބަޖެޓް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމް ވިދާޅުވީ ނަފްސާނީ ބައްޔަކީ ބައްޔެއްކަމަށް ޤަބޫލުކޮށް އެކަމާއި މެދު އެންމެ ބޮޑު ފިޔަވަޅެއް އެޅި ހަމައެކަނި ސަރުކާރަކީ މިސަރުކާރުކަމަށެވެ. ރާއްޖޭގައި އޮތް ނުރައްކާތެރި މިބައްޔަށް ފަރުވާ ފަށައިގެން މިހާހިސާބަށް އާދެވުނުއިރު ކާމިޔާބީތަކެއް އަދި ކުރިއެރުންތަކެއް ޙާސިލުވެފައިވާކަމަށް މިނިސްޓަރ ޢަލީ ޝިޔާމް ވިދާޅުވިއެވެ.
"އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ވެއިޓްލިސްޓު އެކަނިވެސް މިދޭތެރޭގައި 5000އަށްވުރެ މައްޗަށް އަރާފައި އޮތީ. އެހެންނަމަވެސް ޚިދުމަތަށް ގެނެވުނު ބަދަލާއެކު މިހާރު ވެއިޓްލިސްޓުވަނީ 300 އަށް ކުޑަކުރެވިފައި." މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.
ނަފްސާނީ ބައްޔާއި މެދު މީހުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވުނު މަސައްކަތުން މިއީ ބައްޔެއްކަމަށް މިއަދު ޤަބޫލުކުރާ މީހުން އިތުރުވަމުންދާކަމަށާއި ފަރުވާއަށް އެދޭ މީހުންވެސް އިތުރުވެފައިވާކަމަށް ޝިޔާމް ވިދާޅުވެއެވެ. އައިޖީއެމްއެޗްގައި ނަފްސާނީ ބައްޔަށް ފަރުވާދޭނެ ޚާއްސަ ޑިޕާޓްމެންޓެއް ހުޅުވާފައިވާއިރު އެޑިޕާޓްމަންޓްގެ ޚިދުމަތްފުޅާކޮށް މިއަހަރުވަނީ އެޑްމިޓްކޮށްގެން ނަފްސާނީ ފަރުވާދެވޭނެ ހެން 9 އެނދުގެ ވޯޑެއް ޤާއިމުކޮށްފައެވެ.
މީގެއިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައި ނަފްސާނީ ބައްޔަށް ފަރުވާދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު އައްޑޫގައި ފަރުވާދިނުމަށް ބޭނުންވާ މަރުކަޒުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި އަތޮޅުތެރޭގައި ނަފްސާނީ ބައްޔަށް ދެވޭ ފަރުވާ ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ލ.ގަމު ރީޖަނަލް ހޮސްޕިޓަލުން އަންނަނީ މުޅި ލ.އަތޮޅަށް އަމާޒުކޮށް ނަފްސާނީ ފަރުވާ އޮންލައިން ކޮންސަލްޓޭޝަން މެދުވެރިކޮށް ދެވޭނެ އިންތިޒާމު ހަމަޖައްސައި ޚިދުމަތް ދެމުންނެވެ.