ޚަބަރު

ޕީސީބީގެ ނާއިބު ރައީސް ފިރާޟް އަށް މަޖިލީހުން ރުހުން ދީފި


ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީގެ ނާއިބް ރައީސަކަށް އައްޔަންކުރައްވާފައިވާ މުޙައްމަދު ފިރާޟް އަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޕީސީބީގެ ނާއިބު ރައީސަކަށް މުޙައްމަދު ފިރާޟަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ، ދިރާސާކުރީ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީންނެވެ. ކޮމިޓީގެ ނިންމުމާ އެއްގޮތަށް ފިރާޟް ރުހުން ދޭން މަޖިލީހުން ފާސްކުރެއްވީ 57 މެންބަރުންގެ ވޯޓުންނެވެ.

ފިރާޟް ވަނީ މެލޭޝިއާގެ އޯޕެން ޔުނިވަސީޓީން މާސްޓާރ އޮފް ބިޒްނަސް އެޑްމިނިސްޓްރެޝަން ފުރިހަމަ ކުރައްވަފައެވެ. ޕީސީބީގެ ނާއިބް ރައީސްކަމުގެ މަޤާމަށް ފިރާޟް ހަމަޖައްސަވާފައިވަނީ އެމަޤާމުގައި ހުންނެވި އާސިމް މުހައްމަދު އެބޯޑުގެ ރައީސްކަމަށް އައްޔަން ކުރެއްވުމުންނެވެ.

ޕީސީބީގެ ބޯޑުގައި މިހާރު ތިއްބަވާ މެމްބަރުންނަކީ ބޯޑުގެ ރައީސް ޢާސިމްގެ އިތުރުން ދެން ތިއްބެވި މެންބަރުންނަކީ ޢާއިޝަތު ޝާޒްލީއާއި، ޢަލީ ޝަފީއުއާއި، އަހްމަދު ޝަރީފް ޔޫސުފާއި، ރުޝާހާ އަޙްމަދު ޝަރީފްއެވެ.