ޚަބަރު

ހަނިމާދޫ ކައުންސިލް ރައީސާއި، އިތުރު 2 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި


އުޞޫލުތަކާ ޚިލާފަށް ހަނިމާދޫ ބަނދަރު ސަރަޙައްދުން ބިން ކުއްޔަށްދިން މައްސަލައިގައި 3 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. މިމައްސަލާގައި ދައުވާ ކުރަން ފޮނުވާފައިވަނީ ކައުންސިލްގެ މިހާރުގެ ރައީސް ހިމެނޭހެން އިތުރު ދެމީހެއްގެ މައްޗަށެވެ.

މި މައްސަލާގައި ދައުވާ ކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ހަނިމާދޫ ކައުންސިލްގެ މިހާރުގެ ރައީސްގެ ޢަބްދުއްސައްތާރު ޙަސަންގެ އިތުރުން، މުޙައްމަދު ރާޟީ އަދި ޙަސަން ޖަޢުފަރުގެ މައްޗަށެވެ. މިމީހުންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ހޮޓާ ހިންގުމާއި ވިޔަފާރި ކުރުމާއި ތެލުގެ މަސައްކަތް ކުރުން ފަދަ ބޭނުންތަކަށް ބަނދަރު ސަރަހައްދުން 2016 ވަނަ އަހަރުއިއުލާންކޮށްގެން އަމިއްލަ ފަރާތަކަށް ކުއްޔަށް ދީފައިވާ ބިމުގެ މައްސަލައާއި، އިޢުލާން ކުރުމެއްނެތި އިތުރު 128 އަކަފޫޓުގެ ބިމެއް އެފަރާތަށް ކުއްޔަށް ދޫކުރި މައްސަލާގައެވެ.

ދިރިއުޅުމަށް ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ޚާއޞާ އުސޫލުތަކެއް ޤަވާއިދުގައި ބަޔާންކުރެއެވެ. ނަމަވެސް ލޯކަލް ކައުންސިލް އިޙްތިޞާޞް ހިނގާ ސަރަހައްދުގައި ހިމެނޭ ދަޢުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ ގަވާއިދާއި ޚިލާފަށް އިއުލާނުކުރުމެއްނެތި އެ ބިން ކުއްޔަށް ދީފައިވާކަން ތަޙުޤީހަށް ސާބިތުވާކަމަށް އޭސީސީން ވިދާޅުވިއެވެ.

15 އަހަރުގެ މުއްދަތަށް އެ ފަރާތަށް ބިން ލިބޭގޮތަށް ކުއްޔަށްދީފައިވަނީ ހުއްދަ ހޯދުމެއްނެތި ކަމަށްވާތީ، މިތިން މީހުންނަށް ދިވެހި ރާއްޖޭގެ ޤާނޫނުލް އުޤޫބާތުގައި ބަޔާންކޮށްފައިވާ ކޮރަޕްޝަންގެ ޢަމަލު ހިންގާފައިވާކަމުގެ ދަޢުވާކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އޭސީސީން ވަނީ އެދިފައެވެ.

އަދި ބިން ކުއްޔަށްދޫކޮށްފައިވާ ފަރާތާއެކު ވެފައިވާ އެއްބަސްވުމުގައި ބުނާ، ކުލީގެ ގޮތުގައި ލިބެންޖެހޭ 30,240.00ރ (ތިރީސް ހާސް ދުއިސައްތަ ސާޅީސް) ރުފިޔާ އާއި ބިމު ކުލި ނުދައްކާ ލަސްވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 5927.04ރ (ފަސް ހާސް ނުވަ ސަތޭކަ ހަތާވިސް ރުފިޔާ ހަތަރު ލާރި) އާއެކު ޖުމްލަ 36,167.04ރ (ތިރީސް ހަ ހާސް އެއްސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާ ހަތަރު ލާރި) ހޯދާފައިވާކަން އެނގެން ނެތަތީ، އެފައިސާ އާއި އަދި މިހާތަނަށް ލިބެންޖެހި ނުލިބިވާ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާވެސް ހޯދުމަށް ހދ.ހަނިމާދޫ ކައުންސިލްގެ އިދާރާއަށް އޭސީސީން ވަނީ އަންގާފައެވެ.