ޚަބަރު

ބަޖެޓު ބޮޑުވުމަށްވުރެ، 2023ގެ ބަޖެޓުން ރައްޔިތުންނަށް ވާނެ ފައިދާ ބޮޑު: ޝިޔާމް


ބަޖެޓެއްގެ ކުޑަ ބޮޑުމިން ބަލާނީ އޭގެއިން ރައްޔިތުންނަށް ވާ ފައިދާ ބަލަފައި ކަމަށާއި، އެކަމަށް ބަލާއިރު އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓަކީ ބޮޑު ބަޖެޓެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލީ ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓު ބޮޑު ކަމަށް ބުނެ ބައެއް ފަރާތްތަކުން އަމާޒުކުރާ ފާޑުކިޔުންތަކަށް ރައްދުދެއްވައި، ޕީއެސްއެމްގެ ބަޖެޓް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ބަޖެޓުގެ ވާހަކަ ދައްކާއިރު، އޭގެ ބޮޑު ކުޑަމުން ކަނޑައަޅާނީ ރައްޔިތުން ކަމަށެވެ.

އެގޮތުން ބަޖެޓަކީ ރައްޔިތުންގެ ކުރިއެރުމާ ސީދގޮތުން ގުޅިފައިވާ އެއްޗަކަށް ވާއިރު، އެ ބަޖެޓުން ގެދޮރުވެރިކަމާއި، ތައުލީމާއި ސިއްހަތު ފަދަ ބޭނުންހުރި ދާއިރާތަކުން ރައްޔިތުންނަށް ލިބޭ ފައިދާއަށް ކޮންމެހެން ބަލަން ޖެހޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަސްލުގަ މި ބަޖެޓުގެ ބޮޑު ކުޑަމުން ކަނޑައެޅޭނީ ރައްޔިތު މީހާ އަށް ވާގޮތުންނޭ މި ބުނަނީ. ރައްޔިތުންނަށް ވާނެ ގޮތް އަޅުގަނޑުމެންނަށް އެބަ ފެނޭ. ތިލަދުންމައްޗަށް އަންނަ ބަދަލުން ރައްޔިތުންނަށް ވާނެ ގޮތް އެބަ ފެނޭ. އެއީ މުޅި ރާއްޖެއަށް ބޮޑު ބަދަލެއް ގެންނާނެ ކަމެއް. ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅާލީމަ ވާނެ ގޮތް އެބަފެނޭ. ރަށުގަ ހުރެގެން ސިއްހީ ހިދުމަތް ފަސޭހައިން ލިބޭތީ ވަ ގޮތް އެބަ ފެނޭ." މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.


މިނިސްޓަރ ޝިޔާމް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓަށް ބަލާއިރު، އޭގައި ގިނައީ ރައްޔިތުންނަށް ފައިދާވާ ގޮތަށް އެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ބައިތައް ކަމަށެވެ. މިކަން އިތުރަށް ތަފްސީލްކޮށްދެއްވަމުން ޝިޔާމް ވަނީ ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިދިޔަ ހަތަރު ވަރަކަށް އަހަރު ތެރޭ ހިންގާފައިވާ މަޝްރޫތަކާއި، ކުރިއަށް އޮތް ތަނުގައި ހިންގަން ނިންމާފައިވާ މަޝްރޫތަކުން ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަމަށެވެ.

ޝިޔާމް ވިދާޅުވީ މި ބަޖެޓަކީ އަދަދުގެ ގޮތުން ބަލާ ނަމަ ސަރުކާރުން މިހާތަނަށް ހުށަހަޅާފައިވާ އެންމެ ބޮޑު ބަޖެޓު ކަމަށެވެ. އެކަން އެހެން ވަނީ މި ބަޖެޓަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތަކާ ގުޅިފައިވާ ބަޖެޓެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ މި ބަޖެޓަކީ ރައީސްގެ ހުރިހާ ވައުދުތައް ފުއްދުމަށް އަމާޒު ހިފާފައިވާ ބަޖެތެއް ކަމަށާއި، މިބަޖެޓަކީ ރައްޔިތުންގެ އުންމީދުތައް ހާސިލްކުރާ ބަޖެޓެއް ކަމަށެވެ.

2023 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 42,680,269,914 (ސާޅީސް ދެ ބިލިއަން، ހަ ސަތޭކަ އައްޑިހަ މިލިއަން، ދުއިސައްތަ ފަސްދޮޅަސް ނުވަ ހާސް، ނުވަސަތޭކަ ސާދަ) ރުފިޔާއެވެ.

ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުންކަމަށެވެ. އެގޮތުން ޒަމާނުއްސުރެ ހައްލުނުވެ ހުރި އަސާސީ އެތައް މައްސަލައެއް ހައްލުކުރުމަށް މަގުފަހިކުރުންކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުންކަމަށާއި، އިޖުތިމާޢީ އަދި އިޤްތިސާދީ އިންގިލާބީ ބަދަލުތަކެއް އަންނަކަމުގެ އިހުސާސް ރައްޔިތުންނާ ގާތްކޮށްދިނުންކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.