ދުނިޔޭގެ ވިޔަފާރި

އިންޑިގޯގެ 30 ފްލައިޓް ގްރައުންޑްކޮށްފި


އިންޑިއާގެ އެންމެ ބޮޑު އެއަރލައިން ކަމަށްވާ އިންޑިގޯ އެއަރލައިން އިން ގާތްގަޑަކަށް 30 ފްލައިޓް ހޯމަ ދުވަހު ގްރައުންޑްކޮށްފިއެވެ. އިންޑިގޯއިން ބުނިގޮތުގައި ފްލައިޓްތައް ގްރައުންޑް ކުރަން ޖެހުނީ މައްސަލަ ޖެހި އަލުން މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުންނެވެ.

ފްލައިޓްތައް ގްރައުންޑްކުރިކަން އިންޑިގޯގެ ތަރުޖަމާނު ވަނީ މީޑިއާއަށް ކަށަވަރުވެސްކޮށްދީފައެވެ. އަދި މުޅި ދުނިޔޭގެ އޭވިއޭޝަން އިންޑަސްޓްރީގައި ތަކެތި ލިބުމުގެ ދަތިކަން ކުރިމަތިވަމުން އަންނަ ކަމަށްވެސް ތަރުޖަމާނު ވަނީ ބުނެފައެވެ.

ފްލައިޓްތައް އަވަހަށް އޮޕަރޭޝަނަށް ގެނެސް ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގެ ގޮތުން ކަމާއިބެހޭ ފަރާތްތަކާއި މަޝްވަރާތައް ކުރަމުން ގެންދާ ކަމަށްވެސް ތަރުޖަމާނު ބުންޏެވެ. މިހާރު އޮތް މާކެޓަށް ބަލާފައި ފްލައިޓްތައް އިތުރު ކުރަމުން ދާނެ ކަމަށްވެސް އެ އެއަރލައިނުން ބުނެއެވެ.

އޭވިއޭޝަން ކޮންސަލްޓެންސީ ފާމް، ސީއޭޕީއޭ އިން ބުނި ގޮތުގައި މަރާމާތުކުރުމާއި އިންޖީންގެ މައްސަލަތައް ދިމާވެގެން އިންޑިއާގެ އެކި އެއަރލައިންތަކުން 75 ބޯޓު މިވަގުތު ވަނީ ގްރައުންޑްކޮށްފައެވެ.

އެއަރކްރާފްޓްތައް މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ލިބުމުގެ ދަތިކަމާއި ސްޕެއާ އިންޖީނު ލިބުން މުޅިދުނިޔޭގައިވެސް ދަތިވުމުގެ ސަބަބުން އެއަރލައިންގެ އޮޕަރޭޝަނަށް ވަނީ ބުރޫއަރާފައި ކަމަށް އިންޑިގޯގެ ސީއީއޯ ޕީޓާ އެލްބާސް ވިދާޅުވިއެވެ.

އަހަރުގެ ތިން ވަނަ ކުއާޓަރުގައި އިންޑިގޯގެ ބެލެނިވެރި ކުންފުނި، އިންޓްގްލޯބް އޭވިއޭޝަނަށް ހަކަތައިގެ އަގުއުފުލުމުގެ ސަބަބުން ވަނީ 1583.34 ކްރޯޑް ރުޕީސްގެ ގެއްލުން ލިބިފައެވެ.

އިންޑިގޯ އެއަރލައިނަކީ ދުނިޔޭގެ 7 ވަނަ އަށް ދުވާލެއްގެ މައްޗަށް އެންމެ ގިނައިން މީހުން އުފުލާ އެއަރލައިނެވެ. އެއަރލައިނުން ދުވާލަކު 1600 ފްލައިޓް އޮޕަރޭޓް ކުރާއިރު، މި ފްލައިޓްތައް 100 މަންޒިލަށް ދަތުރުކުރެއެވެ. މީގެތެރޭގައި ބައިނަލްއަގުވާމީ 26 މަންޒިލްވެސް ހިމެނެއެވެ.