ޚަބަރު

އެމްއައިބީގެ 'އުޖާލާ ދިރިއުޅުން' މެދުވެރިކޮށް ސްޓެލްކޯ ސޭލްސް ސެންޓަރުން މިހާރު މުދާ ގަނެވޭނެ


މޯލްޑިވްސް އިސްލާމިކް ބޭންކު، އެމްއައިބީގެ 'އުޖާލާ ދިރިއުޅުން' ފެސިލިޓީ މެދުވެރިކޮށް މިހާރު ސްޓެލްކޯގެ ސޭލްސް ސެންޓަރުން ކަސްޓަމަރުންނަށް މުދާ ގަނެވޭނެ ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

އެމްއައިބީގެ އުޖާލާ ދިރިއުޅުން ފެސިލިޓީއަކީ އާންމު ދިރިއުޅުމުގައި ބޭނުންކުރާ މުދާ ހެޔޮއަގުގައި މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާގޮތަށް އިސްލާމީ ޝަރީއަތުގެ ހަމަތަކުގެމަތިން ދޭ ފެސިލިޓީއެކެވެ. މިފެސިލިޓީގެ ދަށުން ފަރުނީޗަރު، އިލެކްޓްރޯނިކްސް، ފޯނުފަދަ މުދާ ކްރެޑިޓް އުސޫލަށް ނެގޭނެކަމަށް އެމްއައިބީން ހާމަކުރެއެވެ.

ސްޓެލްކޯއިން މަޢުލޫމާތުދޭ ގޮތުގައި ކަރަންޓުލުމަށް ބޭނުންވާ ހުރިހާ ސާމާނައި އަދި ކަރަންޓު ވައިރުކުރުމަށް ބޭނުންވާ އާލާތްތަކާއި އަދި މިނޫނަސް ކަރަންޓާއިގުޅޭ ތަފާތު ބްރޭންޑު ތަކުގެ އުފެއްދުންތައް ކަސްޓަމަރުންނަށް މިސްކީމްގެ ދަށުން ލިބޭނެއެވެ.

މިސްކީމްގެ ދަށުން އެމްއައިބީން ގަބޫލުކުރާ ތަނެއްގައި ވަޒީފާ އަދާކުރާ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް މުދާ ގަނެވޭނެކަމަށް އެބޭންކުން މަޢުލޫމާތުދެއެވެ. މި ސްކީމުގެ ދަށުން ގިނަވެގެން ނެގޭނީ 400000 ރުފިޔާގެ މުދަލެވެ. މިފަދަ ސްކީމްތަކުގެ ސަބަބުން ކަސްޓަމަރުންގެ ތެރެއިން އެއްފަހަރާ ފައިސާދައްކަން ދަތިވާ ފަރާތްތަކަށް ގިނަ ފަސޭހަތައް ލިބިގެންދާނެކަމަށް އެބޭންކުން ޤަބޫލުކުރެއެވެ.

އެމްއައިބީން މަޢުލޫމާތުދޭ ގޮތުގައި ފައިނޭންސިން އެހެން ސްކީމްތަކާ ޚިލާފަށް މި ސްކީމުގައި ފައިސާ ދައްކަން ބޭނުންވާ މުއްދަތު 18 މަހާއި 48 މަހާ ދެމެދުގެ މުއްދަތެއްގެ ތެރެއިން ކަސްޓަމަރު ބޭނުންވާ މުއްދަތެއް ޚިޔާރުކުރެވޭނެކަމަށެވެ.

އަދި މި ސްކީމުގެ ދަށުން ލިބޭ ފައިސާގެ ލިމިޓް 06 މަސް ވަންދެން ބޭނުންކުރެވޭނެ ކަމަށާއި މުދާ ދޫކުރާ މުއްދަތުގައި ބޭންކަށް ހަމައެކަނި ކޯޓޭޝަން ހުށަހެޅުމުން ދުވަހުން ދުވަހަށް މުދާ ލިބޭނެކަމަށްވެސް އެބޭންކުން މަޢުލޫމާތުދެއެވެ.