ޚަބަރު

ދަޢުވާނުކޮށް ބަންދުގައި 3 މަސްދުވަހު ބެހެއްޓޭގޮތަށް ޤާނޫނަށް އިސްލާޙު ގެނެސްފި


ފުލުހުން ތަހުގީގު ކުރަމުންދާ ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުން 3 މަސްދުވަހު ބަންދުގައި ބޭއްތިއްބޭ ގޮތަށް ޖިނާއީ އިޖުރާޢަތު ޤާނޫނަށް އިސްލާހު ގެނެސް މަޖިލީހުން ފާސްކޮށްފިއެވެ.

ޖިނާއީ އިޖުރާޢަތު ޤާނުނަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އެ އިސްލާހު މަޖިލީހުން ފާސްކުރީ 56 މެމްބަރުންގެ ވޯޓުންނެވެ. މިމަސައްކަތް ޖުޑީޝަރީ ކޮމެޓީން ކުރެއްވިއިރު ފުުލުހުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، ޖޭއެސްސީގެ އިތުރުން ހިއުމަންރައިޓްސް ކޮމިޝަނާ ބައްދަލުކޮށް މަޝްވަރާ ހޯއްދާފައިވެއެވެ.

ބިލަށް ގެނައި އެންމެ މުހިންމު އިސްލާޙަކީ ފުލުހުން ތަހުގީގު ކުރަމުންދާ ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހާގެ ބަންދާމެދު މިހާރު ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ބަދަލު ގެނައުމެވެ. މިހާރު ޤާނޫނުގައި ބުނާގޮތުން ޖިނާއި ބޮޑެތި މައްސަލަތަކުގައި މީހަކު ބަންދުގައި ބެހެއްޓޭނީ 75 ދުވަހަށެވެ. ނަމަވެސް ޤާނޫނަށް އަލަށް ގެނައި އިޞްލާހުގައި ވަނީ 90 ދުވަހަށް އެމީހަކު ބަންދުގައި ބެހެއްޓުމުގެ ފުރުސަތު ފުލުހުންނަށް ދީފައިވެއެވެ.

ޖިނާއީ ބޮޑެތި ކުށްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހާގެ ތަހުގީގު މުއްދަތު އިތުރުކުރުމަށް ފުލުހުން ބޭނުންވާނަމަ ތަގުގީގުގެ މުއްދަތު 60 ދުވަހަށް އިތުރު ކުރުމަށްވެސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ. މިހާރު ޤާނޫނުގައި އޮންނަނީ 45 ދުވަހުގެ މުއްދަތެކެވެ.

މީގެ އިތުރުން ޤާނޫނަށް ގެނައި އެހެން ބައެއް އިސްލާހުތަކުގެ ތެރޭގައި ހައިކޯޓަށް ހުށަހެޅޭ ބައެއް މައްސަލަތައް އެންމެ ފަނޑިޔާރަކަށްވެސް ބެލޭނެ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި ދަށު ކޯޓުން ހުށަހަޅާ ބައެއް މައްސަލަތަކުގައިވެސް އެއް ފަނޑިޔާރަށްވެސް މައްސަލައާ މެދު ގޮތެއް ކަނޑައެޅިދާނެ ކަމަށާއި އެފަދަ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ދަށު ކޯޓުގައި ހިނގަމުންދާ ޝަރީއަތުގެ ކުރިން ހުށަހެޅުން ހުށަހަޅާ މަރުހަލާގައި އެ ކޯޓަކުން ނިންމާ ނިންމުންތަކާއި ޝަރީއަތުގެ މަރުހަލާގައި ކޯޓަކުން ނެރެފައިވާ އަމުރެއްގެ އިސްތިއުނާފީ މައްސަލަތައް ކަމަށްވެސް ބުނެފައިވެއެވެ.

ޖިނާއީ އިޖުރާތު ޤާނޫނުގައި ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި 11 ކުށެއް ވަނީ މީގެ ކުރިން ކަނޑައަޅާފައެވެ. ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކުށްތަކުގެ ތެރޭގައި ހިމެނެނީ މީހަކު މެރުމުގެ ކުށް، ރޭޕްކުރުމުގެ ކުށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް، ޓެރަރިޒަމްގެ ކުށްތައް، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް، ޓްރެފިކްކުރުމުގެ ކުށް، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް، ލައްކައަކަށްވުރެ މަތީގެ ފައިސާގެ ޢަދަދު ހިމެނޭ ކުށް، ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް، އަދި ރިޝްވަތުގެ ކުށާއި ކޮރަޕްޝަންގެ ކުށެވެ.